Last Updated: April 25, 06:02
Thursday, April 25, 2024
މުނިފޫހިފިލުވުން

ދީވާނާ 2 (ސައުރަޔާޅީސްވަނަބައި)

އާއިންގެ އެދުމަށް ޝައުން އޭނާގެ ނުނިމިހުރި މަސައްކަތް ރައުހާއާއި ހަވާލުކުރުމަށްފަހު އާއިންގެ މަސައްކަތުގައި އޭނާ ބައިވެރިވިއެވެ. މަސައްކަތުގައި އަވަދިނެތި އުޅެމުން ދިޔައިރު ދޭތެރެ ދޭތެރެއިން އަދްޔަން ގުޅައެވެ. ނުވަތަ މެސެޖުކޮށްލައެވެ. ޝައުން އަދްޔަންގެ ކޯލުތަކަށް ކުރުގޮތަކަށް ޖަވާބުދީ ހަދަމުން، މެސެޖްތަކަށް ރައްދުދެމުން ދިޔަނަމަވެސް އާއިންއަށް އެއިން ކަމެއް އެނގޭކަމަކަށް ނުހަދައެވެ. އަދި އެއިން ކަމަކާމެދު ސުވާލުކޮށެއްވެސް ނުހަދައެވެ. އެހެންކަމުން ޝައުންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

އެތައްއިރަކު މަސައްކަތް ކުރުމަށްފަހު ޝައުން ފާޚާނާއަކަށް ދިޔަ ދަނޑިވަޅުބަލާފައި އާއިން ޝައުންގެ ފޯނުނެގިއެވެ. ޕާސްވޯޑާއިމެދު ޝައްކުކަމެއްގައި ހުރެވެސް އޭނާއަށް ހީވާ ޕާސްވޯޑް ޖަހާލުމާއެކު ފޯނު ހުޅުވުނެވެ. ޝައުން އަބަދުވެސް ޕާސްވޯޑަކަށް ބޭނުންކުރަނީ އާއިންގެ އުފަންތާރީޚެވެ. އަދިވެސް ޝައުންގެ އެ އާދަ ބަދަލުނުވާކަން އެނގުމުން އާއިންއަށް ހިނިތުންވެލެވުނެވެ. އާއިން އަވަސް ހަރަކާތަކާއެކު ޝައުންގެ ފޯނު ހާވަންފެށިއެވެ. ވައިބަރ އަށްވަދެ މެސެޖްތައް ބަލަމުން ދަނިކޮށް އަދްޔަން ފޮނުވާފައިވާ މެސެޖްތަކާއި ފޮޓޯތައް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެފޮޓޯތަކަށް ރަނގަޅަށް ބަލާލުމުން އޭނާގެ ދެލޯބޮޑުވެގެން ދިޔައެވެ. އަދި އަދްޔަންގެ ނުބައިކަމާމެދު ހިތުގައި އުފެދުނު ރުޅީގެ ސަބަބުން އަލިފާނު ރާޅެއް އޭނާގެ އެތެރެހަށީގައި ދުވެލިއެވެ. އޭނާ އެފޮޓޯތައް އޭނާގެ ފޯނަށް ފޮނުވާލުމަށްފަހު ޝައުންގެ ފޯނު ކުރިންވެސް އޮތްތަނުގައި ބޭއްވިއެވެ. އޭރު އޭނާހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. އަދްޔަންގެ ކުޅިގަނޑުގެ ހަޤީޤަތް އެނގުމުން ވަގުތުން ގޮސް އަދްޔަންގެ ލަފްގައި ހިފައި އޮފީހުން ބޭރުކުރަންވެސް ހިތަށްއެރިއެވެ. ނަމަވެސް އޭރުން މަސްލަހަތު އިތުރަށް ގޯސްވާނެކަން އެނގުމުން އޭނާ ވިސްނުންތެރިކަމާއެކު މައްސަލަ ހައްލުކުރަން ނިންމިއެވެ. ނަމަވެސް އެއްވެސް ހާލެއްގައި ޝައުންއާއި އަދްޔަން ކައިވެނިކުރުން އެއީ ވާނެކަމެއް ނޫނެވެ. އޭނާގެ ހަށީގައި ފުރާނަ ހުރިހާ ހިނދަކު އެކަން އެގޮތަށް ވިޔަކަ ނުދޭނެއެވެ.
ޝައުން ފާޚާނާއިން ނުކުތްއިރު އާއިން ކުރިންވެސް އިންގޮތަށް މަސައްކަތައިގެން މަޝްއޫލުވެއިނެވެ. އެހެންކަމުން ޝައުންވެސް އައިސް އޭނާގެ މަސައްކަތް ފެށިއެވެ.

