Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ރަބީޢުލް ޤުލޫބާއި ޗެރީ ޓީ: މިއީ ހަމަ ޗެރިޓީއެއް!

ދާދި މިފަހުން ސަރުކާރުންވަނީ ރާއްޖޭގައި ދަރިވަރުންނަށް ހިލޭ މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭންފަށާނެކަން އިއުލާންކޮށްފައެވެ. މިޚަބަރު ވެގެންދިޔައީ ދިވެހި އެތައް ބަޔަކު އެކަމަކަށް މަރުޙަބާކި، އުފާވެރި ޚަބަރަކަށެވެ. އަދި ދިވެހިންނަށް މިކަންވެގެން ދިޔައީވެސް ވަރަށް އާކަމަކަށެވެ. އެހެންނަމަވެސް އައްޑޫގެ ރައްޔިތުންނަށް މިއީ އާކަމެއްނޫނެވެ. ސަރުކާރުން މިކަން ކުރަން ނިންމުމުގެ އެތައް އަހަރެއްކުރިން އައްޑޫ، މަރަދޫގެ އަމިއްލަ ފަރާތަކުންދިޔައީ، އަދި މިހާރުވެސް ދަނީ އެމަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. އެގޮތުން މިއަދު މިގެނެސްދެނީ އެފަރާތުގެ ވާހަކައެވެ.

މަސައްކަތުގެ ފެށުން – ތަދުރީސުލް ޤުރުއާން

ޢަބްދުލް ޢަޒީޒު އަހުމަދު (ޢަޒީޒްބޭބެ)، ކީރިތި ޤުރުއާނާއި ބެހޭމަރުކަޒާއި ދެމެދު އެއްބަސްވެވިގެން 2011 ވަނަ އަހަރު އައްޑޫ ސިޓީ މަރަދޫގައި ތަދުރީސުލް ޤުރުއާނުގެ ނަމުގައި ތުއްތު ކުދިންނަށް ކީރިތި ޤުރުއާން ކިޔަވައިދޭ ކުލާހެއް ފެށުނީ، 3 މުދައްރިސަކަށް ޤުރުޢާނާއި ބެހޭ މަރުކަޒުން މުސާރަދޭގޮތަށެވެ. ކަލިމައިން ފެށިގެން ހިފްޒާއި ހަމައަށް ތަޖުވީދު މަގުން ޤުރުޢާން އުނގަންނައި ދިނުމަށް ފެށުނު މި ކުލާސްތައް ފެށުނީ ދެ ކުލާސްރޫމާއި 200 ދަރިވަރުންނާއެއްކޮށެވެ.

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން އެހީ ކަނޑާލުން

ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގައި، ހިލޭ ސާބަހަށް ދަރިވަރުންނަށް ޤުރުއާނާއި ބެހޭ ތަޢުލީމު ފޯރުކޮށްދިމުނަށް ކުރެވެމުން ދިޔަ މިމަސައްކަތް އެއްވެސް މައްސަލައެއް ދިމާނުވެ 2015 ވަނަ އަހަރާއި ހަމައަށް ކުރިއަށް ދިޔައެވެ. އެހެންނަމަވެސް 2015 ވަނަ އަހަރު ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން އެހީގެ ގޮތުން ދެމުން ގެންދިޔަ 3 މުދައްރިސުންގެ މުސާރަ ކަނޑާލީ، އާ އުސޫލުތަކުގެ ދަށުން ކުޑަކުދިންނަށް އުނގަންނައި ދިނުމަށް ޚަރަދުކުރެވެން ނެތްކަމަށް ބުނެއެވެ. މިކަން ވެގެން ދިޔައީ އަމިއްލަ ފަރުދަކު ކުރަމުން ދިޔަ މަސައްކަތަށް އެޅުނު ވަރަށް ބޮޑު ހުރަހަކަށެވެ. ނަމަވެސް، ކުދިންގެ ތަޢުލީމަށް ބުރު އެރިޔަ ނުދިނުމަށްޓަކައި، ޢަޒީޒްބޭބެ ނިންމީ އަމިއްލައަށް ޚަރަދުކޮށްގެންވިޔަސް ކުލާސްތައް ކުރިއަށް ގެންދިޔުމަށެވެ. އެގޮތުން މިކަމަށް ހައްލެއް ލިބެންދެން، އާއިލާއާއި، ހެޔޮއެދޭ އެހެން ފަރާތްތަކާއި ގުޅިގެން، މުދައްރިސުންނާއި، އިދާރީ އަދި އެހެނިހެން މުވައްޒަފުންގެ ޚަރަދުތައް ބަލަހައްޓަމުން ގެންދިޔައީ އަމިއްލައަށެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ޤުރުއާން ކުލާސް ހިންގުން – ރަބީޢުލް ޤުލޫބް ފައުންޑޭޝަން

