Last Updated: April 24, 16:49
Wednesday, April 24, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ފަންސަޔާޅީސްވަނަބައި)

ދުވަސްކޮޅެއްފަހެވެ. ޝައުންއާއި އާއިން އާދައިގެމަތިން އޮފީހުގައި މަސައްކަތްކުރަމުން ދެއެވެ. ނަމަވެސް އަދްޔަން ކުއްލިގޮތަކަށް އޭނާގެ ކޮއްކޮ ބަލިވެގެން ސިންގަޕޫރަށް ދާން ޖެހިއްޖެއެވެ. އެހެންކަމުން ޝައުންއަށް ތަންކޮޅެއް ހަމަޖެހިލައިގެން އޮފީހުގައި މަސައްކަތް ކުރެވެއެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އަދްޔަން އައުމުގެ ކުރިން އޭނާގެ ހުރިހާ މަސައްކަތްތައް ނިންމާލުމަށެވެ. ކިތަންމެ އަވަހަކަށްވެސް އަދްޔަން އެމީހުންގެ ކައިވެނީގެ ތާރީޚް ކަނޑައަޅާފާނެއެވެ. އެހެން ވެއްޖެނަމަ އޭނާ ނިންމަންހުރި މަސައްކަތްތައް ވަގުތަކަށް ނުނިންމޭނެއެވެ. މިހާރުވެސް އޭނާގެ ސިކުނޑިއަށް މާބޮޑަށް ބުރަވެއްޖެއެވެ. އޭނާގެ ހިތާއި ސިކުނޑިއަށް އަރާމުދިނުމަށްޓަކައި ޗުއްޓީއެއް ކޮންމެހެންވެސް ބޭނުންވެއެވެ.
އަނެއްކޮޅުން އާއިން ވިސްނަމުން ދިޔައީ އަދްޔަން އައުމުގެކުރިން އޭނާގެ ރޭވުން ކާމިޔާބު ކުރާނެ ގޮތަކާއި މެދުގައެވެ. އެހެންކަމުން އޭނާ އެކަމުގެ މަޝްވަރާކުރުމަށްޓަކައި އިޒްޔަންއާ ބައްދަލުކުރިއެވެ.

" ހާދަ ނުވަގުތެއްގަ ކޮފީއަކަށް އަންނަން ތިބުނީ ކިހިނެއްވީ؟…މާބޮޑުކަމެއް ދިމާވީތަ؟…" ފުރަތަމަވެސް އިޒްޔަން ކުރި ސުވާލަކީ އެއީއެވެ.

" އާނ….ވަރަށްބޮޑުކަމަކާމެދު މަޝްވަރާކުރަންވެގެން….އަހަރެންނަކަށް ނޭނގެ މިވާހަކަ ފަށާނެގޮތެއްވެސް…." އާއިން ފުންނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.

" ހަމަ އާން ބޭނުން ކޮޅަކުން ބޭނުން ގޮތަކަށް ވާހަކަ ފަށަންވީ….އަހަރެން މިހުރީ އަޑުއަހަން ތައްޔާރަށް…" އިޒްޔަން ހަމަޖެހިލާފައި ބުންޏެވެ.

" އަހަރެން ބޭނުން ޝައުންއާ ކައިވެނިކުރަން…،،" ޖެހިލުންވެ އިނދެ އާއިން ބުނެލިއެވެ.

" އޭނ؟…ޝައުންއާ ކައިވެނިކުރާށޭ! އެކަމަކު ކުއްލިއަކަށް ކީއްވެ ތިހެން ހިތަށްއެރީ؟…އަނެއްކާ ޝައުން އެއްޗެކޭ ބުނީތަ؟…" އާއިން ބުނި އެއްޗަކުން ހައިރާންވެގެން އިޒްޔަން ސުވާލުތައް ކުރަން ފެށިއެވެ.