" ކޮބާ ސައިބޯންދާކަށް ނުވޭތަ؟…ހާދަ ބަނޑުހައޭ…" ޝައުންއަށް ބަލާލަމުން އާއިން ބުނެލިއެވެ.
" ހިނގާދާން…" ޝައުންވެސް ބުނެލިއެވެ.
ދެމީހުން އެކުގައި ބޭރަށް ނުކުމެގެން ލިފްޓަށް އަރަނިކޮށް ދުވެފައި ކަހަލަ ގޮތަކަށް އަދްޔަން އައިސް ލިފްޓަށް އެރިއެވެ.
" ހާދައިރެއްވެއްޖެއޭ އަހަރެން އިންތިޒާރު ކުރާތާ؟….ހާދަބިޒީކޮށްލައިގެން ކީއްތަ ތިކުރަނީ؟…" އާއިން ފެންނަކަމަށްވެސް ނުހަދައި ޝައުންގެ އަތުގައި ހިފާލަމުން އަދްޔަން އެހިއެވެ.
އެމަންޒަރު ފެނިފައި އާއިންގެ ލޭ ކެކިގެން ދިޔައެވެ. ނަމަވެސް ފެންނަކަމަށްވެސް ހަދާނުލައި އޭނާ ހުއްޓެވެ. އާއިންގެ ކުރިމަތީގައި އަދްޔަން އުޅެގަތްގޮތުން ޝައުންހުރީ އުނދަގޫވެފައެވެ. އާއިން ހިތްހަމަ ނުޖެހޭނެވަރު އޭނާއަށް އިހުސާސްކުރެވެއެވެ. ނަމަވެސް އާއިން އަޅާނުލައި ހުރީތީ ޝައުންހުރީ ހައިރާންކަމެއްގެ ތެރޭގައެވެ. އަދްޔަން ޝައުންއާއި އެކި އެކި ވާހަކަދައްކަމުން ދިޔައިރުވެސް ޝައުން ހަމައެކަނި އާހޫން ކިޔާލުމަކުން ފުއްދާލައެވެ.

" މިއަދު ހާދަފާޑަކަށް ހުރި ދުވަހެއް….ބޮސްހުރީމަ ބިރުންތަ ތިހުރީ؟…ކޮންކަމަކާ ބިރުގަންނަނީ؟…މިހާރު ތީ އަހަރެންގެ ވާންއުޅޭ އަނބިމީހާއެއްނު…..އެކަމު އަދިވެސް ހާދަބިރުންނޭ ތިއުޅެނީ…" އާއިން އަށް އިއްވުމަށްޓަކައި ގަސްތުގައި އަދްޔަން ބުނެލި ޖުމްލައިން، ޝައުން ބިރުގަތެވެ. އެހާ އަވަހަށް އާއިންއަށް އެކަން އެނގޭކަށް އޭނާ ބޭނުމެއްނޫނެވެ. ދެން އާއިން ކައްތައްކުރާނެ ގޮތެއްނޭނގިފައި އޭނާގެ ހިތް ތެޅެންފެށިއެވެ.

" އަދްޔަން ތިހާ އެކްޓްކުރަން މޮޅުއިރު ކީއްވެތަ ފިލްމުކުޅެން ނުފަށާ ތިހުންނަނީ؟…ހަމަގައިމުވެސް ވަރަށް މަޝްހޫރުވާނެ….މިއޮފީހުގަ ތިގޮތަށް ތަމްސީލުކުޅުމަކުން ކުރިއެރުމެއްވެސް ނުލިބޭނެ…ވަގުތުބޭކާރު ކުރުމުގެ މާނައެއްނެތެއްނު…" އެންމެފަހުން ކެތްނުވެގެން އާއިން ބުނެލިއެވެ. އާއިންގެ މަލާމާތުގެ އަޑުއިވިފައި އަދްޔަން ރުޅިއައެވެ.

" ކަލޭ ހީކުރަނީ މަމިކުޅެނީ ތަމްސީލެއްކަމަށްތަ؟….ދެލޯހުޅުވާފަ ނިކަން ރަނގަޅަށް ބަލާބަލަ! މިއީ ހަޤީޤަތެއް…..އަހަރެން މިއުޅެނީ ޝައުންއާ ކައިވެނިކުރަން….ބަލަން ހުންނާތި! ގިނަދުވަހެއްނުވެ ޝައުން އަހަރެންގެ މީހަކަށް ހަދާނަން….ދޯ މަގޭލޯބީ…ނިކަން މިފިރިހެނާއަށް ބުނެދީބަލަ ހަޤީޤަތަކީ ކޮބައިކަން…" ވަރަށް ފަޚްރުވެރިކަމާއެކު އަދްޔަން ބުނެލިއެވެ.

" އަދްޔަން އިހަށްދޭ….އަހަރެން ފަހުން ގުޅާނަން….މިއަދު ވަރަށް ބުރަކޮށް މިއުޅެނީ….ފަހުން ތިވާހަކަ ދައްކާނީ…ޕްލީޒް…" ވަރަށް މަޑުމަޑުން ޝައުން ބުނެލިއެވެ.

