Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ކަނޑޫދޫ މިރުހުގެ އަގު ވެއްޓިއްޖެ

ބާޒާރުގައި މިރުސް ތިޔާގިވެ ކަނޑޫދޫ މިރުހުގެ އަގު ކިލޯއަކުން 1،000ރ. އިން 600ރ. އަށް ވެއްޓިއްޖެއެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މާލޭ ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު އެއް ހާސް ރުފިޔާއަށް ވުރެ މައްޗަށް އަރައި ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ތިން ވަނަ ދުވަހު މިރުހުގެ އަގު ތިރިވެފައިވަނީ ކަނޑޫދޫ މިރުހުގެ ސަޕްލައިއާއެކު ބާޒާރުގައި އެހެނިހެން މިރުސް ގިނަވުމާއެކުގައެވެ.

އެގޮތުން ޔުގެންޑާ މިރުހުގެ ސަޕްލައިވެސް މިހާރު ވަނީ އިތުރުވެފައެވެ. ކަނޑޫދޫ ދަނޑުވެރިން ބުނީ މިފަހަރު ރޯދަމަހާ ދިމާކޮށް މިރުހުގެ އަގުބޮޑުކުރަން ޖެހުނީ ފަންޏެއް އަޅައި ދަނޑުތައް ހަލާކުވެ މިރުސް މަދުވުމާއި ގުޅިގެން ކަމަށެވެ. އަދި ހޫނު މޫސުން ބޯމަތިވުމުން ވެސް ދަނޑުތައް ހަލާކުވި ކަމަށް ބުނެފައިވެއެވެ.

ނަމަވެސް މިހާރު ދަނޑުތައް ރަނގަޅުވެ މިރުސް ހެދުނު މިންވަރު އިތުރުވެފައިވާތީ މިރުހުގެ އަގު ދަށްކުރެވުނީ ކަމަށް ވިޔަފާރިވެރިންނާ ހަވާލާދީ "ސަން" އިން ރިޕޯޓުކޮށްފައިވެއެވެ.