އަހަރުތައް ފާއިތުވަމުން ދިޔަ ވަރަކަށް، ޤުރުއާންކުލާސް ދިޔައީ ތަރައްޤީވަމުންނެވެ. އެގޮތުން 2014 ވަނަ އަހަރު ބޮޑެތި މީހުންގެ ޤާރީކޯސްވެސް ތަދުރީސުލް ޤުރުއާނުގައި ހިންގެން ފެށުނެވެ. ނަތީޖާއެއްގެ ގޮތުން 200 ދަރިވަރުންނާއެއްކޮށް ފެށުނު ތަދުރީސުލް ޤުރުޢާނުގައި މިހާރު 600 ހާ ދަރިވަރުން ތަޢުލީމު ހާސިލްކުރަމުންދެއެވެ. އަދި 31 މުވައްޒަފުން މަސައްކަތްކުރަމުންގެންދެއެވެ. މިހުރިހާ ދަރިވަރުންނާއި މުވައްޒަފުންގެ އިދާރީ މަސައްކަތްކުރުމަކީ އެކަކަށް ކުރެވޭނެ ވަރަށްވުރެ ބޮޑު މަސައްކަތަކަށްވުމުން، ތަދުރީސުލް ޤުރުޢާނުގެ އެންމެހާ މަސައްކަތްތަކެއް ބެލެހެއްޓުމަށް 2014 ވަނައަހަރު ރަބީޢުލް ޤުލޫބް ފައުންޑޭޝަންގެ ނަމުގައި ޖަމްޢިއްޔާއެއް އުފެދުނެވެ. މިޖަމްޢިއްޔާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަކީވެސް މުސާރަ ލިބިގެން މަސައްކަތްކުރާ މުވައްޒަފުންގެ ގޮތުގައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ޤުރުއާން ކުލާސް ހިންގުން – ޗެރީ ޓީ

ތަދުރީސުލް ޤުރުއާން އަބަދުވެސް ހިންގަމުން ގެންދަނީ ކުލީ ބިމެއްގައެވެ. ނަމަވެސް ތުއްތު ކުދިންނަށް ހިލޭ ސާބަހަށް އިސްލާމީ ތަރުބިއްޔަތު ދެވޭ މަސައްކަތެއް ކުރާތަނަކަށްވާތީ އެބިން އޮންނީ އެމަސައްކަތް ކުރާހާ ދުވަހަކަށް ހިލޭ ލިބޭގޮތަށް އެއްބަސްވެވިފައެވެ. އެގޮތުން ކުލާސްތަކަށް ފަންޑު ހޯދުމަށްޓަކައި އެބިމުގައި ކެންޓީނު ހިންގިއަސް އެންމެ ރަނގަޅުކަމުގައި އެއްބަސްވުމުގައި އޮތުމާއެކު، އަދި ކުލާސްތައް ހިންގުމަށް މާލީދަތިތައް ދިމާވުމުގެ ސަބަބުން، 2018 ވަނަ އަހަރު އެޕްރިލް މަހު ޗެރީ ޓީ ގެ ނަމުގައި ކުޑަ ރެސްޓޯރެންޓެއް ކުލާސް ރޫމްތަކާއި އިންވެގެން ހުޅުވުނެވެ. އެގޮތުން އެތަނަށް ލިބޭ %100 ފައިދާ އަކީ ތަދުރީސުލް ޤުރުއާނުގެ ކަންކަމަށް ޚަރަދު ކުރެވޭ ފައިސާއެވެ.