" އަދިވެސް މީނަ ދެކެ ބިރުންތަ ތިއުޅެނީ؟…ކީއްވެތަ އޭނަކުރިމަތީގަ ތިހާ ފިނޑިވެގެން ތިއުޅެނީ؟….ހިނގާ އަހަރެންނާއެކު ސައިބޯންދާން…އަހަރެންވެސް މިހުރީ ސައިވެސްނުބޮއެ، ޝައުންގެ އިންތިޒާރުގަ…" އާދޭހުގެ ރާގަކަށް އަދްޔަން ބުނެލިއެވެ.
" ޝައުންދާނީ އަހަރެންނާއެކު….އޭނާއައީވެސް އަހަރެންނާއެކު….ކަލޭ ކޮންމެވެސް އެހެންމީހަކު ހޯދާ ސައިބޯންދާން..އާދޭ ޝައުން…" ޝައުންގެ އަތުގައި ހިފައިގެން ލިފްޓުން ނުކުންނަމުން ހަރުކަށިކަމާއެކު އާއިން ބުނެލިއެވެ. އާއިންއާއި ޖަދަލުކުރަން އަދްޔަން ބޭނުންވި ނަމަވެސް، ޝައުން ލޮލުގެ އިޝާރާތުން އެކަން މަނާކުރުމުން އޭނާ ހިމޭންވިއެވެ.

" މަރުޙަބާ!…" ތަންކޮޅަކަށް ގޮސްފައި ޝައުންގެ އަތުން ދޫކޮށްލަމުން އާއިން ބުނެލިއެވެ.

" ކޮންކަމަކަށް؟.." ހައިރާންވެފައި ޝައުން އަހާލިއެވެ.

" ކައިވެނިކުރަން އުޅޭތީ…..ނުވެސްބުނަމެއްނު އޭނަ އެހާކަމުދިޔަ ވާހަކައެއް….އޭނަޔާ ކައިވެނިކުރާ ހިސާބަށް ދިޔައިރުވެސް އަހަރެންނަށް ރޭކާވެސްނުލާ….އަހަރެން ހީކުރީ ކޮންމެވެސް ވަރެއްގެ ޙައްޤެއް އަހަންނަށްވެސް ލިބިގެންވާކަމަށް…." އަދްޔަންގެ ހަޤީޤަތް އެނގުމުން ރުޅިއައިސްފައި ހުރިނަމަވެސް ވަރަށް އާދައިގެ ގޮތަކަށް އާއިން ވާހަކަ ދެއްކިއެވެ.

" އާން…އަހަރެން ބޭނުމެއްނޫން އަދި އެވާހަކަ ދައްކާކަށް….އަހަރެންގެ އަމިއްލަ ޒާތީ ކަންކަމާ އާންވެސް ނުބެހުން އަހަރެން އެދެނީ….ކޮންމެމީހަކީވެސް ވަކި ތަފާތު ވަކި ފަރުދެއް….ކޮންމެމީހަކުވެސް ހަމައެކަނި އެމީހެއްގެ އަމިއްލަ ބާރުފޯރާ ޒާތީކަންކަން ހުންނާނެ…އަހަރެންވެސް އާންގެ ޒާތީ ދިރިއުޅުމަކާ ނުބެހެމެއްނު….އެހެންވީމަ އަހަރެންވެސް އެދެނީ އަހަރެންގެ ޒާތީ އެއްވެސް ކަމަކަށް އާންވެސް ފާޑެއް ނުކިޔުން…." ޝައުން އޭނާ އެދޭގޮތް ވަރަށް ސާފުކޮށް ހާމަކުރިއެވެ.

