Last Updated: June 30, 20:43
Monday, June 30, 2025
މުނިފޫހިފިލުވުން

ދީވާނާ 2 (ތެޔާޅީސްވަނަބައި)

" އާން….އޭނަޔަށް އިންޒާރުވެސް ދިނީމެއްނު…އެކަމު ވީކަމެއްނެތެއްނު….ޝައުންވެސް ހުއްޓުވޭތޯ އުޅުނީމެއްނު…އެކަމު އެކަމެއްވެސް ނުވިޔެއްނު….ދެން އަހަރެން ތިކަމާ އުޅޭނަން….އާން ބަލަންހުރޭ….އަހަރެން ޝައުންވެސް ހުއްޓުވާނަން…." މާޒް ޔަޤީންކަމާއެކު ބުނެލިއެވެ.

އައިރާ ކައިވެނިކޮށްގެން މާޒްމެންގެ ގެޔަށް ދިޔަފަހުން ޝައުންއާއި އައިރާ ދިމާވެފައިވަނީ މަދުފަހަރަކުއެވެ. އެހެންކަމުން މާޒްގެ އެދުމަށް އައިރާ ޝައުންއަށް ރޭގަނޑުގެ ކެއުމަކަށް މާޒްގެ ގެޔަށް ދައުވަތު ދިނެވެ. މާޒްގެ ބޭނުމަކަށްވީ ކޮންމެވެސް ގޮތަކުން އަދްޔަންގެ ވާހަކަ ޝައުންއާ ދެއްކުމެވެ. އެހެންކަމުން، ކެއުމަށްފަހު އެކި އެކި ވާހަކައިގެ ތެރެއިން އެންމެފަހުން މާޒް ބޭނުންވީ ވާހަކަ ފެށިއެވެ.

" ޝައުން…ކުރިން ދުވަހަކު އަހަރެން ދުށިން ޝައުން ކޮންމެވެސް ފިރިހެނަކާއެކު ސައިކްގަ ދަނިކޮށް…އަނެއްކާ އެހެންކަމެއް ފެށީތަ؟…" ސަމާސާ ރާގަކަށް މާޒް އަހާލިއެވެ.

" އާނ ދެން ޝައުންއެއްކަމަކު ކީއްވެތަ އަބަދު ހުސްކޮށް ހުންނަންވީދޯ ޝައުން…" އައިރާވެސް ޝައުންއާ ދިމާކޮށްލުމުގެ ގޮތުން ބުނެލިއެވެ. ޝައުން ޖަވާބެއްނުދީ ހިނިތުންވެލިއިރު އޭނާގެ މޫނުމަތިން ހިސާބަކަށް ކަންބޮޑުވުން ފާޅުވެއެވެ.

" އޭ…ތިޔެއްނޫނޭ…އަހަރެން އެއްދުވަހަކު ކޮންމެވެސް ކަމަކު އާންގެ އޮފީހަށް ދިޔައިރު، އެއްކަހަލަ އަދްޔަން ފެނުނު….އާންގާތު އެހީމަ ބުނި މިހާރު އޭނަ އެތާނގަ މަސައްކަތްކުރާ ވާހަކަ….ކީއްވެ އޭނަ އެތަނާ ގުޅުނީ؟…އަނެއްކާ ޝައުންގެ ފަހަތުން އައިސް އޮފީހަށްވެސް ވަނީތަ؟…" މާޒް ގަޔާވެލާފައި ސުވާލުކޮށްލިއެވެ. ޝައުން އިނީ އެސުވާލަށް ޖަވާބުދޭން ބޭނުން ނުވެފައެވެ.

" ނޫނޭ…އޭނަގެ ބައްޕަގެ ހިއްސާއޮންނަތަނެއްވީމަ އޭނަ އެތާ އެއުޅެނީ…" ޝައުން އަވަސް އަވަހަށް ބުނެލިއެވެ.

" އެކަމު އެރޭ ޝައުންއާއެކު ފެނުނީ އޭނާހެން އަހަރެންނަށް ހާދަ ހީވެޔޭ….ތިދެމީހުންގެ މެދުގަ ކަމެއް ނެތްކަން ހަމަ ޔަޤީންތަ؟…" މާޒް އަނެއްކާވެސް އަހާލިއެވެ.

