Last Updated: March 28, 14:17
Thursday, March 28, 2024
މުނިފޫހިފިލުވުން

ދީވާނާ 2 (ސަޔާޅީސްވަނަބައި)

އާއިން ޝައުންއާއި ކައިވެނިކުރަން ބޭނުންކަން އެނގުމުން، އަމީން ފުރަތަމަ ނުހަނު ކަންބޮޑުވިއެވެ. އެދެކުދިންގެ މެދުގައި އެފަދަ ގުޅުމެއް އުފެދިދާނެކަމަށް އޭނާވެސް ހީއެއް ނުކުރެއެވެ. ނަމަވެސް އާއިންއާއި ޝައުންވެސް، ކުރިންސުރެވެސް އެކަކު އަނެކަކުދެކެ ލޯބިވާކަމާއި، އަދި ފަރަހަނާޒްވެސް އާއިން ދެވަނަ ކައިވެންޏެއްކުރަން އެދޭކަން އެނގުމުން އަމީންވެސް އެކަމާ ގަބޫލުވިއެވެ. އަދި ޝައުންއަށް އެނގުމަކާއިނުލައި އެމީހުން މާލެއައުމަށްވެސް ނިންމިއެވެ.

ފަތިހުގެ ވަގުތެވެ. އާއިން ފަތިސްނަމާދުކޮށްގެން މިސްކިތުން އެނބުރި އައިއިރު، އާދައިގެމަތިން ފަރަހަނާޒްއިނީ ފަތިސްނަމާދަށްފަހު ހެނދުނުގެ ޒިކުރުކުރުމަށް މަޝްއޫލުވެގެންނެވެ. އެހެންކަމުން އާއިން އައިސް، ނިދާފައި އޮތް އަޔާނާގެ ގާތުގައި އޮށޯތެވެ. އޭނާ ވިސްނަމުން ދިޔައީ ޝައުންއާއި ކައިވެނިކުރަން އުޅޭ ވާހަކަ ފަރަހަނާޒްގެ ގާތުގައި ބުނާނެ ގޮތަކާއިމެދުގައެވެ. ފަރަހަނާޒަށް ޝޮކެއް ނުލިބޭނެފަދަ ގޮތަކަށް އެވާހަކަ ބުނަން އޭނާ ބޭނުންވެއެވެ. އެކަމުން ފަރަހަނާޒްގެ ހިތަށް ތަކުލީފެއް ލިބޭކަށް އޭނާ ނޭދެއެވެ، އަދި ޝައުންއާމެދު ރުޅިވެރިކަމެއް ފަރަހަނާޒްގެ ހިތުގައި އުފެދޭކަށްވެސް އޭނާ ނޭދެއެވެ.

" ކޮފީއެއް ހަދަންތަ؟…" ޚިޔާލަކަށް ގެއްލިފައި އޮތް އާއިން ސިހުނީ ފަރަހަނާޒްގެ އަޑުންނެވެ.

" އާނ….ހިނގާ ބަދިގެޔަށް….އަހަރެންވެސް ދާނަން…" އާއިން ތެދުވަމުން ބުނެލިއެވެ. ދެމީހުން އެކުގައި ބަދިގެއަށް ގޮސް ކޮފީ ތައްޔާރުކުރިއެވެ.

" ކަމަކާ ފިކުރުކުރަނީތަ؟…." އާއިން އަނގައިން ނުބުނެ އިސްދަށަށް ޖަހައިގެން އިނުމުން ފަރަހަނާޒް އަހާލިއެވެ.

" އާނ….އަހަރެން ވަރަށްބޮޑު ވާހަކައެއް ނާޒްގާތު ބުނަން ބޭނުން…..ނާޒް ޖެހޭނެ ވަރަށް ކެތްތެރިކަމާއެކު އަޑުއަހަން…." އިސްއުފުލައި ފަރަހަނާޒްގެ މޫނަށް ބަލާލަމުން އާއިން ބުނެލިއެވެ. އެވަގުތު އާއިންގެ އަޑުގައި ހުރި ސީރިއަސްކަމެއްގެ ސަބަބުން އާއިން ބުނަން އެއުޅެނީ ވަރަށްވެސް ބޮޑު ވާހަކައެއްކަން އޭނާއަށް އަންދާޒާ ކުރެވުނެވެ. އެވަގުތު އޭނާގެ ހިތުގައި ބިރުވެރިކަމުގެ އޮޔެވަރެއް ހިނގާލިއެވެ.