" ނޫން….ޝައުން އެކަހަލަ ވާހަކައެއް ނުދައްކާ….ހަމަ އަހަރެން އަމިއްލައަށް ޝައުންއާ ކައިވެނިކުރަން ބޭނުންވެގެން މިއުޅެނީ…..އިޒީ އަހަރެންނަށް މިކަމުގަ އެހީތެރިވެދޭންވީ.." އާއިން އޮޅުން ފިލުވައިދިނެވެ
.
" އެކަމުވެސް ކުއްލިއަކަށް ތިހެން ވިސްނަންޖެހޭ ސަބަބެއްވެސް އޮންނަންވާނެއްނު….މީގެކުރިންވެސް ޝައުން ލޯބިވާކަން އާންއަށް އެނގޭ…އެކަމު ދުވަހަކުވެސް ޝައުންއާމެދު އާން އެގޮތަކަށް ނުވިސްނަމެއްނު….ދެން ކީއްވެ ކުއްލިއަކަށް؟…" އިޒްޔަން ހުރީ ސަބަބު ހޯދަން ބޭނުންވެފައެވެ.

" އަހަރެންނަށްވެސް ޝައުން ކަމުދާތީ އިންނަން މިއުޅީ…" އަސްލު ސަބަބު ނުބުނެވޭތޯ އާއިން މަސައްކަތްކުރިއެވެ.

" ތީދެން ހާދަ ހެއްވާ ވާހަކައެކޭ….އެކީގަ ވިހި އަހަރު އުޅުނުއިރު ކަމުނުދިޔަ ހަމަކުއްލިއަކަށް ކަމުދިޔައީ ކީއްވެގެންތަ؟…އަނެއްކާ ނާޒްއާ އާންގެ މެދުގަ މައްސަލައެއް ޖެހުނީތަ؟…" ޝައްކުގެ ނަޒަރަކުން ބަލާލަމުން އިޒްޔަން އެހިއެވެ.

" ނޫން..އެކަހަލަ ކަމެއްނުވޭ…އިޒީއަށް ކީއްވެތަ ގަބޫލު ނުކުރެވެނީ އަހަރެން ބޭނުންވެގެންނޭ ބުނީމަ؟…" އިޒްޔަން ބަލަން އިންގޮތުން ކަންބޮޑުވެފައި އާއިން ބުނެލިއެވެ.

" ނުކުރެވޭނެ ގަބޫލެއް….ހަމަހުރެފަ ޝައުންއާ އިންނަން ބޭނުމޭ ބުނީ އަހަރެން ކިހިނެއްތަ ގަބޫލުކުރާނީ؟….އަދި އަމުދުން ކައިވެނިކޮށްގެން މިހާ ދުވަސްވީމަތަ ޝައުންއާ އިންނަން ބޭނުންވެގެން އުޅެންވީ؟….އަހަރެންނަށް ތިކަންވަނީ ބޮޑު ޖޯކަކަށް…." މިފަހަރު އިޒްޔަންގެ ވާހަކަތަކުގައިވަނީ ނުރުހުމެވެ.

" ދެން ކީކޭތަ އަހަރެން ބުނަންވީ؟….އަހަރެންގެ ޝައުންއާ ކައިވެނިކުރުން އެއީ އިޒީ ރުހޭކަމަކަށް ނުވަނީތަ؟…" އާއިން ސީރިއަސްކަމާއެކު އަހާލިއެވެ.

" އާނ…ހަމަ ސަބަބެއްނެތި އާން ޝައުންއާ ކައިވެނިކުރަން ޖެހޭކަމަކަށް އަހަރެން ނުދެކެން….އާންދެކެ ވެވުނު ލޯތްބެއްގެ ސަބަބުން ޝައުން ވަރަށް ތަކްލީފު އުފުލައިފި….ދެން އިތުރަށް ޝައުންއަށް ތަކުލީފުދޭން އާން ހީވެސްނުކުރާތި!…އަހަރެން އެކަން ވިޔަކަ ނުދޭނަން…" އިންޒާރެއް ދޭފަދަ ގޮތަކަށް އިޒްޔަން ބުނެލިއެވެ.

" އިޒީ އަހަރެންނަށް އިތުބާރެއް ނުކުރަންތަ؟…އަހަރެން ޝައުންއަށް ދެރައެއްދީފާނޭ އިޒީގެ ހިތަށްވެސް އެރީ ކީއްވެ؟…އަހަރެންނަށްވުރެ ބޮޑަށް ޝައުންއާމެދު ވިސްނާނެ މީހަކު ހުންނާނެހެނެއް ހީއެއްނުވޭ….ޝައުންގެ އިހުސާސްތައް އެނގޭނެ މީހަކުވެސް ހުންނާނެހެނެއް ހިއެއްނުވޭ….ޝައުންއަށް ލިބޭ ކޮންމެ ތަކުލީފަކީ ޚުދު އަހަރެންނަށްވެސް ލިބޭ ތަކުލީފެއް….ޝައުން އުފަލުގަ ހުރުމަށް އަހަރެން އަބަދުވެސް އެދެން…އުމުރަށްވެސް އެދޭނަން…." އިޒްޔަންގެ ވާހަކަތަކުން އާއިން ދެރަވިއެވެ.

