Last Updated: April 19, 18:52
Friday, April 19, 2024
ޚަބަރު

ދީނުގެ ނަމުގައި ހައްދު ފަހަނައަޅާ ދިޔުމަކީ ސީރިއަސް މައްސަލައެއް: ޝެއިޚް އަނީލް

އައިއެސްއާއި ދީނުގެ ނަމުގައި ހައްދު ފަހަނައަޅާ ދިޔުމަކީ ޖޯކެއް ނޫން ކަމަށާއި އެއީ ސީރިއަސް އަޤީދާއާއި ގުޅުން ހުރި މައްސަލައެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

ޝެއިޚް އަނީލް މިހެން ވިދާޅުވެފައިވަނީ އައިއެސްއިން ޒިންމާ ނަގާފައިވާ ލަންކާގައި ހިންގި ބޮޑު ޓެރަރިސްޓް ހަމަލާއަށް ފަހު އައިއެސްގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި މީސް މީޑިއާގައި އެކި ފަރާތްތަކުން ހިއްސާ ކުރެވޭ ޕޯސްޓްތަކުގެ ހަގީގަތް ނުބަލާ ވާހަކަތައް ފަތުރަމުން ބައެއް ފަރާތްތަކުން ގެންދަވާތީ އެކަމަށް އިޝާރާތް ކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"އައިއެސްއާއި ދީނުގެ ނަމުގައި ހައްދު ފަހަނައަޅާ ދިޔުމަކީ ޖޯކެއް ނޫން. ސީރިއަސް މައްސަލައެއް. އަޤީދާއާއި ގުޅުންހުރި ބޮޑު މައްސަލައެއް. އެހެން ކަމުން ތިމާ ތިމާމެންގެ ސިޔާސީކޮޅު ގަދަ ކުރުމަށް ހިތުހުރި ގޮތަކަށް، ކަމުގެ ހަގީގަތް ނުބަލާ، މިވާހަކަ ނުދެއްކެެވުމަށް އިލްތިމާސް ކުރަން." މިކަމާއި ގުޅިގެން ކުރެއްވި ފުރަތަމަ ޓްވީޓްގައި ޝެއިޚް އަނީލް ވިދާޅުވިއެވެ.

"ޙަދީޘްގައިވެއެވެ. "އިވޭ ކޮންމެ ވާހަކައެއް ދެއްކުމަކީ، މީހާ ހަދާ ދޮގެއް ކަމުގައި ފުދެއެވެ." ސޯޝަލް މީޑިއާ ތެރޭގައި ފެތުރޭ ޕޯސްޓްތަކުގެ ތެދުދޮގު ނުބަލާ ފެތުރުމަކީ އޭގެ ފާފައިގާ ތިމާއަށް ބައިވެރިވެވޭ ކަމެއް." ޝެއިޚް އަނީލް ވިދާޅުވިއެވެ.