" މާޒް….މާޒް ކީކޭ ކިޔަންތަ ތިއުޅެނީ؟…ތިކިޔަން އުޅޭ އެއްޗެއް ތަންކޮޅެއް ސާފުވާގޮތަކަށް ކިޔާބަލަ؟.." މާޒް ދައްކަންފެށި ވާހަކައިން ކުޑަކޮށް ނުރުހިފައި ޝައުން އަހާލިއެވެ.

" އާނ…ތިހީވީ ރަނގަޅަށް….އަހަރެން މިއުޅެނީ ޝައުންއާ އަދްޔަންގެ ގުޅުމަކީ ކޮބާތޯ އޮޅުން ފިލުވަން….އަހަރެންނަށް ޔަޤީން ތިދެމެދުގަ ކޮންމެވެސް ގުޅުމެއް އެބައޮތްކަން….އެއްރޭ ތިދެމީހުން އެކީގަ ފެނުނީމަ ޔަޤީން ނުވެގެން އާންގާތު އެހީ އަދްޔަން އުޅޭތޯ….އާންގެ ފަރާތުން އަހަރެން އެނގުނީ އޭނާ މަސައްކަތްކުރަނީ އެއޮފީހުގަކަން….އެހެންވެ ދެވަނަ ފަހަރަށްވެސް އަހަރެން ތިދެމީހުންނަށް ފާރަލީން…އަހަރެންނަށް ފެނުނު މަންޒަރުން ދެމީހުންގެ މެދުގަ ގުޅުމެއް އޮތްކަން ޔަޤީންވި…ޝައުން ތިގޮތަށް މީހުނަށް އޮޅުވާލައިގެން އުޅޭނީ ކިހާ ދުވަހަކު….އޭނައަތުން ބޮނޑިއެއް ލިބޭންދެންވެސް ތިގޮތަތަށްތަ އުޅެން ގަސްތުކުރަނީ؟…" މާޒްގެ އަޑުގައިވެސް މިފަހަރު ހުރީ ނުރުހުމުގެ އަސަރެވެ.

" މާޒް…އަހަރެންގެ ދިރިއުޅުމާމެދު މާޒް ވިސްނާކަށް ނުޖެހޭނެ…އަހަރެން ވާހަކަ ދައްކާނެ މީހަކާ ގުޅުން ބާއްވާނެ މީހެއް އެނގޭނީ ހަމަ އަހަރެންނަށް…އެކަމާ މާޒް ކަންބޮޑުވާނެ ކަމެއްނެތް…އަހަރެންނަކީ މިހާރު ކުޑަކުއްޖެއްނޫން….އަހަރެންގެ އަމިއްލަ ނަފްސު ދިފާއުކުރަން އަހަރެންނަށް އެނގޭނެ…" ޝައުން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

" ޝައުން…އަހަރެން މިވާހަކަ މިދައްކަނީ ޝައުންއަށް ރަނގަޅަކަށް….އަހަރެމެންނަކީ ކުޑައިރުއްސުރެ އެކީ އުޅެ ބޮޑުވިބައެއް….އަހަރެންނަށް ވަރަށް ރަނގަޅަށް ޝައުންވެސް އަދި އަދްޔަންވެސް އެނގޭ….އަހަރެންނަށް ހަމަޔަޤީން ޝައުން އަދްޔަންއާ ގަޔާވެގެން ނޫޅޭނެކަން….ދެންކޮބާ އޭނާއާއެކު އުޅުމުގެ ބޭނުމަކީ….އަދި އަމްދުން ޝައުންއާމެދު އެހާ ގޯސްއަމަލެއް ހިންގާފަހުރި މީހަކަށް އިތުބާރުކޮށްފަ، އޭނާއާއެކު އެކަހެރިވާން ހެޔޮވާނެތަ؟…އޭނަ އަނެއްކާވެސް އެފަދަކަމެއް ކޮށްފާނެދޯ…" މާޒް އުޅުނީ ޝައުންއަށް ވިސްނައިދޭށެވެ.

" މާޒްއަށް ކިހިނެއް އެނގުނީ އޭނަ އަހަރެންނަށް ކަމެއްކުރިކަން…އާންތަ ބުނީ…" ސީރިއަސްވެލާފައި ޝައުން އެހިއެވެ.

