Last Updated: April 20, 10:23
Saturday, April 20, 2024
ޚަބަރު

ފުވައްމުލަކަށް އެސްޓީއޯ ރޭޓުން ފިޔާ، އަލުވި، ބިސް ވިއްކަނީ

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ފުވައްމުލަކުގައި "އެސްޓީއޯ ރޭޓުން" ފިޔާ، އަލުވި އަދި ބިސް ވިއްކަން ފަށައިފިއެވެ. އެގޮތުން ފިޔާ އަދި އަލުވި ކިލޯއެއް ވިއްކަނީ ކޮންމެ މީހަކަށް ފަސް ކިލޯގެ މަގުންނެވެ. އަދި ބިސް ވިއްކަނީ ކޮންމެ މީހަކަށް، ބިސް ޓްރޭއެއްގެ މަގުންނެވެ.

އެސްޓީއޯ އިން ބުނީ ފުވައްމުލަކަށް ފިޔާ، އަލުވި އަދި ބިހުގެ އާ ޝިޕްމެންޓު ގެނެވޭވަރު ވާނީ ރޯދަމަހުގެ ފުރަތަމަ ހަފްތާ ތެރޭގައެވެ. އަދި ޝިޕްމެންޓު އައުމުގެ ކުރިން ހުސްނުވާނެ ގޮތެއް ހެދުމުގެ ގޮތުން ލިމިޓްކޮށް ފިޔާ އަލުވި އަދި ބިސް ވިއްކަމުން ދާނެ ކަމަށް މައުލޫމާތު ދީފައިވެއެވެ.

ރަމަޟާން މަހަށް އެސްޓީއޯއިން ފުވައްމުލަކު ސިޓީއަށް އެދެވޭ ގޮތެއްގައި ތައްޔާރުވެވިފައިނުވާ ކަމަށް ބުނެ ކާޑާއި ބިހާއި ފިޔާ އަދި އަލުވި ގަންނަން ކިޔޫގައި ޖެހިފައި ތިބި ފަރާތްތަކުން ވަނީ ބުނެ، ނުރުހުން ފާޅުކޮށްފައެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދައްކަމުން ފުވައްމުލަކު ރައްޔިތުން ބުނެފައިވަނީ "އެސްޓީއޯ ރޭޓުން" ފިޔަޔާ އަލުވި އަދި ބިސް ވިއްކުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި މިއީ އެއްކިލޯ ސަރުކާރެއް ކަމަށް ބުނެ އެސްޓީއޯއަށް ބައެއް މީހުން ވަނީ ފާޑުކިޔާފައެވެ.