" އެހެންވީމަ އަހަރެން މިބުނަނީ ކޮބާހޭ ބޭނުމަކީ ޝައުންއާ ކައިވެނިކުރުމުގެ….އަހަރެންނަށް އެނގޭ ކޮންމެވެސް އެހެންކަމެއް އެބައުޅޭކަން….އިތުރަށް އޮޅުވާލަން ނޫޅެ ދެންވެސް ބުނެބަލަ!….އާން ޝައުންއާ ކައިވެނިކުރަން ޖެހޭވަރުގެ ސަބަބަކަށް މެދުވެރިވީ ކޮންކަމެއް….އަނެއްކާ ކުރީގަ ހިނގިފަދަ ކަމެއް ދެމީހުންގެ މެދުގަ ހިނގީތަ؟…ބުނެބަލަ!…" އިޒްޔަންގެ ހިތުގައި ޝައްކުގެ އޮޔެވަރެއް ހިނގާލިއެވެ.

" ނޫން ނޫން…އެކަހަލަ ކަމެއްނުވޭ….އިޒީ އަހަރެންނަށް އިތުބާރުކޮށްބަލަ…އާދޭސްކޮށްފަ މިބުނީ…" އިޒްޔަން ޝައްކުކުރުމުން އާއިން އިތުރަށް ދެރަވިއެވެ.

" ނޫން…އާން ޖެހޭނީ ސަބަބު ބުނަން….ނޫނީ އަހަރެން އާންއަށް އިތުބާރެއް ނުކުރާނަން…" އިޒްޔަން އޭނާގެ ފަހުބަސް އިއްވާލުމުން އާއިން ކަރުއެލުވާލިއެވެ. އެންމެފަހުން އޭނާއަށް ޖެހުނީ ހަޤީޤަތް ކިޔައިދޭށެވެ.

" ތިވަރުގެ ބޮޑުކަމެއް ހިނގާދިޔައިރު އާން ކީއްވެތަ ކުރިން ނުބުނީ؟…އެހެންނޫންނަމަ އެގޮތްކުޑަ ކަލޭގެ ދުވަސް އަހަރެން ދުއްވާލާނަން….އަދިވެސް އޭނާ ތިއޮފީހުގަ ތިބަހައްޓަނީ ކީކޭ ހިތަށްއަރައިގެންތަ؟….ޝައުންގެ އިއްޒަތާ އަބުރަށް އޭނަ އަރާއިރުވެސް އާން ތިހުންނަނީ ބަލަން ހިމޭނުން….އެކަމު ތިބުނަނީ ޝައުންއާމެދު ކަންބޮޑުވާ ވާހަކަ…އޭނައާމެދު ވިސްނާ ވާހަކަ…" އިޒްޔަން ނުރުހުންވެފައި ބުންޏެވެ.

" އިޒީ…ޝައުން އަމިއްލައަށް އެކަމާ ކުރިމަތިލީމަ އަހަރެން ކީއްތަކުރާނީ؟…އަހަރެން ހާދަ މަސައްކަތެއްކުރީމޭ ޝައުން އޭނާއާ ދުރުކުރަން….އެތައް އާދޭހެއްކުރިން ވެގެން އުޅޭގޮތެއް ބުނާށޭ ކިޔައިގެން….އެކަމު އޭނަ އަމިއްލަ ނަފްސު ޤުރުބާންކުރަން ނިންމައިގެން އެހުރީ….ޝައުން އަމިއްލައަށް އަދްޔަންއާ އިންނަން އެއްބަސްވެގެން އެހުރީ…" އާއިން އޮޅުން ފިލުވައިދިނެވެ.
" ދެން އެކަމު އާން ޝައުންއާ ކައިވެނި ނުކޮށްވެސް ތިކަން ނިންމޭނެއްނު….އެންމެންގެ ކުރިމަތީގަ އޭނަ ބޭޒާރުކޮށްލާފަ އޮފީހުން ކަނޑާލަބަލަ!…" އިޒްޔަން ރުޅިއައިސްފައި ބުންޏެވެ.

