Last Updated: April 27, 09:44
Saturday, April 27, 2024
ޚަބަރު

ޔާމީން ގެނައި ތަރައްގީގެ މަޝްރޫތައް ހުއްޓުމުން ދެރަވޭ: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންނެވި ތަރައްގީގެ މަޝްރޫތައް ހުއްޓުމުން އެކަމާ ދެރަވާ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އާއި ޕީއެންސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައިސްފައިވަނީ އޮޅުވާލުމެއްގެ ތެރެއިން ކަމަށާއި ބާރު ސްޕީޑެއްގައި ޔާމީން ގެންނެވި ތަރައްގީގެ މަޝްރޫތައް މިއަދު ހުއްޓުމުން އެކަމާ ދެރަވާ ކަމަށެވެ.

"ދިވެހި ރައްޔިތުން ބޭނުންވެފައި އޮތް ތަރައްގީ، ރައްޔިތުން ބޭނުންވެފައިވާ ބާރުމިނަށް ވުރެ ވެސް ބާރުމިނުގައި ރައީސް ޔާމީން ތަރައްގީ ގެނެސްދެއްވީ. އެކަމަކު މިއަދު ވެރިކަމަށް ވަޑައިގެން ފަސް މަސް ދުވަސް ވީއިރު، އެ ވިދާޅުވަނީ ދައުލަތަށް ލިބުނު ފައިސާގެ ތެރެއިން މިހާރު 1.8 ބިލިއަން ރުފިޔާ އަށް ވީގޮތެއް ނޭނގެއޭ. ދިޔަ ތަނެއް ނޭނގޭ. އެކަމާ ޒިންމާ ވާނެ މީހަކު ނެތް. އެ ވާހަކަ ދައްކާނެ މީހަކު ސަރުކާރު ތެރޭގައި ނެތް" އަދުރޭ ވިދާޅުވިއެވެ.

ޔާމީންގެ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލައެއް އޮތް ކަމަށް މީހެއްގެ މައްޗަށް ސާބިތުވުމުން ވަގުތުން ފިޔަވަޅު އަޅައި ޝަރީއަތަށް ވެސް މައްސަލަ ފޮނުވި ކަމަށާއި ނަމަވެސް މި ސަރުކާރުގައި 1.8 ބިލިއަން ރުފިޔާ އަށް ވީގޮތެއް ނޭނގިގެން އުޅޭ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދި ރައްޔިތުން ވެރިކަމަށް މީހަކު ގެންނަނީ ތަންތަނުގައި ކުޅޭ ކްރިކެޓު މެޗު ބައްލަވަން ނޫން ކަމަށާއި ތަރައްގީ މަޝްރޫތައް ހިންގައި އަސާސީ ހައްގުތައް ކަށަވަރުކޮށްދޭންޖެހޭ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުން އަދުރޭ ވަނީ އިދިކޮޅު ފަރާތްތަކުން ސަރުކާރުން ކުރާ ކަންތައްތަކަށް ވަރަށް ބޮޑަށް ފާރާވެރިވެގެން ތިބޭނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ގޯހެއް ހަދަން ފަށައިފިއްޔާ އަޑު އުފުލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.