Last Updated: March 29, 14:00
Friday, March 29, 2024
ދުނިޔެ

އައިއެސްގެ ޕްރޮވިންސެއް އިންޑިއާގައި ގާއިމުކޮށްފި

އައިއެސް ހަނގުރާމަވެރި ޖަމާއަތުގެ ޕްރޮވިންސެއް އިންޑިއާގައި ގާއިމުކޮށްފައިވާކަން އެ ޖަމާއަތުން އިއުލާންކޮށްފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ އައިއެސް ޖަމާއަތުގެ ހަބަރުތައް އާއްމުކުރާ އަމަގް ނޫސް އޭޖެންސީންނެވެ.

އެގޮތުން އެ ޕްރޮވިންސަށް އައިއެސް އިން ދީފައިވާ ނަމަކީ "ވިލާޔާ އޮފް ހިންދު" އެވެ. މި ޕްރޮވިންސް އުފައްދާފައިވަނީ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުފަޅީގައެވެ.

އައިއެސް އިން އެ ސަރަހައްދުގައި ޕްރޮވިންސެއް އުފެއްދިއިރު، ދާދިފަހުން ކަޝްމީރުގެ ޝޯޕިއަން ޑިސްޓްރިކްޓްގެ އަމަޝިޕޯރާ އަވަށުފައި ވަނީ އައިއެސް ހަނގުރާމަވެރިންނާއި އިންޑިއާ ސިފައިންނާއި ދެމެދު ވަނީ ކުރިމަތިލުންތަކެއް ވެސް ހިނގާފައެވެ. އެ ކުރިމަތިލުންތަކުގައި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިއަކު މަރުވި ކަމަށް އިންޑިއާގެ ފުލުހުން ވަނީ ބުނެފައެވެ.

އައިއެސް އިން އިންޑިއާގައި ޕްރޮވިންސެއް އުފައްދާފައިވާއިރު އެ ޖަމާއަތުގެ ބާރު އިރާގާއި ސީރިޔާގައި ވަނީ ވަރަށް ބޮޑަށް ދަށްވެގެން ގޮސްފައެވެ. ނަމަވެސް އެ ޖަމާއަތުގެ ހަރަކާތްތަކަށް އަދިވެސް ހުއްޓުމެއް އައިސްފައެއް ނުވެއެވެ.

އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު ސްރީލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާގެ ޒިންމާ ވެސް އުފުލާފައިވަނީ އައިއެސް ޖަމާއަތުންނެވެ. އެ ހަމަލާގައި 200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.