" އަހަރެންވެސް ތިގޮތަށް ވިސްނިން….އެކަމު އޭނަ މާހުޝިޔާރު….އަހަރެން އެގޮތަށް ކަންތައް ކޮށްފިނަމަ ބޭޒާރުވާނީ ޚުދު އަހަރެން….އޭނަގެ ވާހަކަ ގަބޫލުކުރާނެ ކިތަންމެ ބަޔަކު އޮފީހުގަ އެބައުޅޭ….އޭނާ އެފޮޓޯތައް އިންޓަރނެޓަށް ދޫކޮށްލައިފިނަމަ މުޅި އުމުރަށްވެސް އަހަރެމެން އުޅެންޖެހޭނީ މީހުންގެ ކުރިމަތީގަ އިސްޖަހައިގެން….އަނެއްކޮޅުން އޭނަ އެއުޅެނީ ކޮންމެހެން ޝައުންދެކެ ލޯތްބަކުންނޫން ޝައުންއާ އިންނާކަށް….އޭނަ އުޅެނީ މިހާރުވެސް ސިންގަޕޫރުން މީހަކާ އިނދެގެން….އަހަރެންނަށްވެސް އެކަން އެނގުނީ ވަރަށްފަހުން، ރައްޓެއްސެއްގެ ފަރާތުން…..ދެން އިޒީ ބުނެބަލަ މިކަމުގަ އޮތް ހައްލެއް….ޝައުން ބަދުނާމު ނުކޮށް މިކަން ހައްލުވާނެގޮތެއް…" އިޒްޔަންގެ ލަފާއަކަށް އާއިން އެހިއެވެ.

" ކައިވެނިކުރިޔަސް ތިބުނާ ފޮޓޯތަކެއް ލީކްކޮށްލެވޭނެދޯ….އޭރުންވެސް ބަދުނާމުވާނެއްނު…" ވިސްނާލަމުން އިޒްޔަން ބުނެލިއެވެ.

" ކޮންމެގޮތެއްވިޔަސް އޭރުން އަހަރެމެންވާނީ ދެމަފިރިންނަށް….އޭރުން އަހަރެމެންނަށް ބުނެވެން އޮންނާނެ، އަދްޔަންގެ ނުބައި ރޭވުމެކޭވެސް….އަހަރެން ބޭނުންވަނީ އޭނަ އަންނަންވާއިރަށް ކައިވެނިކުރަން…." އާއިން ވިސްނާފައިވާގޮތް ހާމަކުރިއެވެ.
" އެކަމު ހަމަކުއްލިއަކަށް ހުރެފަ ކިހިނެއްތަ ކައިވެނިކުރާނީ؟…އަނެއްކޮޅުން ތިބުނާ މީހަކު އަތުވެދާނެ ކިތަންމެ އަވަހަކަށްވެސް….އޭރުންނޯ…އެހެންނޫނަސް އޭނައަށް ތިޚަބަރު ލިބޭތަނުން ވަގުތުން ފޮޓޯތައް ލީކުކޮށްލާނެ…" އުއްމީދެއް ނެތްގޮތަކަށް އިޒްޔަން ބުނެލިއެވެ.

" އޭނައަށް އެނގުމަކާ ނުލައި އަހަރެމެންނަށް މިކަން ކުރެވިދާނެ….އޭނަ އެދިޔައީ އޭނަގެ އަންހެނުން ވިހާތަނަށް….އޭނަ އަވަހަކަށް ނާންނާނެ….އަހަރެމެންނަށް ކިތަންމެ ރަނގަޅަކަށްވެސް މިކަން ކުރެވޭނެ…" ހަމަޖެހިލާފައި އާއިން ބުންޏެވެ.

" އެކަމު އަހަރެންގެ އެބައޮތް ސުވާލެއް….އާން ޝައުންއާ އިންނަން ތިއުޅެނީ ހަމައެކަނި އެކަމުން ސަލާމަތްވާންތަ؟….މިބުނީ އަދްޔަންގެ ކަންތައް ނިމުނީ ޝައުން ދޫކޮށްލާނީހޭ؟…" ވަރަށް ވިސްނަން އިނދެފައި އިޒްޔަން ސުވާލުކުރިއެވެ.