" އަހަރެން ބުނީމެއްނު އަދްޔަންގެ ވާހަކަ…އޭނައަކީ ވަރަށް ގޯސްމީހެކޭ ބުނީމެއްނު…" އާއިން ދުރުދުރުން ވާހަކަ ފެށިއެވެ.
" އާނ…އޭނަ އުޅެނީ އޮފީހުގައެއްނު….އަނެއްކާ މިފަހަރުވެސް އޭނަ ކަމެއްކުރީތަ؟…" ޝައްކުކަމެއްގައި ހުރެ ފަރަހަނާޒް އަހާލިއެވެ.

" އާނ….މިފަހަރު އޭނަކުރީ އަހަރެން ހީވެސް ނުކުރާފަދަކަމެއް….އޭނަ މިފަހަރަކު ކުންފުންޏާ ގުޅުނީވެސް ނުބައި ރޭވުމެއް ރާވައިގެން ހުރެ…." އާއިން އިތުރަށް އޮޅުން ފިލުވައިދިނެވެ. އަދި ފެށުނީއްސުރެ އަދްޔަން ކަންތައް ކުރަމުން އައިގޮތާއި ޝައުން ބުލެކްމެއިލް ކުރި ގޮތް ކިޔައިދިނެވެ.

" ދެން ތިވަރިވީއިރު ކީއްވެތަ އޭނާ އޮފީހުގަ ބަހައްޓާފަ އެހުންނަނީ؟…ކީއްވެ ބައްޕަގާތު ބުނެގެން އޭނާ ކަނޑާނުލަނީ؟…" ފަރަހަނާޒް ސުވާލުކުރިއެވެ.

" ވަރަށް ވިސްނިން އެގޮތަށް އެކަންކުރަން….އެކަމު އޭރުންވެސް އަހަރެންނާ ޝައުން ބަދުނާމު ނުވެއެއްނުދާނެ….އަހަރެންނޭދެން ޝައުންގެ އަބުރަށް ހުތުރުއަރާފަދަ ކަމެއްވާކަށް….އަމުދުން އަހަރެންނާ ގުޅުވައިގެން…" އާއިން ޖަވާބުދިނެވެ.

" ދެން ކިހިނެއްހަދަން ގަސްތުކުރަނީ؟…" ފަރަހަނާޒް އަނެއްކާވެސް އަހާލިއެވެ.

" އެވާހަކަ ބުނަން މިއުޅެނީ….ޝައުންއާއި އަހަރެންގެ އަބުރު ސަލާމަތްކުރުމަށްޓަކާ، ޝައުންއާ ކައިވެނިކުރަން އަހަރެން ނިންމައިފިން…." ވަރަށް ވިސްނުމަށްފަހު އާއިން އެންމެފަހުން އޭނާ ބޭނުންވީ ވާހަކަ ބުނެލިއެވެ. އާއިންގެ އެޖުމްލަ އިވިފައި ފަރަހަނާޒްއަށް ހީވީ މީހަކު އޭނާގެ މޭގައި ބާރުގަދަ ބޮނޑިއެއް އެޅިހެންނެވެ. ނޭވާވެސް މޭގައި ތާށިވީހެން ހީވިއެވެ. އޭނާގެ ކަންފަތަށް އިވުނު ވާހަކަ ގަބޫލުނުކުރެވިގެން ހުއްޓުންއަރާފައި އިނދެވުނެވެ.

