Last Updated: April 24, 23:11
Wednesday, April 24, 2024
ކުޅިވަރު

ކުޅުން ހުއްޓާލި ވާހަކަ ޓޫރޭ ދޮގުކޮށްފި

ފުޓްބޯޅަ ކުޅުން ހުއްޓާލި ކަމަށް ބުނެ ފެތުރެމުންދާ ހަބަރުތައް މެންޗެސްޓަރ ސިޓީ އަށް ކުރިން ކުޅުނު އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ދޮގުކޮށްފިއެވެ.

ޓޫރޭ ކުޅުން ހުއްޓާލި ކަމަށް ބުނެެ އެކަން ރަސްމީކޮށް އިއުލާންކުރީ އޭނާގެ އެޖެންޓު ޑިމިޓްރީ ސެލުކްއެވެ. ސެލުކް ބުނި ގޮތުގައި ކުޅުން ހުއްޓާލުމަށްފަހު ޓޫރޭ މިހާރު ތައްޔާރުވަމުން އަންނަނީ ކޯޗިންގެ ދާއިރާގައި މަސައްކަތް ކުރުމަށެވެ.

ނަމަވެސް އެޖެންޓުގެ އެ ވާހަކަތައް ދޮގުކުރަމުން ޓޫރޭ އިއްޔެ ބުނީ އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ބައެއް ފަރާތްތަކަށް އޮޅުންތަކެއް އަރާފައިވާ ކަމަށާއި އެގޮތުން ފުޓްބޯޅަ ކުޅުމުގައި އިތުރު އަހަރުތަކެއް ހޭދަކުރުމަށް އަދިވެސް ގަސްތު ކުރާ ކަމަށެވެ.

"ކުޅުން ހުއްޓާލަންވީމަ އެކަން ރަސްމީކޮށް އިއުލާންކުރާނީ ސީދާ އަހަރެން. މިހާރު ފޯކަސް މިހުރީ ކުޅުމުގެ ދާއިރާ އިން އިތުރު ޗެލެންޖުތަކާ ކުރިމަތިލާން" ޓޫރޭ ބުންޏެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ޔާޔާ ޓޫރޭ ސިޓީ ދޫކޮށްލިއިރު އޭގެފަހުން އޭނާ ބަދަލުވީ ގްރީސްގެ އޮލިމްޕިއާކޯސް އަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުތެރޭ ޔާޔާ ޓޫރޭ ވަނީ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލާފައެވެ.

2007 ވަނަ އަހަރު ބާސެލޯނާ އަށް ކުޅެ އެ ކްލަބާއެކު ޗެމްޕިއަންސް ލީގު ހޯދުމަށްފަހު، ޓޫރޭ ސިޓީ އަށް ބަދަލުވީ 2010 ވަނަ އަހަރުއެވެ. އެ ކްލަބާއެކު ޓޫރޭ ވަނީ ޕްރިމިއާ ލީގުގެ ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.