" ނޫން…އަހަރެންގެ ހިތަކުނެތް ދުވަހަކުވެސް ޝައުން ދޫކޮށްލާކަށް….އޭނަ އުޅެން ހުރިއްޔާ އުމުރަށްވެސް އެކީގަ އުޅޭނަން…" އާއިން ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ.

" އާން ލޯބިވޭތަ ޝައުންދެކެ؟…" އާއިންގެ މޫނަށް ބަލަންއިނދެ އިޒްޔަން ސުވާލުކޮށްލިއެވެ. އެވަގުތު އާއިންގެ މޫނުމަތިން ނުތަނަވަސްވުމުގެ އަސަރު ފެނުނެވެ.

" ކީއްވެ ޖަވާބު ނުދިނީ؟…ލޯބިނުވާތީދޯ ހިމޭނުން ތިއިނީ؟…ލޯބިނުވެ މުޅި އުމުރު ކިހިނެއް އެކީ އުޅޭނީ؟…ޝައުން އެހާ ލޯބިވާއިރު، އޭނައާއެކީ ކުޑަދުވަސްކޮޅެއްގަ އުޅެފަ ދޫކޮށްލީމަ ވާނެގޮތް ވިސްނާލިންތަ؟….އޭނަގެ ހިތަށްކުރާނެ އަސަރު އަންދާޒާ ކޮށްލެވޭތަ؟…މިހުރިހާ ސުވާލުތަކަކަށް ދޭނެ ޖަވާބެއް އެބައޮތް އާންގެ އަތުގަ؟…ނެތްކަމަށްވާނަމަ ތިކައިވެނި ކުރުމުގެ ބޭނުމެއްނެތް….އަހަރެން ކޮންމެވެސް އެހެންގޮތަކުން ތިކަން ހައްލުކޮށްފާނަން…." އިޒްޔަން ކުރި ސުވާލުތަކައް ދޭނެ ޖަވާބެއް އާއިންއަކަށް ނުވިސްނުނެވެ. ޚުދު އޭނާއަށްވެސް އެސުވާލުތަކުގެ ފުރިހަމަ ޖަވާބެއް ނޭނގެއެވެ. އެނގޭހައިވެސް އެއްޗަކީ ޝައުންއަށްޓަކައި އޭނާގެ ހިތުގައި ވަރަށް ވަރުގަދަ އެހެނަސް ނަމެއްދޭން ނޭނގޭ ޖަޒްބާތެއް ވާކަމެވެ. އެއީ ލޯބިކަމުގައި ބުނެފިނަމަ ދެން އުފެދޭ ސުވާލަކީ އޭނާ ފަރަހަނާޒްއާމެދު އޭނާގެ ހިތުގައިވަނީ ކޮން ޖަޒްބާތެއްތޯއެވެ. ފަހަރެއްގައި އޭނާއަށް ދެމީހުންދެކެވެސް ލޯބިވެވެނީ ކަމުގައި ވެދާނެއެވެ.

" ދެމީހަކުދެކެ އެއްފަހަރާ ލޯބިވެވުމަކީ ނުވާނެކަމެއްތަ؟…" އިރުކޮޅަކު ހިމޭންކަމުގައި އިނުމަށްފަހު އާއިން އަހާލިއެވެ.
" ނޫނޭ…އެވެސް ވުން އެކަށީގެންވާ ކަމެއް؟…އެކަމު މީހުންބުނޭ އިޝްޤީލޯބި ވެވޭނީ އެއްފަހަރުއޭ…އެއްހިތުގާ ދެމީހަކަށްޓަކާ އެއްވިންދެއް ޖަހާފާނެބާއޭ އަހަރެންވެސް ހިތަށްއަރާ…އެކަމު އިސްލާމުދީނުގެ އުސޫލުން ބަލައިފިނަމަ އެއްފިރިހެނަކަށް ހަތަރު އަނބިންވެސް ހުއްދަވޭތާ؟…އެހެންވީމަ ނުވާނެއެކޭ އަހަރެން ނުބުނާނަން…ފަހަރެއްގަ ދެމީހަކުދެކެ ލޯބިވާ މިންވަރު ތަފާތުވެދާނެ…އެއީ ހިތުގަ އުފެދޭ ޖަޒްބާތެއްތާ؟…ޖަޒްބާތަކީވެސް ހާލަތާއެކު ބަދަލުވެސްވާ އެއްޗެއް…އެކަމު ސުވާލަކީ އާން ޝައުންދެކެ ލޯބިވޭހޭ؟ " ވަރަށް ވިސްނުންތެރިކަމާއެކު އިޒްޔަން އަހާލިއެވެ.