" އެނޫންގޮތެއްނެތީ….އެހެންވެ އެގޮތަށް އެކަންކުރަން މިނިންމީ…." ބަހެއްނުބުނެ ފަރަހަނާޒް ބަލަންއިނުމުން އާއިން ބުނެލިއެވެ.
" ނާޒް…ކީއްވެ އެއްޗެއް ނުބުނެ ތިއިނީ….ހިތްހަމަނުޖެހުނީތަ؟…" ފަރަހަނާޒް ހިމޭނުން އިނުމުން އާއިން އޭނާގެ އަތުގައި ހިފާލަމުން އާދޭހުގެ ރާގެއްގައި އަހާލިއެވެ.

" އަހަރެން ކީކޭ ބުނާނީ؟…އެނޫންގޮތެއް ނެތްނަމަ ދެން ޖެހޭނީ ތިގޮތަށް ކަންތައްކުރާކަށްނު…." ހިތްދަތިވެގެން އޭނާގެ އަޑުވެސް ކުރެހިއްޖެއެވެ. ނަމަވެސް އޭނާގެ ލޮލުން ކަރުނަތިއްކެއްވެސް ވެއްޓުނަ ނުދީވޭތޯ އޭނާ ބެލިއެވެ.

" ނާޒް ހިތްހަމަނުޖެހޭނަމަ ބުނެވިދާނެ…އެކަމު އަހަރެން މިގޮތަށް ނިންމަން ޖެހުނު ސަބަބު މިބުނީ….އެއްވެސް ހާލެއްގާ ނާޒް އަހަރެންނާމެދު ގޯސްގޮތަކަށް ވިސްނާކަށް އަހަރެން ނޭދެން…އަހަރެން ބޭނުންވަނީ އަހަރެންގެ ނިންމުމަށް އިހުތިރާމުކޮށް އަހަރެންނަށް އިތުބާރުކުރަން…" އާއިން އޭނާ ބޭނުންވާގޮތް ހާމަކުރިއެވެ. ފަރަހަނާޒްގެ ހިތުގައި ޝަކުވާތައް އުތުރިއަރަމުން ދިޔައިރުވެސް އޭނާ އެންމެ ލަފްޒެއްވެސް ދުލުން ބޭރުކުރާކަށް ބޭނުމެއްނުވިއެވެ.

" އަހަރެންނަށް އެނގޭ އާއިން ކުރާކޮންމެ ކަމެއްވެސް ކުރާނީ ވަރަށް ވިސްނާފަކަން…ފަހުން ހިތާމަކުރަން ޖެހޭވަރުގެކަމެއް އާއިން ނުކުރާނެކަން އެނގޭ…..އެހެންވީމަ ތިނިންމުމާ އަހަރެންގެ އެއްވެސް އިއުތިރާޒެއްނެތް….އެކަމު އަހަރެންގެ ސުވާލެއް އެބައޮތް…އެއީ ތިއީ ހަމައެކަނި އަދްޔަންގެ ކިބައިން ސަލާމަތްވާންކުރާ ވަގުތީ ކައިވެންޏެއްތޯ ނޫނީ ދާއިމީ ކައިވެންޏެއްތޯ؟…" ވަރަށް ހިތްވަރުކޮށްފައި ފަރަހަނާޒް އެހިއެވެ.

" އަދި މިކަން މިކުރަނީ ވަގުތީކަމެއްގެ ގޮތުގަ….އެކަމު މިކަމުގެ މުއްދަތެއް ކަނޑައަޅާކަށް އަދި ނޭނގޭ…" އާއިން އޮޅުންފިލުވައިދިނެވެ.