" އެންމެ ރަނގަޅު…ވަރަށްބޮޑަށް މާފަށްއެދެން އެހެން ބުނެވުނީތީ….މިހާރު އެނގިއްޖެ ޝައުންގެ ދިރިއުޅުމުގަ އަހަރެންނަކީ އެއްވެސް އަހަމިއްޔަތުކަމެއް ލިބިގެންވާ މީހެއްނޫންކަން….ޝައުންގެ ދިރިއުޅުމަށް ޝައުންއަށް މަރުޙަބާ….ހިނގާ ސައިބޯންދަމާ…" ދޮރާދިމާއަށް ހިނގައިގަންނަމުން އާއިން ބުނެލިއެވެ. ޝައުން މޮޅިވެރިކަމާއި ހިމޭންކަމާއެކު އާއިންގެ ފަހަތުން ހިނގައިގަތެވެ.
ކާރުގައިތިބިއިރު ދެމީހުންވެސްތިބީ ވިސްނުމަކަށް ގެއްލިފައެވެ. އާއިން ވިސްނަމުން ދިޔައީ ޝައުންއާމެދުގައެވެ. ޝައުންއަށް އެވަރުގެ ބޮޑުކަމެއް ކުރިމަތިވުމުންވެސް އާއިންގެ ގާތުގައި ނުބުނީތީ އޭނާ އިންތިހާއަށްދެރަވެ ރުޅިވެސް އައެވެ. ޝައުން އޭނާ ދުރުކޮށްލާފައިވަނީ، ޝައުންގެ ތަކުލީފުތައްވެސް އޭނާގެ ހިތާ ހަމައަށް ނުފޯރާވަރަށެވެ. އެހުރިހާ ކަމަކާ ޝައުން އެކަނި ކުރިމަތި އެލަނީ ކީއްވެގެން ހެއްޔެވެ؟ އެވަރުގެ ހިތްވަރެއް ޝައުންއަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ އަމިއްލަ ދިރިއުޅުން ޤުރުބާންކޮށްފައި ނުބައި ނުލަފާ ފިރިހެނެއްގެ އުނގަށް ފުންމާލަން ޝައުން ގަސްތުކުރީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ އަތުގެ ތެރެއިން ޝައުންއަށް ހިމާޔަތް ލިބެން އޮއްވައި އޭނާ އެހާ ދުރުކޮށްލީ ކީއްވެގެން ހެއްޔެވެ؟

އަނެއްކޮޅުން ޝައުންވެސް ވިސްނަމުން ދިޔައީ އާއިންއާމެދުގައެވެ. އޭނާ އެވަރުގެ ބޮޑު ޤުރުބާނީއެއް އެވަނީ ހަމައެކަނީ އާއިންއަށްޓަކައެވެ. އާއިންއަށް އެކަން އެނގޭނެނަމައެވެ. އޭނާގެ ހިތުގައި އާއިންއަށް ދެވިފައިވާ މަޤާމު އާއިންއަށް ތަސައްވަރުވެސް ނުކުރެވޭނެއެވެ. އަމިއްލަ ނަފްސަށްވުރެ ބޮޑަށް އާއިންގެ ސަލާމަތާއި ރައްކާތެރިކަމަށް އޭނާ އެދެއެވެ. އެލޯބި ނުލިބުނު ނަމަވެސް އުމުރަށްވެސް އޭނާގެ ހިތުގައި ރައްކާކުރެވިފައިވާނެއެވެ.
ކުއްލިއަކަށް ސައިކަލެއް ކުރިމައްޗަށް އެރުމުން ސިހިފައި އާއިންއަށް ބުރެކި ޖައްސާލެވުނެވެ. އެވުތު ޝައުންވެސް ސިހިފައި ބަލާލިއެވެ.
" މާދުރަށްތަ މިތިބީ އާދެވިފަ؟…" ފަހަތްބަލާލަމުން އާއިން ބުނެލިއެވެ.

" އަހަރެން ހީކުރީ މިއަދު އެހެންތަނަކަށްދަނީކަމަށް…." ޝައުން ޖަވާބުދިނެވެ.

" އެހެންތަނަކަށްދާންވީތަ؟…." ޝައުންއަށް ބަލާލަމުން އާއިން އަހާލިއެވެ.

" މިއަދު އަހަރެން މިމަސައްކަތްކުރަނީ އާންއެކީ….އެހެންވީމަ އާން ބޭނުންތާކަށްދާންވީ…" ކުޑަކޮށް ހީލާފައި ޝައުން ބުނެލިއެވެ.
" އެހެންތަ؟….ހިތަށްއަރާ އަހަރެން ބޭނުންތާކަށް ގެންދެވޭނެ ނަމައޭ….އެހެންނަމަ އެއްވެސް މީހަކަށް ނުފެންނަތާކަށް ގެންދާނީ….އެއްވެސްމީހެއްގެ އުނދަގުލެއް ނުފޯރާ ހިސާބަށް…" މާނަފުންގޮތަކަށް އާއިން ބުނެލި ޖުމްލަ ޝައުންއަކަށް ދޭހައެއްނުވިއެވެ. ނަމަވެސް އެއީ ކޮންތާކަށްތޯވެސް އަހާކަށް ނުކެރުނެވެ.

" ޝައުންގޮވައިގެން މާރސްއަށްދާން މިވިސްނަނީ…" ޝައުން އަނގައިން ނުބުނެ އިނުމުން އާއިން ސަމާސާކޮށްލިއެވެ. އެއާއެކު ޝައުން ހީލިއެވެ.