" އާނ…އާންގެ ފަރާތުން އަހަރެންނަށް އެނގުނީ….އެހެންވެ މިބުނީ ކީއްވެހޭ އޭނައާއެކު ތިއުޅެނީ؟…ޝައުންއަށް އޭނަ ކަމުނުދާނެކަން މިއީ ރޭގަނޑުފަދައިން އަހަރެންނަށް އެނގޭ…ދެން ކޮބާ ބޭނުމެއް؟…ބުނެބަލަ!…" މާޒް އޮޅުން ފިލުވަން ބޭނުންވިއެވެ.

" އޭނަ މިހާރު ބަދަލުވެއްޖެ….އެއްވެސް މީހަކު އަބަދު އެއްގޮތަކަށް ނޫޅޭނެއްނު….އޭނަ އަހަރެންގާތުން މާފަށްއެދުނީމަ އަހަރެން މާފްކުރީ…އެކަން އެނިމުނީނު…" ފަރުވާކުޑަ ގޮތަކަށް ޝައުން ބުނެލިއެވެ.

" އެހާ ފަސޭހައިން މާފުކުރީއޭތަ ތިބުނީ؟…ޝައުންއަކީ އެއްވެސް އިރެއްގަ މީހަކަށް ފަސޭހައިން މާފުކުރާނެ މީހެއްނޫން…އެކަން އަހަރެންނަށް ޔަޤީން.." މާޒް ޔަޤީންކަމާއެކު ބުނެލިއެވެ.

" މާޒް…އަހަރެންވެސް އަބަދު އެއްގޮތަކަށް ނުހުންނާނެ ދޯ….އަހަރެންގެ ދިރިއުޅުމުގަވެސް ކިތަންމެ ކަމެއް ބަދަލުވެއްޖެ…ވަގުތާ ހާލަތާއެކު އިންސާނުންނަށްވެސް ބަދަލުވާން މަޖުބޫރުވޭ…އަހަރެންވެސް މިހުރީ ބަދަލުވެފަ….އަދްޔަންވެސް ހުރީ ބަދަލުވެފަ….އެހެންވީމަ އަހަރެން ބޭނުމެއްނޫން އިތުރަށް އެވާހަކަ ދައްކާކަށް…" ޝައުން ބޭނުންވީ އެވާހަކަ އެހާހިސާބުން ކުރުކޮށްލުމަށެވެ.

" އެކަމު އަހަރެން ބޭނުން ޝައުން އޭނައާ ގުޅެންޖެހުނު ސަބަބެއް ހޯދަން…ޝައުންއަށް އޭނަ ނޫނަސް ރަނގަޅުމީހުންވާނެ….އެކަމު އޭނަ…ކީއްވެ؟.." މާޒް ހުރީ ހުއްޓާލާގޮތަކަށް ނޫނެވެ.

" އަހަރެން އެރިކްއާވެސް ގުޅުނިންދޯ…އެކަމު އެކަމެއްވެސް ނުވިޔެއްނު….ދެން އަބަދު އަހަރެންވެސް ހުސްކޮށް ހުންނާކަށް ނުޖެހޭދޯ…އަހަރެންނޫން ހުރިހާ އެންމެން މިހާރު ކައިވެނިކުރީ…އަހަރެންވެސް ބޭނުން ކައިވެނިކުރަން….ކުރިއްސުރެ އަދްޔަން އަހަރެންދެކެ ލޯބިވޭ…އެހެންވީމަ އޭނަޔާ ކައިވެނިކުރަން އަހަރެން ނިންމައިފިން….އަހަރެން އެވާހަކަ ނުބުނަން މިހުރީވެސް ކަލޭމެން އެކަމަށް ހުރަސްއަޅަން މަސައްކަތްކޮށްފާނެތީ….ދެން އެކަމު މިހާރު މިބުނީ…އެކަމު އަހަރެން ބޭނުމެއްނޫން މާޒް އަދި އާންވެސް މިކަމަށް ހުރަސްއަޅާކަށް….މިއީ އަހަރެންގެ އަމިއްލަ ނިންމުމެއް….މިކަންދެން ބަދަލެއްނުވާނެ…އަހަރެންނަށް އެނގޭ އާން ބުނެގެންކަން މާޒްވެސް ތިވާހަކަ ތިދެއްކީ…އެކަމުވެސް އަހަރެން ދެން ބޭނުމެއްނޫން މިކަމާބެހޭގޮތުން އިތުރަށް ވާހަކަ ދައްކާކަށް…" ޝައުން އޭނާގެ ފަހުބަސް އިއްވިއެވެ.