އާއިންގެ އެޖަވާބުން ފަރަހަނާޒްގެ ހިތުގައި ސުވާލުތައް އިތުރުވިއެވެ. އަދި އިޚްތިޔާރަކާއިނުލައި ޝައުންއާމެދުގައި ޝައްކުގެ އޮޔެވަރެއްވެސް ހިނގާލިއެވެ. މިހުރިހާ ކަމަކީ ޝައުން އަމިއްލައަށް ރާވައިގެން އާއިންއާ ކައިވެނިކުރުމަށްޓަކައި ކުރަމުންދާ ކަމެކޭވެސް އޭނާގެ ހިތަށްއެރިއެވެ. ނަމަވެސް އާއިންގެ ކުރިމަތީގައި އެހެންބުނާކަށްވެސް އޭނާއަކަށް ނުކެރުނެވެ. އާއިންދެކެނީ ޝައުންއަކީ ވަރަށް މައުސޫމު ކުއްޖެއްގެ ގޮތުގައެވެ. ޝައުންއަށްޓަކައި އާއިންގެ ހިތުގައި ކިލަނބުކަމެއް ނެތެވެ. ވީއިރު، ޝައުން ގަސްތުގައި ކުށެއް ކުރިކަމުގައިވިޔަސް އާއިންއަކަށް އެކަމެއް ނުފެންނާނެއެވެ. ދެން އޭނާ ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ މިހުރިހާ ދުވަހު އޭނާގެ ހިތުގައި އޮތްބިރުވެރިކަން އޭގެ ހަޤީޤީ ކުލަޖެހިގެން އޭނާއާ ކުރިމަތި ލައިފިއެވެ. އޭނާގެ ލޯބިވާ ފިރިމީހާ އޭނާގެ އަތުން ބީވުމުގެ ވަގުތު ޖެހިއްޖެއެވެ.

" ނާޒް….މާބޮޑަށް ނުވިސްނާ! އަހަރެން ދުވަހަކުވެސް ނާޒްއަށް ދެރައެއްނުދޭނަން….އަބަދުވެސް މިގޮތަށް ނާޒްދެކެ ލޯބިވާނަން….މިކައިވެނީގެ ސަބަބުން އަހަރެމެންގެ ގުޅުމަށް ކުޑަވެސް ބުރުލެއް ނާރާނެ….މިއީހަމަ ނަމެއްގަ ކުރެވޭކަމެއް….މިކަމުގަ މާބޮޑު ހަޤީޤަތެއްނެތް…ނާޒްދެރަވާންޖެހޭފަދަ އެއްވެސްކަމެއް ނުވާނެ….ގަބޫލުކުރޭ…." ފަރަހަނާޒް ވިސްނުމަކަށް ގެއްލިފައި ހިމޭނުން އިނުމުން އާއިން ވާހަކަ ދެއްކިއެވެ. އާއިން ޔަޤީންކޮށްދޭން ބޭނުންވީ އޭނާ އަދިވެސް ފަރަހަނާޒްދެކެ ކުރިންވެސް ވާފަދައިން ލޯބިވާކަމެވެ. އަދި އެލޯތްބަށް ދުވަހަކުވެސް ބަދަލު ނާންނާނެކަމެވެ.

އާއިން އޮފީހަށް ދިއުމުން ފަރަހަނާޒް އެކަނި ކޮޓަރީގައި އޮވެގެން އޭނާގެ ޙަޔާތާއިމެދު ވިސްނަމުން ދިޔައެވެ. އިމާދުގެ ކިބައިން ސަލާމަތްކޮށްގެން އާއިން އޭނާ މާލެގެނައި ގޮތާއި އޭނާއަށްޓަކައި އާއިން ވީ ޤުރުބާނީ ދުވަހަކުވެސް އޭނާ ހަނދާނެއް ނުނެތޭނެއެވެ. އޭނާގެ ޙަޔާތަށް އާއިން އައީ އޭނާ ހީވެސް ނުކުރާފަދަ ކުއްލިގޮތަކަށެވެ. އާއިންގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. ދުނިޔޭގެ ހުރިހާ އުފަލެއް އޭނާއަށް ލިބުނުހެން ހީވިއެވެ. ނަމަވެސް މިހާރު އަނެއްކާވެސް އޭނާގެ ޙަޔާތުގެ ނައުގެ މިސްރާބު ބަދަލުވެއްޖެއެވެ.

