Last Updated: April 20, 17:32
Saturday, April 20, 2024
ދުނިޔެ

ތިމާވެށި ހިމާޔްތަކުރުމުގެ އެއްބަސްވުމަކާ އެމެރިކާއިން އަނެއްކާވެސް ދެކޮޅުހަދައިފި

ދުނިޔޭގެ ކަނޑުތަކާއި ފަރުތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޕްލާސްޓިކަށް ވާއިރު އުކާލާފައިވާ ޕްލާސްޓިކު މަދުކުރުމަށް ހެދުނު އެއްބަސްވުމަކާ އެމެރިކާއިން އަނެއްކާވެސް ދެކޮޅު ހަދައިފިއެވެ.

ހުރިހާ ގައުމެއް ކަހަލަ ގޮތަކަށް އެއްބަސްވެފައިވަނީ ފަގީރު ގައުމުތަކަށް އުކާލާ ޕްލާސްޓިކު ކޮންޓެއިނަރުތައް ހުއްޓުވުމަށް އދ. އިން ހުށައެޅި ގަރާރަށް ތާއީދުކުރުމަށެވެ. ނަމަވެސް އެމެރިކާއިން ވަނީ އެ ގަރާރާ ދެކޮޅު ހަދާފައެވެ.

ބޮޑެތި ގައުމުތަކުން އުކާލާ ޕްލާސްޓިކު(ނަން-ރީޔޫޒަބަލް)ގެ ބޮޑެތި ކޮންޓެއިނަރުތަކުން އިންޑޮނީޝިއާ، ތައިލެންޑް އަދި މެލޭޝިޔާ ފަދަ ގައުމުތަކުގެ އަވަށްތަކާއި ކަނޑުތައް ވަނީ ކުނީގެ ވެށިތަކަށް ބަދަލުވެފައެވެ.

މިގަރާރުގެ ސަބަބުން އެކްސްޕޯޓް ކުރާ ބޮޑެތި ގައުމުތައް ކަމަށްވާ އެމެރިކާއާއި ޗައިނާ ފަދަ ބޮޑެތި އެކްސްޕޯޓަރުން އިންޑޮނީޝިޔާ ފަދަ ގައުމުތަކަށް ކުނި އުކާލުމުގެ ކުރިން އެގައުމުތަކުން ހުއްދަ ހޯދަން ޖެހޭނެއެވެ. މިހާރު އޮންނަ އުސޫލަކީ، އެކްސްޕޯޓަރުން ކުނި އުކާލަން އެކަމަށް ޚާއްސަ ކުންފުނިތަކާ ހަވާލުކޮށްލުމުން ހުއްދައެއް ހޯދުމެއް ނެތި އެމީހުން މިފަދަ ގައުމުތަކަށް ކުނި އުކާލަނީއެވެ.

އެމެރިކާ އިން މިގަރާރާ ދެކޮޅަށް ވާހަކަ ދައްކާފައިވާއިރު އެމެރިކާގެ ރައީސް ކަމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވި ފަހުން ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތްތަކާ ވިހާވެސް ދުރުގައި މަސައްކަތް ކުރެވޭތޯ އެމެރިކާއިން އަންނަނީ ބަލަމުންނެވެ.