" އެކަމު ޝައުންއަށް ހީވޭތަ އޭނަޔާ އިނދެގެން ޝައުންއަށް އުފަލުގަ އުޅެވިދާނެހެން….އަދި އޭނަ މުޅިއުމުރު ޝައުންއާ އެކުގަ އުޅެފާނެހެން….އެހެންނޫނަސް ޝައުންގެ އާއިލާވެސް ބޭނުމެއްނުވާނެ އެފަދަ މީހަކާ ޝައުން ގުޅޭކަށް…އަހަރެންނަށް ހަމަ ޔަޤީން…ޝައުން އަދި އެއްފަހަރު ވިސްނާލާ…" މާޒް މޮޅިވެރި ރާގަކަށް ބުނެލިއެވެ.

" އަހަރެން ވިސްނާނެ ވަރަކަށް ވިސްނައިފިން….މާޒް ބުނަން ރަނގަޅު ވާހަކައެއް….އަހަރެން އަމިއްލައަށް މިވާހަކަ އިތުރު މީހަކުގާތު ނުބުނަނީސް މާޒްވެސް ނުވާނެ މިވާހަކަ ދައްކައިގެން….އެކަކު ގާތުގަވެސް ބުނެގެން ނުވާނެ…އަހަރެން ދެންދަނީ…ވަރަށް ލަސްވެއްޖެ މިހާރު…" އެހެން ބުނެލުމަށްފަހު މަޑުކޮށްލުމެއްވެސް ނެތި ޝައުން ދިޔައެވެ.

" ވަރަށް ގޯސްމީހަކާތަ ޝައުން އިންނަން އެއުޅެނީ؟…" ޝައުން ދިއުމުން ކަންބޮޑުވެފައި އައިރާ ސުވާލުކޮށްލިއެވެ.

" އާނ…އެއީ އެއްގޮތަކަށްވެސް ކަމުދާ މީހެއްނޫން….ޝައުން އިންނަން އެއުޅެނީ އޭނަ ކަމުގޮސްގެންނެއްނޫން….ކޮންމެވެސް އެހެން ސަބަބެއް އެކަމުގަ އޮންނާނޭ އަހަރެންގެ ހިތްބުނަނީ…" ވިސްނާލާފައި މާޒް ބުންޏެވެ.
******
މެންދަމުގެ ވަގުތެވެ. ދެލޯމަރައިގެން އެތައްއިރަކު އޮތްއިރުވެސް ޝައުންއަށް ނިދޭގޮތެއްނުވިއެވެ. ނަމަވެސް އޭނަ ބޭރަށް ނުކުންނަ ޚިޔާލެއްވެސް ނުކުރިއެވެ. ބޭރުގައި އޭނަ ހުންނަ ކޮންމެ ރެޔަކު ދޮންބެއާ ކުރިމަތިލާން ޖެހެއެވެ. މިހާރަކަށް އައިސް އުޝާއަށް ނިދަން އުނދަގޫވާތީ އިޒްޔަންވެސް އުޅެނީ ގިނަވަގުތު ހޭލައެވެ. އެހެންކަމުން ޝައުން ކޮޓަރިތެރޭގައި ފޫހިކަމާއެކު އޮތެވެ. މިރޭ އޭނައަށް ވިސްނެމުން ދިޔައީ މާޒް ދެއްކި ވާހަކަތަކާއި މެދުގައެވެ. މާޒް އޭނައަށް ކިތަންމެ ހެޔޮއެދިގެން އެވާހަކަ ދެއްކިނަމަވެސް، އޭނާގެ މަޖުބޫރީ މާޒްގެ ކުރިމަތީ ހާމައެއް ނުކުރެވުނެވެ. އަދްޔަންއަކީ އޭނާއެދޭފަދަ މީހެއްނޫނޭ ނުބުނެވުނެވެ.

