Last Updated: May 28, 22:56
Wednesday, May 28, 2025
ޚަބަރު

ކޯޓުތަކާ މެދު ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ނުދައްކަން އެދިއްޖެ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު - ފޮޓޯ: ގޫގުލް

ކޯޓުތަކާއި ފަނޑިޔާރުންނާ މެދު ނަފްރަތާއި ރުޅިވެރިކަން އުފެދޭގޮތަށް ވާހަކަ ނުދައްކަން ސުޕްރީމް ކޯޓުން އެދިއްޖެއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ކޯޓުތަކަކީ އަދުލު އިންސާފު ގާއިމުކޮށް، ގާނޫނު ނަގަހައްޓައި، ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ މަސްލަހަތުތައް ގާނޫނު އަސާސީއާ ގާނޫނުތަކުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިންތިކާއި މިންތަކުގެ ތެރެއިން ރައްކާތެރިކުރުމުގެ ދުސްތޫރީ ވާޖިބު އަދާކުރާ ތަންތަން ކަމަށެވެ.

ނަމަވެސް އެ ތަންތަނުގެ ހުރުމަތް ކަނޑައި، އެ ތަންތަނުގެ އިތުބާރު ގެއްލުވައިލައިން ނާޖާއިޒު މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި މަދު ބަޔަކު ހިންގަމުންދާ ނޭދެވޭ އަމަލުތަކަކީ އޭގެ ސަބަބުން ދިވެހި ދައުލަތުގެ ހައިބަތާއި ކަރާމާތް ގެއްލިގެން ހިނގައިދާނެ ފަދަ އަމަލުތަކެއް ކަމަށާއި އެފަދަ އަމަލުތަކަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ބިނާކުރަނިވި ފާޑުކިޔުމުގެ ދާއިރާގެ ތެރެއިން ބޭރުގައިވާ އަމަލުތަކެއް ކަމަށްވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.

"އެއީ ފަނޑިޔާރުންނަށް ބިރު ދައްކައި، ޝަރުއީ ދާއިރާ އާއި ކޯޓުތަކުގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވައި، ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި ދުސްތޫރީ ނިޒާމު ފުޑުފުޑުކޮށް ސުންނާފަތިކުރުމުގެ ނުބައި މަގުސަދުގައި ކުރަމުންގެންދާ ނޭދެވޭ އަމަލުތަކެއް ކަމަށް މެނުވީ ބެލެވޭނެ ތަނެއް ނެތެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން ނެރުނު މި ބަޔާނުގައި ވަނީ އެކިއެކި ފަހަރުމަތިން ރާއްޖޭގެ ޝަރުއީ ދާއިރާގެ ހާލަތު ބައްލަވައި ދިރާސާކުރެއްވި ބަލައިނަލްއަގްވާމީ ފަރާތްތަކުން ވެސް ކޯޓުތަކުގެ މައްޗަށް ސިޔާސީ ބައެއް ފަރާތްތަކުން ނޭދެވޭ ނުފޫޒު ފޯރުވައި، ފަނޑިޔާރުންނަށް ބިރުދައްކައި، ފަނޑިޔާރުގޭގެ މުސްތަގިއްލުކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކަމަށްވެސް ބުނެފައެވެ.

އަދި ޝަރުއީ ދާއިރާ ހަރުދަނާކޮށް، އަދުލު އިންސާފު ގާއިމުކުރުމުގެ ޒިންމާ ކޯޓުތަކަށް ފުރިހަމަ ގޮތުގައި އަދާކުރެވޭނީ އެފަދަ ނުފޫޒުތަކާއި ބިރުދެއްކުންތަކުން ޝަރުއީ ދާއިރާ ސަލާމަތްވެގެންކަން ވެސް އެ ފަރާތްކުން ފާހަގަކުރައްވާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ގާނޫނު އަސާސީ އާއި އިސްލާމީ ޝަރީއަތުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވާ އިންތަކުގެ ތެރެއިން ބޭރުން އަދި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަމުގެ މަބްދައުގެ އުސޫލުތަކާއި ހިލާފުވާ ގޮތަށް، ކޯޓުތަކާއި ފަނޑިޔާރުންނާ މެދު ނަފްރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް އަދި ރައްޔިތުންނަށް، ކަމުގެ ހަގީގަތް އޮޅޭގޮތަށް، އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ފަތުރައިގެން ފަނޑިޔާރުންގެ އަބުރު ކަތިލައި ފަނޑިޔާރުންނަށް ބިރުދެއްކުމާ، ރައްޔިތުން ކޯޓުތަކަށް ކުރާ އިހުތިރާމު ކަނޑާލުވުމަށްޓަކައި ކުރެވޭ އެންމެހައި މަސައްކަތްތަކަކީ، ޝަރުއީ އަދި ދުސްތޫރީ އަދި އާލަމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކަކަށްވާތީ، އެފަދަ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.