ދުވަހުގެ ބާކީއޮތްބައިވެސް އާއިން ހޭދަކުރީ ޝައުން ފެންނަ ހިސާބުގައެވެ. ނަމާދު ވަގުތުތައް ފިޔަވައެވެ. އެހެންކަމުން ޝައުންއަށްވެސް ހުސްވަގުތެއް ލިބެނީ ހަމައެކަނި ނަމާދު ވަގުތުގައެވެ. ރަސްމީގަނޑި ނިމުމުން ރައުހާ ގެޔަށްދިޔަ ނަމަވެސް އަދްޔަން އިންތިޒާރު ކުރަމުން ދިޔައީ ޝައުން ނިމޭނެ އިރަކަށެވެ. ޝައުންގެބަޔަށް ދާން އޭނާ ކިތަންމެ ފަހަރަކު ހިތަށްއެރިނަމަވެސް ޝައުންގެ އެދުމަށް އޭނާ މަޑުކުރިއެވެ. ހަށިފާރަވެރިޔަކު ފަދައިން ޝައުންގެ ގާތުގައި މުޅި ދުވަހު އާއިން ހޭދަކުރުމުން އަދްޔަންހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. ނަމަވެސް ޝައުން އާދޭސްކޮށްފައި އެބަޔަށް ނުދިޔުމަށް އެދުމުން އޭނާ ކެތްކުރިއެވެ. ރައުހާއަށް ގުޅާފައި އެދެމީހުން ކުރާކަމެއް ބަލައިދިނުމަށް އެދުމުން ރައުހާ ރުޅިއައިސްގެން ފޯނު ކަނޑާލިގޮތަށް ޚަބަރެއްނުވިއެވެ. އެހެންކަމުން އޭނާގެ ކެތްތެރިކަން ކޮޅުންލާން ގާތްވެއްޖެއެވެ. ހަވީރު ފަހެއްޖެހީވެސް އަދްޔަން އޭނާގެ ކޮޓަރީގައި ހިނގާލަ ހިނގާލާ ހުއްޓައެވެ. އެންމެފަހުން ކެތްނުކުރެވިގެން ޝައުންގެ ބަޔަށް ވަނުމަށްޓަކައި އޭނާ ދިޔައެވެ. އޭނާއަށް ތަންކޮޅަކަށް ނުދެވެނީސް ޝައުންއާއި އާއިން ލިފްޓަށް އަރަނިކޮށް ފެނުނެއެވެ. އޭނާ ދުއްވައިގަތްނަމަވެސް އެހިސާބަށް ނުދެވެނީސް ލިފްޓް ތިރިޔަށް ގޮސްފިއެވެ.

" ޝައުން…އަހަރެންނާއެކު ޑްރާމާއެއް ކުޅެންތަ ގަސްތުކުރަނީ؟….އެހެން ހީނުކުރާތި! އެފަދަގޮތަކަށް ހީކުރިޔަސް ތިލޮލުން ލޭކަރުނަ އޮހޮރުވާލާނަން…." އަދްޔަން ދަތްކުނޑި ވިކާލަމުން ބުނެލިއެވެ. އެވަގުތު އޭނާގެ ފޯނަށް މެސެޖެއް އައެއެވެ.

