Last Updated: April 24, 06:35
Wednesday, April 24, 2024
ކުޅިވަރު

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމުވެސް ވެންޑައިކަށް

މި ސީޒަނުގެ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކަށް ލިބިއްޖެއެވެ.

ޕްރިމިއާ ލީގުގެ ކުޅުން މިއަދު ނިމޭއިރު މޮޅު ކުޅުންތެރިއާގެ މަގާމު ވެން ޑައިކަށް ލިބުނުކަން ހާމަކުރީ ޓްވިޓާ މެދުވެރިކޮށެވެ.

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެން ޑައިކް ހޯދިއިރު، އޭނާ އަށް ވަނީ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނުން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ދާދިފަހުން ލިބިފައެވެ.

މިއީ 2005 ވަނަ އަހަރަށްފަހު ޑިފެންޑަރަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. މި އެވޯޑު އެންމެފަހުން ހޯދި ޑިފެންޑަރަކީ ޗެލްސީ އަށް ކުރިން ކުޅުނު ޖޯން ޓެރީއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ ޓްރާންސްފާގައި 75 މިލިއަން ޕައުންޑުގެ އަގަކަށް ސައުތްހެމްޓަން އިން ލިވަޕޫލްއާ ގުޅުނު ވެން ޑައިކް އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާ ލިވަޕޫލްގެ ފަހަތް ވަރަށް ރަނގަޅަށް ލީޑު ކުރަމުންނެވެ. އެގޮތުން ލީގުގައި ވެން ޑައިކް ކުޅުނު 37 މެޗުގެ ތެރެއިން 19 މެޗުގައި ލިވަޕޫލް ކޮޅަށް ގޯލެއް ވަދެފައިނުވާއިރު އޭގެ ތެރެއިން 28 މެޗު ލިވަޕޫލް އިން ވަނީ ކާމިޔާބުކޮށްފައެވެ.

ޕްރިމިއާ ލީގުގެ ކުޅުން މިއަދު ނިމޭއިރު ވެން ޑައިކް ކުޅެމުން އަންނަ ލިވަޕޫލް އިން އަންނަނީ ލީގަށް ވެސް ވާދަކުރަމުންނެވެ. އެގޮތުން މިއަދު ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ މިރޭ ކުޅޭ މެޗުން އެޓީމަށް މޮޅު ނުވެވި، ލިވަޕޫލް ކުޅޭ މެޗުން އެޓީމު މޮޅުވެއްޖެނަމަ ލީގު ޗެމްޕިއަންކަން ލިވަޕޫލަށް ލިބޭނެއެވެ.

ލީގުގެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި ލިވަޕޫލް ނިކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ. އަދި ސިޓީ ރަށުން ބޭރުގައި ނިކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.