" އެރިކްއާ ކައިވެނިކުރެވުނުނަމަ ކިހާ ރަނގަޅު؟…" ޝައުންއަށް ހިތާހިތާ ކިޔާލެވުނެވެ. އެރިކްއަކީ ރަނގަޅު އިންސާނެކެވެ. އޭނަދެކެ ލޯބިވިއެވެ. އޭނައަށް އަޅާލައި އިހުތިރާމު ކުރެއެވެ. އެރިކްހުރީ އޭނައަށްޓަކާ ފިދާވާން ތައްޔާރަށެވެ. ނަމަވެސް އެރިކްގެ ބައްޕަގެ އިންޒާރުތަކަށް ބިރުން އެރިކްއާ ގުޅުން ކަނޑާލީ އޭނާއެވެ. އެރިކް އޭނާއަށް ގުޅާނެކަން އެނގޭތީ ގުޅޭނެ ހުރިހާ މަގެއް ބަންދުކުރިއެވެ. އަދި އޭނަގެ ފަހަތުން ރާއްޖެ އަންނާނެ ކަމުގައި އޭނަ ހީކުރިއެވެ. ނަމަވެސް އެރިކް އޭނަ ހޯދާކަށް ނައެވެ. އެރިކްއަށް ކޮންމެވެސް މަޖުބޫރެއް ދިމާވީކަންވެސް އޭނާއަށް ޔަޤީންވެއެވެ. އެހެންނޫންނަމަ އެރިކް އޭނާގެ ފަހަތުން އައީހެވެ.

ރޭދެބައިވެއްޖެއެވެ. މިރޭ އާއިންގެ ގާތަށްވެސް ނިންޖެއްނައެވެ. ފަހަކަށް އައިސް ޝައުންގެ އަމަލުތައް ހުންނަގޮތުން ޝައުންއާމެދު މާބޮޑަށް އޭނައަށް ވިސްނެނީއެވެ. އެނދުގައި އޮވެ އޮވެ ވަރުބަލިވެގެން އޭނާ ތެދުވިއެވެ. އެވަގުތު ނިދިފައި އޮތް ފަރަހަނާޒް ފުރޮޅިލާފައި އާންގެ ނަމުން ގޮވާލިއެވެ. އާއިން ގުދުވެ ފަރަހަނާޒްގެ ކޮލުގައި ބޮސްދިނެވެ. އަދި މޯޅިއަކަށް ދެމިލަމުން ކޮޓަރިން ނުކުތެވެ. ބަދިގެއަށްވަދެ ކޮފީއެއް ހަދާލައިގެން އައިސް ސިޓިންރޫމު ސޯފާގައި އޭނާ އިށީނެވެ. ކޮފީޖޯޑުން ކޯވަރެއްބޯލާފައި މޭޒުމަތީ ބެހެއްޓުމަށްފަހު ސޯފާގައި ލެނގިލައި ދެލޯމަރާލިއެވެ. އެވަގުތު އޭނާގެ ސިކުނޑީގެ ސްކްރީންއިން ޝައުންއާއި އަދްޔަންގެ ގައިގޯޅި މަންޒަރުތައް ސިފަވާން ފެށިއެވެ. ދެމީހުން ހީހީފައި މަޖާކުރާ މަންޒަރު ފެނުމުން ކުއްލިއަކަށް އޭނާއަށް ލޯހުޅުވާލެވުނެވެ.

" ކީއްވެ ޝައުން؟…ކީއްވެ؟…ޝައުން ކީއްވެ ތިހާބޮޑަށް އަހަރެންނާ ދުރުވީ؟…އަހަރެން މުޅިން ބީރައްޓެއްސަކަށް ހެދީ ކީއްވެ؟….ޝައުންއަށް ދެރައެއް ލިބިއްޖެނަމަ އަހަރެން ދެރަވާނެވަރު ނޭނގޭތަ؟…އަހަރެން ބޭނުމީ ޝައުން އުފަލުގަ ހުންނަތަން ދެކެން….ޝައުން ހިނިތުންވެފަ ހުންނަ މަންޒަރުދެކެން…އެކަމު އެ އަދްޔަންއާއެކު ތަމްސީލެއް ކުޅޭކަށްނޫން….އުފާވާކަމަށް ހެދިގެން މީހުންގެ ލޮލުގަ އަނދުން އެޅުވިނަމަވެސް ޝައުން އުފާނުވާނެކަން އަހަރެންނަށް އެނގޭ….ދެން ކީއްވެ އަމިއްލަ ނަފްސަށް އަނިޔާ ދޭންވީ؟…." އާއިން ހިތާ ހިތާ ޝަކުވާކުރަމުން ދިޔައެވެ.