ކުލާސްތައް ކުރިއަށްދާ ގޮތް

ޖުމްލަ 600 އެއްހާ ދަރިވަރުންނާއެއްކޮށް ހުކުރު ދުވަސްނޫން ކޮންމެ ދުވަހެއްގެ ހެނދުނު 7 އިން ރޭގަނޑު 9 އާއި ދެމެދު ކުރިއަށް ގެންދާ ކުލާސްތަކުގައި ކުޑަކުދިންނަށް ޚާއްސަކޮށް އަލިފްބާ، ކަލިމަ، އަދި ސޫރަތް ލެވެލް 1 އިން ފެށިގެން މައްޗަށް ކިޔަވައިދެވެއެވެ. އެގޮތުން މިހާރު ލެވެލް 7 އާއި ހަމައަށް ކިޔަވައިދިނުމަށް ނިންމާފައި އޮތްނަމަވެސް ކުރިއަށް އޮތް ތަނުގައި ލެވެލް 10 އާއި ހަމައަށް ކިޔަވައިދޭން މަސައްކަތްކުރާކަމުގައި ރަބީޢުލް ޤުލޫބްގެ ފަރާތުން ވާހަކަދެއްކި ބޭފުޅަކު ވިދާޅުވިއެވެ. މިކުލާސްތައް ކުރިއަށް ގެންދަނީ އެއްވެސް ފީއެއް ނުނަގައެވެ.

މީގެ އިތުރުން ބޮޑެތިމީހުންގެ ޤާރީ ކޯސްތައްވެސް މިހާރު ތަދުރީސުލް ޤުރުއާނުގައި ހިންގަމުން ގެންދެވެއެވެ. މިކޯސްތަކަކީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ މުޤާއްރިރަށް، އެތަނުގެ ސަނަދު ލިބޭގޮތަށް ކުރިއަށް ގެންދެވޭ ކޯސްތަކެކެވެ. އެގޮތުން މިހާރު ތަދުރީސުގައި ޤާރީ ލެވެލް 1، 3، އަދި 4 ކުރިއަށް އެބަދެއެވެ. މި ކޯސްތަކަކީ 2015 ވަނަ އަހަރާއި ހަމައަށް ހިލޭ ހިންގުނު ކޯސްތަކެއް ކަމުގައިވީނަމަވެސް، އެހީ ކަނޑާލުމާއި ގުޅިގެން ދަރިވަރުން އަތުން ފީއެއް ނަގައިގެން ކުރިއަށް ގެންދެވޭ ކޯސްތަކެކެވެ.

ހަމަ މިއާއި އެއްކޮށް ކުޑަކުދިންނާއި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ހިފްޒު ކުލާސްތައްވެސް ތަދުރީސުލް ޤުރްއާނުގައި ހިންގެއެވެ. ނަމަވެސް މިކުލާސްތައް ކުރިއަށް ދަނީ އެހެން ކުލާސްތަކާއި ތަފާތުގޮތަކަށެވެ. ކުރިން އޮތް އުސޫލުގެ ދަށުން ހޭދަ ކުރެވޭ 1 ނުވަތަ 2 ގަޑިއިރުން ދަރިވަރުންނަށް އެދެވޭ ކުރިއެރުންތަކެއް ނުލިބޭކަން ފާހަގަވުމުން، އުސޫލުތަކަށް ބަދަލުގެނެސް، މިހާރު ހިފްޒު ކުލާސްތައް އޮންނަނީ ކުޑަކުދިންނަށް ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގައި 5 ގަޑި އިރު، އަދި ބޮޑެތި މީހުންނަށް 2 ގަޑި އިރު ހޭދަ ކުރަންޖެހޭ ގޮތަށެވެ. އަދި މިކުލާސްތަކަކީ ގިނަ ވަގުތުތައް ހޭދަވެ، ކުޑަކުދިންނަށް ސްކޫލްގައި ހިންގޭ އެކްސްޓްރާ ކުލާސްތައް ފިޔަވައި، އެހެން އިތުރު ހަރަކާތްތަކުގައި ބައިވެރި ނުވެވޭ ގޮތަށް އޮންނަ ކުލާސްތަކަކަށްވުމުން، ކުޅިވަރުވެސް ހިމެނޭ ގޮތަށް އޮންނަ ކުލާސްތަކެކެވެ. އެގޮތުން ކޮންމެ ހަފްތާއަކު ކުޅިވަރު، އަދި ކޮންމެ މަހަކު އެއްފަހަރު ޕިކްނިކް ދަތުރު، އަދި އިނާމު ދިނުންވެސް އޮވެއެވެ. މިގޮތަށް މިކަން ރޭވިފައި އޮންނަނީ ކުދިން ކިޔެވުމަށް މޯޓިވޭޓް ކުރުމުގެ ގޮތުން ކަމުގައި އެފަރާތުން މަޢުލޫމާތު ދެއްވައެވެ.