" ނޭނގެ އަހަރެންނަކަށް….އެކަމު އެނގޭހާވެސް އެއްޗަކީ އަހަރެންގެ ހިތުގަ ޝައުންއަށްޓަކާ އުފެދިފައިވާ މިވާ ޖަޒުބާތަކީ އާދައިގެ އިހުސާސެއްނޫންކަން…ޝައުންއާ ގާތްވުމުން އަހަރެންގެ ހިތުގެ ވިންދުއަވަސްވާކަން….އެހިނިތުންވުން ފެނުމުން ހިތަށް އުފާވެރިކަން ލިބޭކަން…ގާތުގާވުމަށް ހިތް އެދޭކަން…ދެންބުނެބަލަ މިއީ ލޯބިތަ؟…" ވަރަށް ޝާއިރީގޮތަކަށް އާއިން އޭނާގެ އިހުސާސްތައް ކިޔައިދެމުން ދިޔައިރު، އިޒްޔަންގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލަ ދުވެލައި ހުއްޓެވެ. މިނޫނީ މިހާ ހާމަކަން ބޮޑުގޮތެއްގައި އާއިން އޭނާގެ އިހުސާސްތައް އެއްވެސް މީހަކަށް ކިޔައެއްނުދެއެވެ. އެވާހަކަތަކުން އިޒްޔަންއަށް ކަމެއް ޔަޤީންވިއެވެ. އެއީ މިހުރިހާ ދުވަހުވެސް އޭނާގެ ހިތުގައި އުފެދުނު ސުވާލުގެ ޖަވާބެވެ. އާނއެކެވެ. އާއިންވެސް ޝައުންދެކެ ލޯބިވެއެވެ.

" އަމިއްލަހިތާ ތިސުވާލުކޮށްލަބަލަ!….އޭރުން ޖަވާބުލިބޭނެ…" ހީލަމުން އިޒްޔަން ބުނެލިއެވެ.

ދެމީހުންގެ މެދުގައި ދެން ކުރިޔަށްދިޔައީ ޝައުންއާއި އާއިންގެ ކައިވެނިކުރާނޭ ގޮތުގެ މަޝްވަރާއެވެ. ދެމީހުންގެ މައިންބަފައިންނަށް ވިސްނައިދިނުމަށްޓަކައި ދައްކާނޭ ވާހަކައަށް ދާންދެން މަޝްވަރާކުރެވުނެވެ.

" އަހަރެން ބޭނުމީ ބައްޕަމެންގާތު ވާހަކަ ދައްކާފަ، އެމީހުންގެ ރުހުން ލިބުނީމަ ޝައުންއަށް އެކަން އަންގަން….އެހެންނޫނީ އޭނާ އެކަމާ ދެކޮޅު ހަދާފާނެ…." އާއިން އޭނާ ބޭނުންވާ ގޮތް ހާމަކުރިއެވެ.

" ތިއީ އެހާ އުނދަގޫކަމެއްނޫން….އަހަރެން އެކަން ހަމަޖައްސަފާނަން….އާން ކަންބޮޑުނުވޭ….އެކަމު އާންޖެހޭނެ އެއަދްޔަންއަށް ޚަބަރެއްނުވާނެ ގޮތެއް ހަދަން…އެހެންނޫނީ ރޭވުން އެއްކޮށް ފަނިވާނެ…" އިޒްޔަން އެދުނެވެ.

" އާނ…އޭނަ އެކޮޅުގަ އުޅޭނޫޅޭގޮތް ބަލަން އަހަރެންހުންނާނީ މީހަކާ ހަވާލުކޮށްފަ….އަދި މިކޮޅުގަ އޭނައާ ގުޅުންހުރި މީހުންނަށްވެސް މިކަން އެނގުނަކަ ނުދޭނަން….އޭނަ އަންނަންވާއިރަށް ހުރިހާކަމެއް ނިމޭވަރުކުރާނަން…އިންޝާ ﷲ.." އާއިން ޔަޤީންކަން ދިނެވެ.