އެބަސްތައް އޭނާ ޝައުންއަށް އިއްވަން ބޭނުންވިނަމަވެސް ޝައުން އެއަޑު ނާހާނެކަންވެސް އޭނާއަށް އެނގެއެވެ. ޝައުން އެވަނީ ބަދަލުވެފައެވެ. އޭނާ ހީނުކުރާހައި ބޮޑަށް ބަދަލުވެފައެވެ. ނަމަވެސް އޭނާ ގޮތެއް ހުހެއް ނުވާނެއެވެ. އަދްޔަން ކިތަންމެ މޮޅު ރޭވުމެއް ރާވައިގެން ހުރިކަމުގައި ވިޔަސް އެ ރޭވުމެއް އޭނާ ނާކާމިޔާބު ކޮށްލާނެއެވެ.

ފަތިސްދަމަށް އެޅިއިރުވެސް އާއިން އަދި ޝައުންވެސް ތިބީ ހޭލައެވެ. ދެމީހުން ދެތަނެއްގައިވީނަމަވެސް ދެމީހުންގެ ހިތްވެސް ގުޅިފައިވާ ކަހަލައެވެ. އެކަކު އަނެކަކަށްޓަކައި ނިދި ނަގާލައި މުޅި ރޭ ހޭލާތިބިއިރު، ދެމީހުންކުރެ އެކަކަށްވެސް އަނެކަކުގެ ހާލެއް ނޭނގެއެވެ.
*****
ޖެހިގެން އައި ދުވަހު އާއިން އޮފީހަށް ދިޔައީ ވަރުގަދަ އަޒުމަކާއެކުގައެވެ. ޝައުން އޭނާއަށް ސިއްރުކޮށްގެން އުޅޭ ކަންތައް މިއަދު އޭނާ ހޯދާނެއެވެ. އާއިން މިއަދުގެ ގިނަ ވަގުތު ހޭދަކުރަން ނިންމީ ޝައުންއާ އެކުގައެވެ. ޝައުންއާ އެކު އެކަހެރިވުމަށްޓަކައި ކުޑަނަމަވެސް ފުރުސަތެއް މިއަދު އަދްޔަންއަށް ދޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން އާއިން މިއަދުގެ ބްރީފިންއަށްފަހު ޝައުންގެ ބަޔަށް ދިޔައެވެ. މިއަދު އޭނާގެ ތާވަލް ރޭވިފައިވާގޮތް ޝައުންއާ ހިއްސާކުރިއެވެ.

" މިކޮންކަމެއް؟….ކީއްވެ އާން މިތާ؟…" ތާވަލަށް ބަލާލަމުން ޝައުން ހައިރާންވެފައި އެހިއެވެ.

" ތީގަ ވަރަށް ތަފްސީލުކޮށް އޮންނާނެ މިއަދު ކަންތައް ކުރަންވީގޮތް….މިތާނގަ މަސައްކަތްކުރަން ޖެހުނު ސަބަބުވެސް….އެހެންވީމަ މަސައްކަތް ފަށަންވީ؟…ބްރޭކަށްދާނީވެސް ދެމީހުން އެކީގަ…." އާއިން އޮޅުން ފިލުވައިދިނެވެ.

" އެކަމު އާން…މިވަގުތު އަހަރެން މަސައްކަތް ކުރަމުން މިދަނީ މިހަފްތާގަ ކޮންމެހެންވެސް ނިންމަން ޖެހޭ ޕްރޮޖެކްޓަކަށް….ދެން އެކަންތައް މެދުކަނޑާލަފަ އާންގެ މަސައްކަތަކަށް އަހަރެން ކިހިނެއް އެހީވާނީ؟…އޭރުން އަހަރެންގެ މަސައްކަތް ކިހިނެއް ނިމޭނީ؟" ޝައުން ސީރިއަސްކަމާއެކު ސުވާލުކޮށްލިއެވެ.

