Last Updated: April 26, 15:02
Friday, April 26, 2024
ވިޔަފާރި

މިދިޔަ މަހު މީރާ އަށް 1.31 ބިލިއަން ރުފިޔާ ލިބިއްޖެ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

މިދިޔަ މަހު މީރާއަށް 1.31 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީއިން ބުނެފި އެވެ.

މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 12.6 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި މިއީ މިއަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 6.3 އިންސައްތަ އިތުރު އަދަދެއް ކަަމަށް ވެސް މީރާއިން ބުނެއެވެ.

ވޭތުވެދިޔަ އަހަރުގެ އެޕްރީލް މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ އެޕްރީލް މަހުގެ އާމްދަނީ އިތުރުވުމުގެ ސަބަބަކީ ބައެއް ޓެކުހުގެ ގޮތުގައި ދައްކަންޖެހި ނުދައްކާހުރި ފައިސާ ޓެކްސް ދައްކާ ފަރާތްތަކުން މި މަހުގެ ތެރޭގައި ދައްކާފައިވާތީވެ ކަމަށް މީރާ އިން ބުނެއެވެ.

އަދި އެޕްރީލް މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ، ޖީޖީއެސްޓީ، ބީޕީޓީ އަދި ރިޒޯޓު ކުލީގެގޮތުގައި ދައްކަންޖެހި ނުދައްކާހުރި ފައިސާ ޓެކްސް ދައްކާ ފަރާތްތަކުން މި މަހުގެ ތެރޭގައި ދައްކާފައިވާތީވެ ކަމަށް ވެސް މީރާ އިން ހާމަކުރެއެވެ.

މީރާއިން ބުނީ، މިދިޔަ މަހު އެއޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއިން ކަަމަށެވެ. އެއީ 875.69 މިލިއަން ރުފިޔާއެވެ، ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކްސް އިންނެވެ. އެއީ 83.6 މިލިއަން ރުފިޔާ ކަމަށްވެސް މީރާއިން ބުނެއެވެ.

މިދިޔަ މަހު މީރާ އަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 55.9 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.