Last Updated: March 29, 02:52
Thursday, March 28, 2024
ސިއްހަތު

ރޯދަ ރަހަ: ގާރލިކް ޕާރމެޒާން ބްރައުން ބަޓަރ މޭޝްޑް ޕޮޓޭޓޯ

މޭޝްޑް ޕޮޓޭޓޯސް އަކީ ވަރަށް ގިނަ ޑިޝްތަކުގައި ސައިޑެއްގެ ގޮތުގައި ބޭނުން ކުރެވޭ، ގިނަ ބަޔަކަށް އެހާމެ މީރު އެއްޗެކެވެ. އެހެން ނަމަވެސް މިފަހަރު މިގެނެސްދެނީ މޭޝްޑް ޕޮޓޭޓޯސް ތަންކޮޅެއް ތަފާތުކޮށެވެ. ގޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭނެ މި މޭޝްޑް ޕޮޓޭޓޯސްއަކީ ކެއްކުންތެރިޔާގެ ހުނަރަށް ތައުރީފު އޮއްސާލާނެ ޑިޝްއެއްކަން ޔަގީނެވެ.

ބޭނުންވާނެ ތަކެތި:
– 1.5 ކިލޯ އަލުވި
– ފެން
– ލޮނު
– 185 ގުރާމު އަންސޯލްޓެޑް ބަޓަރ
– 4 ލޮނުމެދު ހިމުންކޮށްފައި
– 1/2 ޖޯޑު ގާނާފައިހުރި ޕާރމެޒާން ޗީޒް
– 1 ޖޯޑު ކިރު (ބޭނުން ނަމަ އިތުރަ)

ތައްޔާރު ކުރާނެ ގޮތް:
1. އަލުވީގެ ތޮށި ނޮޅާފައި ބޮޑު ކިއުބް ގޮތަށް ކޮށާލާ. ބޮޑު ތެއްޔަކަށް ފެނާއި ލޮނު އަޅައި، އޭގެ ތެރެއަށް އަލުވި އަޅައި އަލުވި ރަނގަޅަށް މަޑުވަންދެން ކައްކާލާ
2. ތަވައެއްގައި، މެދު ގިނީގައި ބަޓަރ ހޫނުކުރަންފަށާ. ބަޓަރުން ބޮކި އަރަން ފެށުމުން ލޮނުމެދު އަޅައި، ގިނި މަޑުކޮށްލާ. މިގަޑީގައި ރަނގަޅަށް ދޭފަތަކުން ލޮނުމެދު މީރުކުރަމުން ގެންދަންވާނެ. ބަދަން ކަހަލަ ވަހަކާއި އެއްކޮށް ބަޓަރ މުށިކުލައަކަށް އަރަންދެން ކައްކަންވާނެ. އަދި ލޮނުމެދުތަކަށްވެސް މުށިކުލަ އަރަންވާނެ. އެވަރަށް ކެއްކުމުން އުނދުނުން ބާލާ، އެއްކައިރީގައި ބަހައްޓާލާ.
3. އަލުވިތައް ފެނުން ނަގައި ތެއްޔަށް އަޅާލާ.
4. ފުރޭނިއެއް ބޭނުންކޮށްގެން ކެއްކުނު ބަޓަރގެ އެއްބައި އަލުވީގެ ތެރެއަށް އަޅާލާ. ލޮނުމެދުކޮޅުތައް ފަހުން އެޅުމަށް ބަހައްޓާލާ.
5. ޕަރމެޒާން އާއި ކިރު އަޅާލާ، ރަނގަޅަށް ޕޮޓޭޓޯ މޭޝަރ އަކުން ޗަސްކޮށްލާ.
6. ރަހަބަލާފައި ބޭނުންނަމަ ލޮނާއި އަސޭމިރުސް އަޅާ، ރަހަ ހެޔޮވަރުކޮށްލާ.
7. ސުފުރާ މައްޗަށް އަރުވަން ބޭނުންވާ ތައްޓަށް އަޅައި، އޭގެ މައްޗަށް އިތުރަށް ޕަރމެޒާން ކޮޅަކާއި، ބާކީ ހުރި ލޮނުމެދާއި އެއްކޮށް ހުރި ބަޓަރ އަޅާލާ.