އާއިން އޭނާއާ ދުރަށްދާން އުޅޭކަމުގެ އިންޒާރު ލިބޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް މިފަދަ ހިތި ތަޖުރިބާއެއް އޭނާއަށް ދުވަހަކުވެސް ކުރަންޖެހިދާނެއޭ އޭނާ ހީކޮށްފައެއްނެތެވެ. އޭނާއަށް މުޅިދުނިޔެއިން ލިބުނު އެންމެ އަގުބޮޑު ޖަވާހިރު، އެހެންމީހަކާ ހިއްސާކުރަން ޖެހުނީއެވެ. އެކަން ހިތަށްއަރުވާލިޔަސް އޭނާގެ ހިތުގައި ރިހުމެއް އުފެދެއެވެ. އެރިހުމާއެކު އޭނާގެ މުޅި ދިރިއުޅުން ވޭތުކުރާނީ ކިހިނެއް ހެއްޔެވެ؟

އޭނާގެ އޮތީ ކޮންކުށެއް ހެއްޔެވެ؟ މިވަރުގެބޮޑު ތަކުލީފެއް އުފުލަން އޭނާއަށް މިޖެހުނީ ކީއްވެގެން ހެއްޔެވެ؟ އޭނާ އަމިއްލަ ނަފްސާ ސުވާލު ކުރަމުން ދިޔައެވެ. އެންމެފަހުން އޭނާ ނިންމީ މިއީވެސް އޭނާއާ ކުރިމަތިވި އިމްތިހާނެއް ކަމުގައެވެ. އިންސާނުންނަށް އިމްތިހާނުތައް ކުރިމަތިވާނީ އެކިގޮތަށެވެ. އޭނާއަށް އޮތީ ކެތްކުރުމެވެ. ފަރަހަނާޒް އެތައްއިރަކު ރޯލަރޯލާ އެނދުގައި އޮތެވެ.

ޝައުން އޮފީހުގައި އަވަދިނެތި މަސައްކަތްކުރަމުން ދިޔައިރު، އިރު އިރުކޮޅުން އާއިން އެތަނަށް އާދެއެވެ. ނަމަވެސް މާގިނަ ވާހަކައެއް ނުދައްކާ އިރުކޮޅަކު އިނުމަށްފަހު ނުކުމެގެން ދެއެވެ. އެއްފަހަރު އައިސް އަދްޔަން އަންނަނީ ކޮންއިރަކުންތޯ އެހިއެވެ. ޝައުން ނޭނގޭކަމުގައި ބުނުމުން އިތުރު އެއްޗެއް ނުބުނެ ނުކުމެގެން ދިޔައެވެ.

" އާން މިއަދު ކިހިނެއްވެގެން އުޅޭ ދުވަހެއްބާ؟….ކީއްވެގެންބާ މާގިނަ ގިނައިން މިތަނަށް އެއަންނަނީ؟…" ޝައުން ހިތާ ހިތާ ކިޔާލިއެވެ. ނަމަވެސް އޭނާއަކަށް އޭގެ ޖަވާބެ ނޭނގުނެވެ. އަދި އެސުވާލުތައް އާއިންއާ ކުރާކަށްވެސް ނުކެރުނެވެ.
*****
ހަވީރުގެ ވަގުތެވެ. ޝައުންއަށް މިއަދު އޮފީހުން ނުކުމެވޭވަރުވީ ހަވީރު ހަތަރެއްވެސް ޖެހިފަހުންނެވެ. އޭނާއާ އެކުގައިހެން އާއިންވެސް އޮފީހުން ނުކުތެވެ.

" އާންވެސް މިއަދު ގެޔަށް ނުދަނީތަ؟…" އާއިން ފެނުމުން ޝައުން އަހާލިއެވެ.

" ނޫނޭ…މެންދުރު ދިޔައިން…." އާއިން ޖަވާބުދިނެވެ.

" ހިނގާ އަހަރެންނާ ގެންގޮސްދޭނަން…" ޝައުން ފޯނުނަގައި އިޒްޔަންއަށް ގުޅާލަން ދިމާކޮށްލުމާއެކު އާއިން ބުންޏެވެ.
" އާން މިއަދު ހާދަ ފާޑަކަށް އުޅޭ ދުވަހެއް…އަނެއްކާ ކަމެއް ގޯސްވީތަ؟…" އެންމެފަހުން ޝައުން އެހިއެވެ.

