Last Updated: April 27, 08:49
Saturday, April 27, 2024
ޚަބަރު

ބޮންޑާ މުޅި ރާއްޖޭގައި މަސް ބާނައިފި

ދެހާހުގެ އަހަރުތަކުގައި ގަލޮޅު ދަނޑުން މަޝްހޫރުކަން ހޯދި ޝަމްވީލް ގާސިމް(ބޮންޑާ) މިހާރު މަޝްހޫރުކަން ހޯދަމުން އަންނަނީ މަސްވެރިކަމުންނެވެ.

ސްޕޯޓްސް ފިޝިން ނުވަތަ ފަރުމަހުގެ މަސްވެރިކަމުގައި ބޮންޑާ ވަނީ ރާއްޖޭގައި ޚާއްސަ މަގާމެއް ހޯދާފައެވެ. އޭނާގެ ކާމިޔާބީއަށް އެންމެ ފަހުން އިތުރުވި ބޮޅަކީ، މި ޖަޒީރާ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަސްވެރިކަން ކުރުމަށް ފެށި ދަތުރު ކާމިޔާބުކަމާއެކު ނިންމާލުމެވެ.

އުފަން އަތޮޅު އައްޑު އަތޮޅުން ބޮންޑާ ފެށި މި ދަތުރު، ރާއްޖޭގެ 26 އަތޮޅުގައި މަސްވެރިކަން ކުރުމަށް ފަހު ނިންމާލީވެސް އައްޑު އިންނެވެ. ބޮންޑާ ބުނީ މުޅި ރާއްޖޭގައި މަސްވެރިކަން ކުރަން ފެށި ދަތުރު ނިންމާލެވުނީ 40 ދުވަހުން ކަމަށެވެ.

އަދި މިއީ ވަރަށް ފަޚުރުވެރި ކާމިޔާބީއެއް ކަމަށާއި މި ދަތުރުގައި ހަނދާނުން ފޮހެނުލެވޭނެ ފަދަ ގިނަ ކަންތައްތަކެއް ފެނި، ގިނަ ބަޔަކާ ދިމާވެގެން ދިޔަ ކަމަށެވެ. އޭނާ ފަދަ މަސްވެރިކަމަށް ލޯބިކުރާ އެތައް ބަޔަކާ ބައްދަލުވެ، އެމީހުންގެ ވާހަކަތައް ހިއްސާކުރުމުން ޚާއްސަ އުފަލެއް ލިބިގެން ދިޔަ ކަމަށް ބޮންޑާ ބުނެފައިވެއެވެ.

މީގެ އިތުރުން، ތިމާވެށި، ކަނޑުތަކާއި ފަރުތައް ހިމާޔަތް ކުރުމަށާއި، ކަނޑާއި ފަރުތަކަށް ގެއްލުން ނުވާނެ ގޮތަށް މަސްވެރިކަން ކުރުމަށް ބޮންޑާ ވަނީ ގޮވާލާފައެވެ.