Last Updated: April 26, 06:56
Friday, April 26, 2024
ކުޅިވަރު

މިއީ ކެރިއަރުގައި ހޯދުނު އެންމެ އުނދަގޫ ތަށި: ގާޑިޔޯލާ

މިފަހަރުގެ ޕްރިމިއާ ލީގު ތަށްޓަކީ ކެރިއަރުގައި ހޯދުނު އެންމެ އުނދަގޫ ތަށި ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

ލީގަށް މިފަހަރު އެންމެ ކައިރިން ސިޓީއާ ވާދަކޮށްފައިވަނީ ލިވަޕޫލް އިންނެވެ. އެގޮތުން ސިޓީ އަށް ލީގު ކަށަވަރުވީ އެންމެ ފަހު މެޗުގައި ބްރައިޓަންގެ މައްޗަށް 1-4 އިން ކުރި ހޯދުމުންނެވެ. ސިޓީން ލީގު ނިންމާލީ 98 ޕޮއިންޓާ އެކުއެވެ. ލިވަޕޫލް ލީގު ނިންމާލީ 97 ޕޮއިންޓާ އެކުއެވެ.

މިއީ ސިޓީން ލީގު ޖެހިޖެހިގެން ކާމިޔާބުކުރި ދެވަނަ ފަހަރު ކަމަށްވާއިރު ގާޑިޔޯލާ ބުނީ ތަށްޓައް ލިވަޕޫލުން ކުރި ވާދައިގެ ސަބަބުން މި ސީޒަނުގައި ސިޓީގެ ފެންވަރު ވެސް އިތުރަށް މަތިކުރަން ޖެހުނު ކަމަށާއި އެކަމަށްޓަކާ ލިވަޕޫލަށް ޝުކުރު އަދާކުރާ ކަމަށެވެ.

"މިދިޔަ ސީޒަނަށް ވުރެ ބޮޑަށް މި ސީޒަނުގައި އަހަރުމެންގެ ފެންވަރު މަތިކުރަން ޖެހުނު. އެއް ފެންވަރެއްގައި އަހަރުމެންނަށް ހިފެހެއްޓުނީ އެކަމަށް ލިވަޕޫލުން ވެސް އެހީވުމުން. މިފަހަރު ލީގު ހޯދުމަށް އަހަރުމެން ޖެހުނު ޖެހިޖެހިގެން 14 މެޗުން މޮޅުވާން. އެންމެ ޕޮއިންޓެއް ވެސް ވައްޓާލެވޭކަށް ނެތް. މިއީ އަހަރެންގެ ކެރިއަރުގައި މިހާތަނަށް ހޯދުނު އެންމެ އުނދަގޫ ތަށި" ގާޑިޔޯލާ ބުންޏެވެ.

ސިޓީ އަށް ބަދަލުވުމުގެ ކުރިން ގާޑިޔޯލާ ވަނީ ސްޕެއިންގެ ބާސެލޯނާ އަށް ކޯޗުކޮށްދީ، އެ ކްލަބާއެކު ސްޕެނިޝް ލީގު ތިން ފަހަރު އަދި ޖަރުމަނުގެ ބަޔާން މިއުނިކަށް ކޯޗުކޮށްދީ އެ ކްލަބާއެކު ޖަރުމަނު ލީގު ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލީގު ހޯދުމަށް ސިޓީން އަންނަ ސީޒަނުގައި ނިކުންނައިރު، ގާޑިޔޯލާ ބުނީ އަންނަ ސީޒަން މިއަށްވުރެ ވެސް އުނދަގޫ ވާނެ ކަމަށާއި ނަމަވެސް ސިޓީ ވެސް މިއަށްވުރެ ވަރުގަދަ ވާނެ ކަމަށެވެ.

ޕްރިމިއާ ލީގުގެ އިތުރުން ސިޓީން ވަނީ މި ސީޒަނުގައި އިނގިރޭސި ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އިނގިރޭސި އެފްއޭކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް އެޓީމަށް އަދި އެބައޮތެވެ. އެ މުބާރާތުގެ ފައިނަލްގައި ސިޓީ ނިކުންނާނީ ވޮޓްފޯޑްއާ ދެކޮޅަށެވެ.