Last Updated: April 20, 14:49
Saturday, April 20, 2024
ދުނިޔެ

ޕްރިންސް ހެރީ އާއި މެގަންގެ ދަރިކަލުންގެ ނަމަކަށް އާޗީ

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މެގަން މާކެލް އަށް ލިބިވަޑައިގެންނެވި ފިރިހެން ދަރިކަލުންގެ ނަން އިއުލާންކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު ލިބިވަޑައިގެންނެވި ދަރިކަލުންގެ ނަމަކީ އާޗީ ހެރިސަން މައުންޓްބެޓަން ވިންޑްސާއެވެ. މިއީ ޕްްރިންސް ހެރީ އާއި މެގަންގެ ފުރަތަމަ ދަރިކަލުންނެވެ.

އިނގިރޭސި ޝާހީ އާއިލާ އަށް ނިސްބަތްވެ ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކަށް ވެސް ހާއްސަ ލަގަބުތަކެއް ދީފައިވީ ނަމަވެސް ޕްރިންސް ހެރީ އާއި މެގަން ވަނީ އެފަދަ ލަގަބެއް ދަރިކަލުންނަށް ނުދޭން ނިންމާފައެވެ. އެހެންކަމުން ދަރިކަލުންނަށް ހަމައެކަނި ކިޔާނީ މާސްޓާ އާޗީއެވެ.

އިނގިރޭސި ޝާހީ އާއިލާ އަށް ފިރިހެން ބޭފުޅަކު އިތުރުވެގެން ދިޔައިރު، އަލަށް އުފަންވެވަޑައިގަތް ދަރިކަލުން ވާނީ އިނގިރޭސި ތަހުތާ ހަތްވަނަ އަށް އެންމެ ގާތުގައި ހުންނަވާނެ ބޭފުޅަށެވެ.

ޕްރިންސް ހެރީ އަށް ފިރިހެން ދަރިކަލަކު ލިބިވަޑައިގެންނެވިއިރު އޭނާގެ ބޭބޭފުޅު ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކޭޓް މިޑިލްޓަނަށް ވަނީ ތިން ބޭފުޅުން މިހާތަނަށް ލިބިވަޑައިގެންފައެވެ.

ޕްރިންސް ހެރީ އާއި މެގަން ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރުގެ މޭއި މަހުގެ ތެރޭގައެވެ.