" ވަރަށްބޮޑަށް މާފަށްއެދެން….މާދަމާއަށް ނިންމަންޖެހޭ ކަމެއް ނިންމާލަންވެގެން މާބުރަކޮށް އުޅެންޖެހުނީ….މިރޭ ނުވައެއްޖަހާއިރު ބައްދަލުކޮށްލަން ބޭނުން….އެނގޭ ހިތްހަމަ ނުޖެހިފައިކަންހުރީ….އަދިވެސް އެއްފަހަރު މާފަށް އެދެން…" ޝައުންގެ މެސެޖް ކިޔާލާފައި އަދްޔަންގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.
****
ރޭގަނޑުގެ ވަގުތެވެ. އާއިން އިނީ އޭނާ އަބަދުވެސްދާ ކޮފީ ޝޮޕްގަ މާޒްގެ އިންތިޒާރުގައެވެ. ގިނައިރުތަކެއްނުވެ މާޒް އަތުވެއްޖެއެވެ.
" އާން…އަހަރެން އެވާހަކަދެއްކިން އެކަމު އެދެވޭ ޖަވާބެއް ނުލިބުނު…" މޭޒް ކައިރީގައި އިށީނުމާއެކު މާޒް ބުނެލިއެވެ.
" އަހަރެންނަށް އެނގިއްޖެ ޝައުން އެހެން އުޅެނީ ކީއްވެގެންކަން….އެއީ ނުބައި އިފްރީތައެއް….އަހަރެން ހީކުރީ އަހަރެންގެ އަތުން ބޮނޑިއެއް ލިބުނީމަވެސް މައިތިރިވާނެކަމަށް…..އެކަމު އެކަލޭގެ ވަރަށް ނުބައި ރޭވުމަކާއެކީ އޮފީހަށްވަނީ….ބަލާބަލަ މި ފޮޓޯތައް….މިބޭނުންކޮށްގެން ޝައުން ބްލެކްމެއިލްކޮށްގެން އެއުޅެނީ.." އާއިން އޭނާގެ ފޯނު މާޒްގެ އަތަށް ދެމުން ބުނެލިއެވެ.
" ވަޓް؟…ހާދަގޮތެއްނެތް ފިރިހެނެކޭދޯ…މަށަށް ފެންނަނީ ވަގުތުން ތިރިކޮށްލަން….މިހާރު އޭނާގެ ކަންތައް މާމައްޗަށް ގޮސްފަ މިއޮތީ….އަދިވެސް އަހަރެމެން ބަލަން ތިބެންވީތަ؟…" މާޒް ރުޅިއައިސްފައި ބުނެލިއެވެ.
" މާޒް…އޭނައަކީ ފަސޭހައިން ގޮތްދޫކުރާނެ މީހެއްނޫން….ޝައުން ކަހަލަ ކުއްޖަކު އޭނަގެ އަތުއަޅުވާލެވޭނީ ވަރަށް ވިސްނުން ރަނގަޅުވެގެން….އަހަރެންނަށް މިކަން އެނގޭ ހިސާބުން އަހަރެން އޭނައާ ދެކޮޅަށް ފިޔަވަޅު އަޅާނެކަން އޭނައަށް އެނގޭނެ….އެހެންވީމަ އޭނަހުންނާނީ އެކަމަށްވެސް ތައްޔާރުވެގެން….އޭނަގެ ރޭވުން ނޭނގިތިބެ އޭނަޔާ ކުރިމަތިލާތަނުން އަހަރެންނަށް އޭނަގެ ކުރިމަތީގަ އިސްޖަހާލަން ޖެހިދާނެ….އޭނަ ޝައުންއަށް ފޮނުވާފަހުރި ބައެއް މެސެޖްތަކުން އަހަރެންނަށް އެކަން ދޭހަވި….އޭނަޔާ އެއްބައިވާނެ މީހުން އޮފީސްތެރޭގަ އެބަތިބި….އެހެންވީމަ އަހަރެން މިކަން ނިންމަން ބޭނުމީ އޭނާއަށް އެނގުމަކާނުލާ…..އޭނަ އަމިއްލައަށް އެހެންމީހުންގެ ކުރިމަތީގަ ބަދުނާމުވާވަރު ކުރާނަން…" ވަރަށް ޔަޤީންކަމާއެކު އާއިން ބުނެލިއެވެ.
" އެކަމު އެއީ ކިހިނެއް؟….މިހާރު ޝައުން އެހުރީ އޭނާޔާ އިންނަން ތައްޔާރަށް….މިހާރު ނޭނގެ ތާރީޚުވެސް ކަނޑަނާޅާކަމެއް….ދެން ކިހިނެއް އެކަން ހުއްޓުވާނީ…" މާޒް ކަންބޮޑުވެފައި ބުނެލިއެވެ.
" ތާރީޚް ކަނޑައަޅާފަ ފޯރމް ފުރިނަމަވެސް އަދްޔަންއަކަށް ލާހިކެއްނޫން ޝައުންއަކާ އިންނާކަށް….އެއީ ވާނެކަމެއްނޫން…އޭނާ ހީކޮށްގެން އެހުރީ ފޮޓޯގަނޑެއް އެޑިޓްކޮށްލައިގެން ޝައުންގެ ދިރިއުޅުމާ ކުޅެލެވޭނެކަމަށްތަ؟…އޭނާއަށް އަދި އަހަރެން ނޭނގިގެން އެއުޅެނީ….ޝައުންއާ ކުޅުމަކީ އެއްއިރެއްގަވެސް އޭނައަށްވީކަމެއްނޫން….ދެންވެސް ނުވާނެ…" އާއިންގެ އަޑުގައިވަނީ ޔަޤީންކަމެވެ.