" ކިހިނެއްވީ؟…އަހަރެންގެ މޫނު މާގިނައިން ފެނުނީމަ ބޮލަށް އުނދަގޫވީތަ؟…" ލާނެއްގޮތަކަށް ހީލަމުން އާއިން އެހިއެވެ.
" ނޫން ހަމަ މިއަދު އުޅޭގޮތުން އަހާލީ…" ކުޑަކޮށް ރަކިވެފައި ޝައުން ޖަވާބުދިނެވެ.

އާއިން ކާރުގެ ދޮރުފަތް ހުޅުވާލަދިނުމުން ޝައުން ކާރަށްއެރިއެވެ. އާއިންގެ އެހަރަކާތުން ޝައުންގެ ގާތަށް ހިނިއަންނަ ގޮތްވިއެވެ. މިއަދު ހަމަ ހަޤީޤަތުގައިވެސް އާއިންއަށް ކޮންމެވެސް ބަދަލެއް އަތުވެއްޖެއެވެ. އެހެންނޫންނަމަ މިހާބޮޑަށް ލަސްވެފައިވަނިކޮށް ގެޔަށްނުގޮސް އޭނާގޮވައިގެން ހުޅުމާލެއަކަށް ނުދިޔައީހެވެ.

ބާރުދުވެލީގައި ކާރު ބްރިޖްމަތިން ދަތުރުކުރަމުން ދިޔައިރު ޝައުން އިނީ ބޭރަށް ނަޒަރު ހުއްޓާލައިގެންނެވެ. ނަމަވެސް އޭނާގެ ޚިޔާލުތައް ގުޅިފައިވަނީ އާއިންއާއެވެ. އޭނާ ކައިވެނިކުރަން އުޅޭކަން އެނގުމުންވެސް އާއިން ފަހުން އެކަމާބެހޭގޮތުން އެއްވެސް ސުވާލެއް ނުކުރެއެވެ. އަދި އެކަމާ ހިތްހަމަ ނުޖެހި ރުޅިގަދަވެގެންނެއްވެސް ނޫޅެއެވެ. އަދްޔަންކަހަލަ މީހަކާ އޭނާ ކައިވެނިކުރަން އުޅޭއިރުވެސް އާއިން އެހައި ހަމަޖެހިގެން އެހުރީ ކީއްވެގެން ބާއެވެ. އާއިންގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރަނީބާއެވެ. ނޫނީ ގަސްތުގައި އަޅާނުލަން ހުންނަނީ ބާއެވެ.

ކާރުގެ ދުވެލިމަޑުކޮށްލުމުން ސިހިފައި ޝައުން ބަލާލިއިރު، ގެޔާހަމައަށް އާދެވުނީއެވެ.

" ތޭންކްސް…" ކާރުން ފައިބަމުން ޝައުން ބުނެލިއެވެ.

" އަހަރެންވެސް ދާނަމޭ…." ޝައުންއަށް ބަލާލަމުން އާއިން ބުންޏެވެ. އާއިން މަގުގެ އެއްފަރާތުގައި ކާރު ޕާކްކުރުމަށްފަހު، ޝައުންއާއެކު އާއިންވެސް ހިނގައިގަތެވެ.

" ސްޕަރައިޒް!" ދެމީހުން ގޮސް ގެޔަށްވަނުމާއެކު ކުއްލިއަކަށް އިޒްވާން ކުރިމައްޗަށް ފުންމާލަމުން ހަޅޭއްލަވައިގަތެވެ. އެއާއެކު ޝައުން ސިހިފައި ފަހަތަށް ޖެހުނު ވަގުތު އާއިންގެ ގައިގައި ލައިގަތެވެ.

" އިޒޫ ދޮންތި ބިރުގަންނުވާލީނުތި" ޝައުންގެ ގައިގައި ހިފަހައްޓާލަމުން ހިނިއައިސްފައި އާއިން ބުންޏެވެ.

ނުނިމޭ