Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ކުރިމަގާ މެދު ގޮތެއް ނިންމައިފިން: ހަޒާޑް

ކުރިމަގާ މެދު ގޮތެއް ނިންމާފައިވާ ކަމަށް ޗެލްސީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ވިންގާ އެޑެން ހަޒާޑް ބުނެފިއެވެ.

ޗެލްސީ އާއެކު ހަޒާޑް ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ އަހަރެއް ކަމަށްވާއިރު، އެ ކްލަބުން އަންނަނީ އޭނާގެ ކޮންޓްރެކްޓް އާކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް މެދުކެނޑިފައިވާއިރު މި ސީޒަން ނިމުމުން ހަޒާޑް ޗެލްސީ ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމަކީ ގާތް ކަމެއް ކަމަށް ރިޕޯޓުތައް އަންނަނީ ބުނަމުންނެވެ.

ޕްރިމިއާ ލީގުގައި ޗެލްސީން ރޭ ކުޅުނު ފަހު މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ހަޒާޑް ބުނީ ކުރިމަގާ މެދު ގޮތެއް ނިންމާފައިވާ ކަމަށާއި އޭނާގެ ނިންމުން މީގެ ހަފްތާތަކެއް ކުރިން ޗެލްސީ އަށް ވެސް އަންގާފައިވާނެ ކަމަށެވެ.

"އަހަރުމެންނަށް އަދި އެބައޮތް މި ސީޒަނުގައި ފައިނަލެއް. ފައިނަލަށް ފަހު އަނެއްކާވެސް އެކަމާ މެދު ވާގޮތެއް ބަލާނީ. ސީޒަނުގެ ތަންކޮޅެއް ކުރީކޮޅު މިކަން ވަކި ކޮޅެއްގައި ޖެހިފައި އޮންނަން ބޭނުންވި. އެކަމަކު އެކަން އެގޮތަކަށް ނުވި. ހުރިހާ އެންމެންނެކޭ އެއްގޮތަށް އަހަރެން ވެސް މިހުރީ މިހާރު ދެން މަޑުކޮށްލައިގެން" ހަޒާޑް ބުންޏެވެ.

ލީގުގެ ތިންވަނަ މަގާމާއެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޗެލްސީ އަށް ޖާގަ ލިބިފައިވާއިރު، އެއީ ކުރިމަގާ މެދު ނިންމާފައިވާ ނިންމުމަށް ބަދަލެއް އައިސްދާނެ ކަމެއްތޯ ސުވާލުކުރުމުން ހަޒާޑް ބުނީ "ނޫން. އަހަންނަކަށް ހީއެއް ނުވޭ. އަހަރެން މިހުރީ ގޮތެއް ނިންމައިގެން" ކަމަށެވެ.

2012 ވަނަ އަހަރު ޗެލްސީއާ ގުޅުނު ހަޒާޑް ވަނީ އެ ކްލަބަށް މިހާތަނަށް 300 އަށް ވުރެ ގިނަ މެޗު ކުޅެދީ 108 ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ ވަނީ ޗެލްސީއާއެކު ދެ ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.