Last Updated: April 16, 13:42
Tuesday, April 16, 2024
ކުޅިވަރު

ރަމްސޭ ދެން އާސެނަލްގެ ޖާޒީގައި ނުފެންނާނެ: އެމެރީ

އާސެނަލް އަށް ކުޅެމުން އަންނަ ވޭލްސްގެ ހުނަރުވެރި މިޑްފީލްޑަރު އާރޮން ރަމްސޭ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ދެން އެ ކްލަބުގެ ޖާޒީގައި ނުފެންނާނެކަމަށް ކޯޗު އުނާއި އެމެރީ ބުނެފިއެވެ.

ރަމްސޭގެ ފަލަމަސްގަނޑަށް އަނިޔާވީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

ޔުރޮޕާ ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ވެލެންސިޔާއާ ދެކޮޅަށް ނިކުތުމުގެ ކުރީން އާސެނަލްގެ ކޯޗު އެމެރީ ދިން އިންޓަވިއުގައި ވަނީ މި ސީޒަނުގައި ދެން ރަމްސޭ ނުފެންނާނެކަމަށް ބުނެފައެވެ.

"މިވަގުތަށް ބަލާއިރު އަހަރެމެން ސެމީ ފައިނަލްގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ އިތުރުން ލީގުގައި ކުރިއަށް އޮތް ދެ މެޗުން އޭނާ ފެނުމުގެ ފުރުޞަތެއްނެތް."

"އޭނާ އަކީ އަހަރެމެންނަށް ވަރަށް މުހިއްމު ކުޅުންތެރިއެއް. އެހެންނަމަވެސް، އަނިޔާގެ ސަބަބުން ދެން އޭނާ އަށް ނުކުޅެވޭނެ. އެޓޭކިންގ ކުޅުންތެރިއަކަށްވުމުން އަނިޔާވެދާނަކަމުގެ ބިރު ކުރީންވެސް ހީވެފައި އޮތް."

"އެ މަގާމަށް ކުޅެވޭނެ އެހެން ކުޅުންތެރީން މި ޓީމުގައި އެބަތިބި، އެހެންނަމަވެސް އޭނާ އަށް އަނިޔާ މިވީ ވަރަށް ރަނގަޅު ފޯމެއްގައި ހުރި ދަނޑިވަޅެއްގައި." އެމެރީ ބުންޏެވެ.

ރަމްސޭ އަށް އަނިޔާވި ފަހުން އާސެނަލް ކުޅުނު ތިން މެޗުންވެސް ބަލިވެފައިވާއިރު ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ އަމިއްލަ ބާރު އެ ޓީމަށް ވަނީ ގެއްލިފައެވެ.

"މި ކުޅުންތެރިންނާއެކު މަސައްކަތްކުރުމަށް ލިބުމަކީ އަހަރެންނަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް. ހާއްސަކޮށް ރަމްސޭއާއެކު މަސައްކަތްކުރުމުން އަހަރެންނަށް ފާހަގަވި، އޭނާ އަކީ ދަނޑުމަތީގައި ވަރުބަލިވުމެއްނެތި ގަދައަޅާ މަސައްކަތްކުރާ، ކްލަބުދެކެ ނުހަނު ލޯބިވާ ކުޅުންތެރިއެއްކަން."

"މީގެ އެއްމަސްދުވަސް ކުރީން އަހަރެން ރަމްސޭ ގާތުގައި ބުނިން، މިކްލަބަށް އޭނާ ކުޅޭނެ އެންމެފަހު މެޗުތަކުގައި މުހިއްމު ކަންތައްތަކެއް ކުރަން ބޭނުންވާކަމަށް. ފަހަރުގައި، އެއީ ކުރިއަށް އޮތް ތަނުގައި އޭނާ ކުޅުމަށް އެނބުރިއައުމުންކަމަށްވެސް ވެދާނެ. ނޫނީ، ދަނޑުމަތީން އޭނާ ނުފެނުނު ކަމުގައިވިޔަސް މިކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ހުއްޓާ އެކަންތައްތައް ކުރަން ބޭނުން." ނިންމާލަމުން އެމެރީ ބުންޏެވެ.

އާސެނަލްގައި 11 އަހަރު ހޭދަކުރުމަށްފަހު އެ ކްލަބު ދޫކޮށްލުމަށް ރަމްސޭ ނިންމީ އެ ކްލަބުން އޭނާގެ އެއްބަސްވުން އާނުކުރުމުންނެވެ. އެގޮތުން، ކުރިއަށް އޮތް ސީޒަނަށް ހިލޭ ޓްރާންސްފާގައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވާން އޭނާ ވަނީ އެއްބަސްވެފައެވެ. އޭނާ ވަނި އެ ކްލަބާއެކު މިހާތަނަށް އައިއިރު އެފްއޭކަޕް ތިން ފަހަރު ކާމިޔާބުކުރުމުގެ އިތުރުން އެ މުބާރާތުގެ ދެ ފައިނަލެއްގައި ލަނޑުޖަހާފައެވެ.

އެންމެފަހުގެ ހަބަރުތައް ބުނާގޮތުން، ބްރައިޓަން ހޯވް އެންޑް އެލްބިއަންއާ ދެކޮޅަށް ލީގުގައި އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލް ކުޅުމަށް ހަމަޖެހިފައިވާ އެންމެފަހު މެޗުގެ ކުރީން ރަމްސޭ އާއި މި ސީޒަނަށްފަހު ރިޓަޔާކުރުމަށް ނިންމާފައިވާ އެ ޓީމުގެ ގޯލްކީޕަރު ޕީޓަ ޗެކް އަށް ގާޑް އޮފް އޮނާ އެއް ދޭން އެ ކްލަބުން ނިންމާފައިވާކަމަށްވެއެވެ.