" އެކަމު އާންބުނެބަލަ އާން ކުރާނެކަމެއް….އޭނަހުއްޓުވާނެ ގޮތެއް…" މާޒް އޮޅުން ފިލުވަން ބޭނުންވިއެވެ.
" ޝައުންއާ ކައިވެނިކުރަން ރޭވުން ރޭވިޔަސް…..އެކަމުގެ ހުވަފެން ދުށްކަމުގައިވިޔަސް ޝައުންއާ ކައިވެނިކުރާނީ އޭނާއެއްނޫން….ޝައުންއާ ކައިވެނިކުރާނީ އަހަރެން…." އާއިން ފޯރިޔާއެކު ބުނެލި ޖުމްލައިން މާޒްއަށް ބަލާލެވުނީ ގަބޫލުކުރަން ދަތިވެފައެވެ.
" އާން ޝައުންއާ ކައިވެނިކުރާނަމޭތަ ތިބުނީ؟…އެކަމު އެއީ އާންގެ ކޮއްކޮއެއްނު…މިބުނީ ދެބެންގެ ދެދަރި ކުއްޖެއްނޫންހޭ….އާއިލާމީހުންވެސް ކީކޭ ހީކުރާނީ؟…އެމީހުން ގަބޫލުވާނެތަ؟…" މާޒް ކަންބޮޑުވެފައި ސުވާލުކުރަން ފެށިއެވެ.
" މާޒް…އަދި މާޒްގާތު ނުބުނެވޭދޯ ޝައުންއާ އަހަރެންގެ އާއިލީ ގުޅުމެއް ނޯންނަ ވާހަކައެއް…ދެން މިޖެހުނީ އެވާހަކަވެސް ކިޔައިދޭކަށްނު…" އެހެން ބުނުމަށްފަހު އާއިން ޝައުންގެ ހަޤީޤަތް މާޒްއަށް އޮޅުން ފިލުވައިދިނެވެ.
" އެހެންތަ؟…އަދި މަށަށް ތިކަމެއް ނޭނގެޔޭ…އެކަމު ކުރިންވެސް މަށަށް އެނގޭ ޝައުން ހުންނަނީ އާންއާހެދި މޮޔަވެފަކަން….އެކަމު ބައްޕަމެން އެގޮތަކަށް ނުދެކޭނެއްނު…އަނެއްކޮޅުން އިޒީވެސް ކީކޭ ހީކުރާނީ؟…" މާޒް ވިސްނަމުން ދިޔައީ އެހެންމީހުން ދެކޭނެ ގޮތަކާއި މެދުގައެވެ.
" އިޒީކަން އެނގޭ ހުރިހާކަމެއްވެސް….އެކަމާ ހާސްވާކަށް ނުޖެހޭނެ…" ވަރަށް ޔަޤީންކަމާއެކު އާއިން ބުނެލިއެވެ.
" އެހެންތަ؟… މަށަށްދޯ އެއްކަމެއްވެސް ނޭނގިފަ މިއޮތީ؟…އެކަމު ކައިވެނިކޮށްގެން ހައްލުވާނީ ކިހިނެއް؟…މިބުނީ ކައިވެނިކުރިޔަސް އޭނަ ހަމަ އެފޮޓޯތައް ބޭނުންކޮށްފާނެދޯ ހަތިޔާރަކަށް؟…" ވިސްނާލަމުން މާޒް ބުނެލިއެވެ.
"އެއަދްޔަން ބޭނުންވީ ޝައުންއާ އަހަރެން ބަދުނާމުކުރާކަށްނު….ޝައުން އެއުޅެނީ އަހަރެންގެ ނަން ބަދުނާމްވެދާނެތީ…އޭނަ އަމިއްލައަށް އެކަމުގަ ޤުރުބާންވާންވީ ކީއްވެ؟….އޭނައަށްޓަކާ އަހަރެންނަށްވެސް ޤުރުބާންވެވޭނެ….އަހަރެން ޝައުންއާ ކައިވެނިކޮށްފިނަމަ އެފޮޓޯތަކުން އަދްޔަންއަށް ހިފޭނީ ކޮންބޭނުމެއް….އެފޮޓޯތައް ދައްކައިގެން މީހުންގެ ގާތުގަ އޭނާ ކިޔާނީ ކީކޭ؟…އެހިފައިގެން ހިނގިވަރަކަށް ބަދުނާމުވާނީ އޭނަ…އަހަރެމެންނެއްނޫން…" އާއިން ހަމަޖެހިލާފައި ދެއްކި ވާހަކައާމެދު މާޒް ވިސްނާލިއެވެ.
" އެކަމު…ޝައުން އެއްބަސްވާނެތަ އާންއާ ކައިވެނިކުރަން…..އަދްޔަންއަށް އެކަން އެނގޭ ހިސާބުން ފޮޓޯތައް ލީކްކޮށްލާނެ…އޭރުން މާބޮޑަށް ބަދުނާމުވާނެހެން މަށަށް ހީވަނީ…" މާޒް އޭނާގެ ޚިޔާލު ހުށަހެޅިއެވެ.