" ކުރީ ޕްރޮޖެކްޓްގެ ހުރިހާކަމެއް ރައުހާއާ ހަވާލުކުރޭ!…މާދަމާ ތުރުކީގެ ވިޔަފާރިވެރިއެއް ރާއްޖެއަށް ޒިޔާރަތްކުރާނެ….މިހާރު އޭނައާ ބައްދަލުކުރަން އެޕޮއިންޓްމެންޓްވެސް ހަމަޖައްސައިފިން…..އަހަރެން ބޭނުމީ އަހަރެމެންގެ ކުންފުނި އޭނައަށް ތަޢާރަފްކޮށް އޭނާއާއެކު ވިޔަފާރީގެ ގުޅުމެއް އުފެއްދުން….ރަނގަޅު ޕްރެޒެންޓޭޝަންއެއް ހުށަހެޅިއްޖެނަމަ އެކަން ވަރަށް ފަސޭހައިން ވެދާނެ…..ޝައުން ވަރަށް ކުޅަދާނަވާނެ މިކަހަލަ ކަންކަމަށް….އެހެންވީމަ ޝައުންގެ ގާތަށް މިއައީ….އަހަރެންދޭނަން ކުންފުނީގެ ވޭތުވެދިޔަ އަހަރުތަކުގެ ޑޮކިއުމެންޓްސްތައް….ދެމީހުންވެގެން މަސައްކަތްކުރަނިކޮށް ވަރަށް ފަސޭހައިން ނިންމާލެވިދާނެ…އަދި އަހަރެމެންގެ ކުރިޔަށްހުރި ޕްރޮޖެކްޓްތަކުގެ ޕްލޭންތައްވެސް ހިމަނަންވާނެ….އޭނަގެ ސަމާލުކަން މިކުންފުންޏަށް ހުއްޓޭވަރުކުރުން ބޭނުމަކީ….." އާއިން ގަޔާވެލާފައި ވާހަކަ ދެއްކިއިރު ޝައުންއިނީ ހައިރާންކަމުގައެވެ.

" އާން….އަހަރެންމިއީ ތިމަސައްކަތްކުރާމީހެއް ނޫނެއްނު….އަދްޔަން އެހުރީނު އާންއަށް އެހީތެރިވާން….އޭނާގާތު ބުނަންވީނު….ތިދެމީހުން މަޝްވަރާކޮށްގެން ރަނގަޅު ޕްރެޒެންޓޭޝަންއެއް ތައްޔާރުކޮށްބަލަ!…..އޭރުން އަހަރެންނަށްވެސް އަހަރެން ފަށާފަހުރި ކަންކަން ނިންމާލެވޭނެއްނު…." ޝައުން ޚިޔާލުދިނެވެ.

" ޝައުން އެހީވާނަންތަ ނޫނީ ނުވާނަންތަ؟….މިހުރިހާ ދުވަސްވީއިރު މިނޫނީ މިކަހަލަ ކަމެއްގަ އެހީތެރިކަމަކަށް ނޭދެމެއްނު….ޝައުންއަކީ މީހުން ގަޔާވާގޮތަށް ޕްރެޒެންޓޭޝަން ތައްޔާރުކުރާ ކުއްޖެއްކަން އަހަރެންނަށް އެނގޭތީ އެހީއަށް މިއެދުނީވެސް…..ދެން ޝައުން ތިހާ ބޭނުންނުވަންޏާ އަހަރެން ހިނގައިދާނަން މިތަނުން…އެކަމު އެ އަދްޔަންގެ އެހީއެއް އަހަރެން ބޭނުމެއްނޫން…" މޮޅިވެރި ރާގަކަށް އާއިން ބުނެލުމުން ޝައުން ދެރަވިއެވެ.

" އެންމެ ރަނގަޅު….އަހަރެން އެހީވާނަން…" އެންމެފަހުން ޝައުން އެއްބަސްވިއެވެ.
ނުނިމޭ