2017 އަހަރު އަމަލު ކުރަންފެށުނު މި އުސޫލުގެ ދަށުން މިކުލާސްތައް ރޭވިފައި އޮންނަނީ 3 އަހަރާއި 6 މަހުގެ ތެރޭގައި ދަރިވަރުންނަށް ޤުރުއާން އެއްކޮށް ހިތު ދަސްކުރެވޭ ގޮތަށެވެ. މިގޮތުން ފިރިހެން ކުދިންގެ ކުލާސްތައް ކުރިއަށް ގެންދަނީ މިސްކިތްތަކުގައެވެ. އަދި ފިރިހެން ކުދިންނަށް އުނގަންނައި ދިނުމުގައި 4 މުދައްރިސުން ހަރަކާތްތެރިވެއެވެ. އަދި އަންހެން ކުދިންގެ ކުލާސްތައް ކުރިއަށް ދަނީ ކުލާސްތަކުގައެވެ، މިކުދިންނަށް އުނގަންނައި ދިނުމުގައި ހަރަކާތްތެރި ވަނީ 2 އަންހެން މުދައްރިސުންނެވެ. ތަދުރީސުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި އެބޭފުޅުންނަށް މިކުލާސްތަކުގައި ކިޔަވައިދެއްވާނެ މުދައްރިސުން ލިބުމުގައި ވަރަށް ބޮޑެތި ދަތިތައް ދިމާވެއެވެ.

ހަމަ މިއާއެކު މިއަހަރު ތަދުރީސުލް ޤުރުއާނުން ވަނީ އިސްލާމްއާއި ޤުރުއާނުން ޓިއުޝަންދޭން ފަށާފައެވެ. އެގޮތުން 300 ރުފިޔާގެ ފީއެއް ނަގައިގެން ކުރިއަށް ގެންދެވޭ ކުލާސްތައް ހިންގަނީ އެކި ސްކޫލްތަކުގެ މުދައްރިސުން ގެނެސްގެންނެއެވެ. އަދި ފީ ގެ %75 ދެވެނީ މުދައްރިސަށެވެ .އަދި ބާކީ %25 އަކީ އިދާރީ މަސައްކަތަށް ކުރެވޭ ހޭދައެކެވެ.

ދަރިވަރުންގެ ކުރިއެރުން މޮނިޓަރ ކުރާގޮތް

މަދުރަސާއެކޭ އެއް ފެންވަރަކަށް ކުރިއަށް ގެންދާ މިކުލާސްތަކުގައި ދަރިވަރުންގެ ކުރިއެރުން ބެލުމަށްޓަކައިވެސް ބޭނުންކުރެވެނީ އެންމެ ޒަމާނީ މިންގަނޑުތަކެވެ. އެގޮތުން ކޮންޓިނިއަސް އެސެސްމެންޓްގެ ގޮތުގައި ކޮންމެ ހަފްތާއަކު ޓެސްޓުކުރެވި، އަހަރަކު 2 ޓާމް ޓެސްޓުވެސް ނެގެއެވެ. އަދި މިޓެސްޓުތަކަށް ބިނާކޮށް ދަރިވަރުންނަށް ރިޕޯޓެ ދެވި، ރިޕީޓް ކުރަންޖެހޭ ދަރިވަރުން ރިޕީޓްކޮށް، ޕްރޮގްރެސް ކުރަންޖެހޭ ދަރިވަރުން ޕްރޮގްރެސްވެސް ކުރެވެއެވެ.