ޝައުންއަށް އެނގުމަކާއިނުލައި އޭނާގެ ދިރިއުޅުމުގެ އެންމެ މުހިއްމު ކަންތައް އާއިން ބޭނުންގޮތަށް ރާވާ ނިންމާލައިފިއެވެ. އިޒްޔަން މެދުވެރިކޮށް ޝައުންގެ މައިންބަފައިންނަށްވެސް އެކަން އަންގައިފިއެވެ. އަދި އާއިން ޚުދު އޭނާގެ ބައްޕައާއި އެކައިވެނީގެ މަޝްވަރާކޮށް، ބައްޕަގެ ޚިޔާލުވެސް ހޯދިއެވެ.

" ބައްޕަ ވަރަށް ހައިރާންވެއްޖެ ދަރިފުޅުގެ ތިނިންމުން އަޑުއަހާފަ….ބައްޕަ ދުވަހަކުވެސް ތިދެކުދިންގެ މެދުގަ އެފަދަގުޅުމެއް އުފެދިދާނެކަމަކަށް ހީއެއްނުކުރަން….ބައްޕަ ވަރަށް އުފާވެސް ވެއްޖެ ދެވަނަ ކައިވެންޏެއްކުރަން ވިސްނީތީ….އެކަމަކު ފަރަހަނާޒްއާމެދު ވިސްނާފަ ދެރަވެ ކަންބޮޑުވެސްވޭ…..ކީކޭތަ ނާޒްބުނަނީ ތިކަމާ؟…" އާޒިމް ސުވާލުކޮށްލިއެވެ.
" އަދި ނާޒްގާތުގަ މިވާހަކައެއް ނުދައްކަން….އެކަމު ކުރިންވެސް ނާޒް ކިތަންމެ ފަހަރަކު ބުނި ދެއަންބަށް ކައިވެނިކުރަން…..ހީވަނީ މިހާރުވެސް ގަބޫލުވާނެހެން…." އާއިން އޮޅުން ފިލުވައިދިނެވެ.

" އާނ….ނާޒްއަކީ ވަރަށް ވިސްނޭ ރަނގަޅު ކުއްޖެއް….ދަރިފުޅުގެ ކޮންމެ އުފަލަކަށް އޭނަ މަރުޙަބާ ކިޔާނެ….ތިދެކުދިން ކިތަންމެ ލޯބިވިޔަސް، އެކީގަ ކިތަންމެ ދުވަހަކު އުޅުނަސް ދަރިޔަކު ނުހޯދާނެކަން ބައްޕައަށް އެނގޭ….ބައްޕަ ދުޢާކުރަމުން މިއައީ އެހެންގޮތެއް ދައްކަވާތޯ….ބައްޕަވެސް ބޭނުން ދަރިފުޅުގެ އުފަންދަރިއެއް ދެކެން….ދަރިފުޅަށް އުފާވެރި ދިރިއުޅުމެއް ލިބެން….ހަމަގައިމުވެސް ޝައުންފަދަ ދެވަނަ ކުއްޖަކު ދަރިފުޅަކަށް ނުލިބޭނެ…ޝައުންއާއެކީ ދަރިފުޅަށް ނުލާހިކު އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ އިންޝާ ﷲ….ބައްޕަ ހެޔޮދުޢާ އަބަދުވެސް ދަރިފުޅުމެންނާއެކުވާނެ…" އާޒިމް އޭނާގެ ދަރިފުޅަށް ހެޔޮދުޢާކުރިއެވެ.

އާއިން ޝައުންއާއި ކައިވެނިކުރަން ބޭނުންކަން އެނގުމުން، އަމީން ފުރަތަމަ ނުހަނު ކަންބޮޑުވިއެވެ. އެދެކުދިންގެ މެދުގައި އެފަދަ ގުޅުމެއް އުފެދިދާނެކަމަށް އޭނާވެސް ހީއެއް ނުކުރެއެވެ. ނަމަވެސް އާއިންއާއި ޝައުންވެސް، ކުރިންސުރެވެސް އެކަކު އަނެކަކުދެކެ ލޯބިވާކަމާއި، އަދި ފަރަހަނާޒްވެސް އާއިން ދެވަނަ ކައިވެންޏެއްކުރަން އެދޭކަން އެނގުމުން އަމީންވެސް އެކަމާ ގަބޫލުވިއެވެ. އަދި ޝައުންއަށް އެނގުމަކާއިނުލައި އެމީހުން މާލެއައުމަށްވެސް ނިންމިއެވެ.

ނުނިމޭ