" ނޫނޭ…އޭނާއަށް ކަޅެއް ދޮނެއްވެސް އަންގާނުލާ އެކަން ނިންމާލާނީ…..އިޒީބުނި ކުރިން ޝައުން ބުންޏޭ ދެއަންބަށްވެސް އަހަރެންނާ އިންނާނަމޭ….އެކަމު މިހާރުގޮތެއް ނޭނގެ…އެކަމު އިންކާރުކުރަން ނުކެރޭފަދަ ގޮތަކަށް އަހަރެން އެކަން ކުރާނީވެސް….އެފިރިހެނާ ހީކުރީ ރޭވުން ރޭވޭނީ ހަމައެކަނި އޭނާއަށް ކަމަށްތަ؟…މަގޭ ރޭވުން މާމޮޅުވާނެ…." އާއިން ފަޚުރުވެރިކަމާއެކު ބުނެލިއެވެ.
" އެކަމު އާން…ތިދައްކަނީ ކުޅިވަރެއްގެ ވާހަކައެއްނޫނޭ…. ކައިވެންޏެއްގެ ވާހަކައޭ…ތިހެން ބުނެލާހާ ފަސޭހައިން ކައިވެނިކުރެވޭތަ؟….އަނެއްކޮޅުން ނާޒްއޯ…އޭނާ ގަބޫލުވާނެތަ؟…އަދްޔަންއާ ގޮންޖަހާފަ ޝައުންގެ ދިރިއުޅުމާ ކުޅުމަކީވެސް ރަނގަޅުގޮތެއް ނޫން…ތިނޫން ކޮންމެވެސް އެހެންގޮތެއް ހޯދާ….ތިކަމުގެ ސަބަބުން ޝައުންއާ ނާޒަށްވެސް ދެރައެއް ލިބޭނެހެން އަހަރެންނަށް ހީވަނީ….ތިއީ ރަނގަޅުގޮތެއްނޫން…މީހުން މީހުނާ އިންނަނީ މުޅި އުމުރު އެކީގަ އުޅެން….އުފަލާއި ހިތްދަތިކަމުގަވެސް އެކަކު އަނެކަކަށް އެހީވެ ލޯބިދޭން….ގޭގެ ބޮޑުފެންޑާގަ ބަހައްޓަން ނަގާލާ ފޮޓޯގަނޑެއްނޫން އެއީކީ، މީހަކަށް ދައްކަން ކުރާކަށް…." މާޒް ބޭނުންވީ އާއިންއަށް ވިސްނައިދިނުމަށެވެ.
" މާޒް….އަހަރެން ފަހަރެއްގަވެސް ނުބުނަން މިއުޅެނީ ކުޅިވަރެއް ކުޅޭށެކޭ….އަދި ކޮންމެވެސް މީހަކަށް ދައްކާކަށްވެސްނޫން މިކަން މިކުރަނީކީ….އަހަރެން ވަރަށް ވިސްނާފަ މިކަން މިކުރަނީ….ޝައުންއާ ކައިވެނިކުރުމަކުން އަހަރެން ނާޒްއަށް ދެރައެއް ދެވުނީކަމަކަށް ނުދެކެން…އަނެއްކޮޅުން ޝައުން އަހަރެންނާއެކު އުޅެންހުރިނަމަ މުޅި އުމުރަށްވެސް އަހަރެން މިހުރީ އޭނާއާއެކު އުޅެން…އެހެންވީމަ އޭނައަށްވެސް ދެރައެއް ދެވުނީކަމަކަށް އަހަރެން ނުދެކެން….އެހެންނޫނަސް ނާޒްއާ ކައިވެނިކޮށްގެން މުޅި އުމުރު ހޭދަކުރިނަމަވެސް އަދި ދަރިޔަކު ހޯދަން ކިތަންމެ ބޭނުންވި ނަމަވެސް އެކަމާމެދު ވިސްނަންވެސް އަހަރެންނަކަށް ނުކެރޭނެ….އަހަރެން މިހެން މިބުނީ އަޔާނާދެކެ ލޯބި ނުވާތީކީނޫން….އެކަމު ކޮންމެމީހަކުވެސް އެމީހެއްގެ އުފަންދަރިޔަކު ބޭނުންވާނެދޯ….ނާޒްވެސް ކުރިން ކިތަންމެ ފަހަރަކު އަހަރެންގާތުގަ ބުނި ދެވަނަ ކައިވެންޏެއްކުރާށޭ…އެހެންވީމަ އަހަރެން ޝައުންއާ ކައިވެނިކުރަން ނާޒް އިންކާރެއް ނުކުރާނެކަން އަހަރެންނަށް ޔަޤީން….އަދި މިހާލަތުގަ އަމުދުންވެސް ނުކުރާނެ….އެހެންވީމަ މާޒް ބުނެބަލަ މިކުރެވެނީ ގޯސްކަމެއްތަ؟…." އާއިން ސީރިއަސްކަމާއެކު އަހާލިއެވެ. އާއިން ދެއްކި ވާހަކައާމެދު މާޒް ވިސްނާލިއެވެ. އަދި އެވާހަކަތައް އޭނާވެސް ގަބޫލުކުރިއެވެ.
****
ދުވަސްކޮޅެއްފަހެވެ. ޝައުންއާއި އާއިން އާދައިގެމަތިން އޮފީހުގައި މަސައްކަތްކުރަމުން ދެއެވެ. ނަމަވެސް އަދްޔަން ކުއްލިގޮތަކަށް އޭނާގެ ކޮއްކޮ ބަލިވެގެން ސިންގަޕޫރަށް ދާން ޖެހިއްޖެއެވެ. އެހެންކަމުން ޝައުންއަށް ތަންކޮޅެއް ހަމަޖެހިލައިގެން އޮފީހުގައި މަސައްކަތް ކުރެވެއެވެ.

ނުނިމޭ