ރަބީޢުލް ޤުލޫބުގެ މަސައްކަތް

ތަދުރީސުގެ މަސައްކަތުގެ އިތުރަށް ރަބީޢުލް ޤުލޫބް ފައުންޑޭޝަނަކީ މުޅި މުޖްތަމަޢުގެ ފައިދާއަށްޓަކައި މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. އެގޮތުން މި ރަމަޟާން މަހުގައި އެ ޖަމްޢިއްޔާއިން ވަނީ 17 އާއިލާއަކަށް ރަމަޟާން މަހަށްޓަކައި ތައްޔާރުވުމަށް އެހީ ފޯރުކޮށްދީފައެވެ. އަދި ރަމަޟާންމަހުގެ ކޮންމެ ދުވަހަކު ތަންތަނުގައި ޑިއުޓީއަށް ތިބޭ މީހުންނާއި، ހެލްތު ސެންޓަރ ތަކުގައި ތިބޭ މުވައްޒަފުންނާއި، ބަލިމީހުންނާއި އެމީހުންގެ އެހީތެރިންނަށް ރޯދަ ވީއްލުން ފޯރުކޮށްދެމުންނެވެ. އެފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި މި މަސައްކަތް ކުރިއަށް ދަނީ ހެޔޮ އެދޭ ވިޔަފާރިވެރިއަކާއި ރަބީޢުލް ޤުލޫބުގެ މުވައްޒަފުންގެ މަސައްކަތުންނެވެ. ހަމަ މިއާއެކު އެފަރާތުން ވަނީ ރަމަޟާން މަހުގެ ފުރަތަމަ 5 ދުވަހު ތަދުރީސުލް ޤުރުއާނުގެ ހިފްޒު ކުލާހުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ހޮވާލެވޭ ދަރިވަރުންނަށް ކޮންމެ ރެއަކު ތަރާވީސް ނަމާދުގައި އިމާމްވެ 2 ރަކްޢަތްކުރުމުގެ ފުރުސަތުދީފައެވެ. އެފަރާތުން ވިދާޅުވިގޮތުގައި ދެން ތަރާވީހުގައި ދަރިވަރުން އިމާމްވުން ކުރިއަށްދާނީ ރަމަޟާން މަހުގެ ފަހު 10 ރޭގައެވެ.

އިސްލާމްދީނުގައި އަންގަވާފައިވާގޮތުން އިންސާނަކު މިދުނިޔެ ދޫކުރުމަށްފަހު އޭނާގެ މައްޗަށް ސަވާބު ހިނގަނީ ތިން ކަމަކުންނެވެ. އެއީ ހިނގަ ހިނގާ ހުންނަ ޞަދަގާތާއި، ތިމާގެ މައްޗަށް ދުޢާ ކުރާނެ ޞާލިޙު ދަރިއަކާއި، ތިމާ ޢިލްމު ފެތުރުމަށް ކުރި މަސައްކަތަކުން ބަޔަކަށް އުނގެނެމުންދާ ޢިލްމަކުންނެވެ. އެހެންކަމުން ރަބީޢުލް ޤުލޫބުގެ ފަރާތުން އަޅުގަނޑުމެންގެ މުޖުތަމަޢަށް މިކޮށްދެނީ ކިހާ ހެޔޮކަމެއްތޯއެވެ؟ ތަޢުލީމު އުނގަންނައި ދިނުމުގެ އިތުރަށް މުޅި މުޖްތަމަޢުގެ އެއްބައިވަންތަކަން ދެމެހެއްޓުމާއި، ނެތެމުންދާ ރިވެތި އިސްލާމީ އާދަތައް ދެމެހެއްޓުމުގެ އިތުރަށް ތުއްތު ކުދިންނަށް ނަމޫނާ ދައްކައި، އެކުދިންގެ ހިތްތަކުގައިވެސް ޤުރުއާނާއި އިސްލާމް ދީނާމެދު ލޯބި ޖެއްސުމަށް ރަބީޢުލް ޤުލޫބުން ކުރާ މަސައްކަތަކީ މުޅި އައްޑޫ ސިޓީ އެކަމަކަށްޓަކައި ފަޚުރުވެރިވާ ކަމެކެވެ. މާތް ﷲ އެފަރާތްތަކުގެ މަސައްކަތުގައި ބަރަކާތް ލައްވާށި. އާމީން!