Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ފަހަތުން އަރައި ވެލެންސިއާ ބަލިކޮށް އާސެނަލުން އުއްމީދު ބޮޑުކޮށްފި

ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ފަހަތުން އަރައި 3-1 އިން ސްޕެއިނުގެ ވެލެންސިއާ ބަލިކޮށް އިނގިރޭސިވިލާތުގެ އާސެނަލުން އެ މުބާރާތުގެ ފައިނަލަށް ދިއުމުގެ އުއްމީދު ބޮޑުކޮށްފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެފަހުން ކުޅުނު ތިން މެޗުން ބަލިވެ، ފޯމް ދަށްވެ، ގަދަ ހަތަރަކަށް އެރުމުގެ އަމިއްލަ ބާރު ގެއްލިފައިވާ އާސެނަލުން ރޭގެ މެޗަށް ނިކުތީ ބަދަލުތަކާއެކުގައެވެ. އެގޮތުން، އާސެނަލްގެ ކޯޗު އުނާއި އެމެރީ ވަނީ ރޭގެ މެޗަށް އެ ޓީމު ނިކުތްއިރު ލީގުގައި ލެސްޓާ ސިޓީ އަތުން 3-0 އިން ބަލިވި މެޗުގެ ފުރަތަމަ އެގާރައަށް ހަތަރު ބަދަލެއް ގެނެސްފައެވެ.

އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު ހުނަރުވެރި މިޑްފީލްޑަރު މެސުޓް އޮޒިލް އަށް މި މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ދީފައިވާއިރު މި މެޗުގައި އެ ޓީމުގެ ގޯލް ބެލެހެއްޓީ ޔުރޮޕާ ލީގުގައި އާއްމުކޮށް އެ ޓީމުގެ ގޯލް ބަލަހައްޓަމުން އަންނަ ތަޖުރިބާކާރު ގޯލްކީޕަރު ޕީޓަ ޗެކް އެވެ. މީގެއިތުރުން، އެ ޓީމުގެ ކެޕްޓަން ލޯރެން ކޮޝިއެލްނީ އާއި ޒުވާން މިޑްފީލްޑަރު މަޓެއޯ ގެންޑޫޒީ ވެސް މި މެޗުގެ ފުރަތަމަ އެގާރައިގައި ވަނީ ހިމަނާފައެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ 11 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެލެންސިއާ އިންނެވެ. މިއީ އެ ޓީމުގެ ކެޕްޓަން އަދި މިޑްފީލްޑަރު ޑެނީ ޕަރޭހޯ ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް މޫކްޓާރް ޑިއަކާބީ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. އޭގެ ހަތް މިނެޓުފަހުން، އާސެނަލަށް އެއްވަރުކޮށްދިނީ ފްރާންސްގެ ފޯވާޑް އަލެކްސެންޑާ ލަކަޒޭ އެވެ. މިއީ އެ ޓީމުގެ ގެބޯން ފޯވާޑް ޕިއޭރް އެމެރިކް-އޯބާމަޔަން ތަނަވަސްކުރި ފުރުޞަތަކުން ލަކަޒޭ ކާމިޔާބުކުރި ގޯލެކެވެ.

ފްރޭންކްފާޓްއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ 25 ވަނަ މިނެޓުގައި ލަކަޒޭ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް އާސެނަލަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދީފައެވެ. މިއީ އެ ޓީމުގެ ގްރެނިޓް ޒާކާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ލަކަޒޭ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މި ބޯޅަ ގޮސް ގޯލްގެ ތެރެއަށް ވަނީ ވެލެންސިއާގެ ކީޕަރު ނެޓޯގެ އަތުގައިޖެހިފައެވެ. އޭގެފަހުން، އާސެނަލްގެ ލީޑް ފުޅާކުރުމަށް ލަކަޒޭ އާއި އޯބާމަޔަން އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފި، މި ހާފު ނިމުނީ 2-1 އިން އެ ޓީމު ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން އާސެނަލުން އިތުރު ގޯލެއް ޖެހުމަށް ކުރި މަސައްކަތުގައި، މެޗުގެ 67 ވަނަ މިނެޓުގައި އެ ޓީމުގެ ލީޑް ފުޅާކުރުމަށް ލަކަޒޭ އަށް އިތުރު ފުރުޞަތެއް ލިބި ބޭކާރުވިއިރު އޭގެ ހަ މިނެޓުފަހުން، މި ހާފުގައި ކުޅެން ނިކުތް ކެވިން ގަމެއިރޯ އަށް ވަނީ ވެލެންސިއާ އަށް ނަތީޖާ އެއްވަރުކޮށްދިނުމަށް ރަނުގެ ފުރުޞަތެއްލިބި ބޭނުންހިފޭގޮތްނުވެފައެވެ. ޕަރޭހޯ ދިން ރީތި ބޯޅައަކުން ގަމެއިރޯ ފޮނުވާލި ހަމަލާ އާސެނަލްގެ ކީޕަރު ޗެކް މަތަކުރިއެވެ.

މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ތިންވަނަ ލަނޑު، މެޗުގެ އެންމެފަހު މިނެޓުގައި ޖަހައިދިނީ އޯބާމަޔަން އެވެ. މިއީ އެ ޓީމުގެ ސެއަދު ކޮލާސިނަޗް ނަގައިދިން ހުރަހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ މި މުބާރާތުގައި އޯބާމަޔަން ކާމިޔާބުކުރި ފަސްވަނަ ގޯލްގެ އިތުރުން، މި ސީޒަނުގައި އާސެނަލަށް އޭނާ ޖަހައިދިން 25 ވަނަ ގޯލެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ޗެލްސީ ވަނީ ރަށުން ބޭރުގައި 1-1 އިން ޖަރުމަންގެ އެއިންޓްރަކްޓް ފްރޭންކްފާޓްއާ އެއްވަރުކޮށްފައެވެ. މި މެޗުގެ 23 ވަނަ މިނެޓުގައި ސާބިއާގެ އުއްމީދީ ފޯވާޑް ލޫކަ ޖޮވިޗް ކާމިޔާބުކުރި ގޯލުން ފްރޭންކްފާޓް ލީޑް ނަގާފައިވަނިކޮށް ޗެލްސީ އިން އެއްވަރުކުރި ލަނޑުޖަހައިދިނީ ފުރަތަމަ ހާފުގެ އެންމެފަހު މިނެޓުގައި ޕެޑްރޯ އެވެ.