Last Updated: April 24, 10:23
Wednesday, April 24, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ސަތާޅީސްވަނަބައި)

" ސްޕަރައިޒް!" ދެމީހުން ގޮސް ގެޔަށްވަނުމާއެކު ކުއްލިއަކަށް އިޒްވާން ކުރިމައްޗަށް ފުންމާލަމުން ހަޅޭއްލަވައިގަތެވެ. އެއާއެކު ޝައުން ސިހިފައި ފަހަތަށް ޖެހުނު ވަގުތު އާއިންގެ ގައިގައި ލައިގަތެވެ.

" އިޒޫ ދޮންތި ބިރުގަންނުވާލީނުތި" ޝައުންގެ ގައިގައި ހިފަހައްޓާލަމުން ހިނިއައިސްފައި އާއިން ބުންޏެވެ.

" ކޮބާ ސަޕްރައިޒް ކަމުދޭތަ؟…" އިޒްޔަން ހެވިފައި އައިސް އަހާލިއެވެ.

" މާބޮޑަށްވެސް ކަމު ހިނގައްޖެހެން ހީވަނީ….ސިހުނުވަރުން ބަސްހުއްޓިފަ އެހުރީ…" އާއިން ހިނިގަނޑެއް ޖަހާލަމުން ޝައުންއާ ދިމާކޮށްލިއެވެ.

" މަންމަމެންވެސް އައިތަ؟…ކީއްވެ ނުބުނެ ކުއްލިއަކަށް އައީ؟…" ގޭތެރެއަށް ނަޒަރު ހިންގާލަމުން ޝައުން އެހިއެވެ.

" އާނ މަންމަމެންވެސް އައޭ…ދޮންތިއަށް ސަޕްރައިޒްދޭންވެގެން ހަމަ ނުބުނެއައީ…މަންމަބުނީ ދޮންތިވެސް ސަޕްރައިޒެއްދޭން އުޅޭތީއޯ ނުބުނެ އައީ…" އިޒްވާން އޮޅުންފިލުވައި ދިނެވެ.

" ދޮންތި ސަޕްރައިޒެއްދޭން އުޅެއޭ ކާކުބުނީ؟…" ހައިރާންވެފައި ޝައުން އަހާލިއެވެ.

" މިބުނީނު މަންމައޭ ބުނީ…" އިޒްވާން އަނެއްކާވެސް ތަކުރާރުކޮށްލިއެވެ.

" ދޮންތަ ނޫޅެން އެއްވެސް ސަޕްރައިޒެއްދޭކަށް…ކޮބާތަ މަންމަ…" ޝައުން ބޭނުންވީ ވީހާވެސް އަވަހަކަށް މަންމައާ ބައްދަލުކުރާށެވެ.

" ކޮޓަރީގަ…" އިޒްވާން ޖަވާބުދިނެވެ. ޝައުން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އަމީންމެން ދެމަފިރިންނަށް ޚާއްސަކުރެވިފައިވާ ކޮޓަރިއަށް ވަނެވެ.

" އަނހާ! ދަރިފުޅު ތިއައީތަ؟…" ޝައުން ފެނުމާއެކު އުފާވެފައި އަޒީފާ އަހާލިއެވެ.

" އާނ…އެކަމު މަންމަމެން ކުއްލިއަކަށް ކީއްވެ ތިއައީ؟…އަނެއްކާ ކަމެއް ގޯސްވީތަ؟…އެރިކްގެ ބައްޕަ އަނެއްކާވެސް އިންޒާރެއް ދިނީތަ؟…" ކަންބޮޑުވެފައި ޝައުން އަހާލިއެވެ.

" ނޫނޭ….އެކަހަލަ އެއްވެސް ކަމެއްނުވޭ….ބައްޕަމެންނަށް އުފާވެރި ޚަބަރެއް ލިބުނީމަ މިއައީ…." ފާޚާނާއިން ނުކުތް އަމީން ހިނިތުންވެލާފައި ޝައުންގެ ސުވާލަށް ޖަވާބުދިނެވެ.

" ކޮންކަހަލަ ޚަބަރެއް؟…" ޝައުން ހައިރާންވެފައި ސުވާލުކުރިއެވެ.

" ސައިތައްޔާރުވެއްޖެ…މަންމަމެން އާދޭ ސައިބޯން…." ޝައުންގެ ސުވާލަށް ޖަވާބު ލިބުމުގެ ކުރިން ކޮޓަރި ދޮރުހުޅުވާލާފައި އުޝާ ބުނެލިއެވެ.

" އާނ..ހިނގާ…ސައިބޯން ތިބެގެންވެސް ވާހަކަ ދެއްކިދާނެއްނު.." ޝައުންގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން އަމީން ބުނެލިއެވެ. ޝައުންވެސް ދެބަހެއްނެތި އަމީންއާއެކު ހިނގައިގަތެވެ.

" އަސްތާ! އާންވެސް އައިސްދޯ މިއުޅެނީ…އާދޭ ހުރިހާކުދިން އެއްކޮށް ސައިބޯން އާދޭ…" ސިޓިންރޫމުގައި އިޒްވާންއާ ވާހަކަދައްކަން އިން އާއިން ފެނުމުން އަމީން ބުނެލިއެވެ. ހުރިހާ އެންމެން އެއްކޮށް ކާމޭޒުދޮށުގައި އިށީނދެ ހަވީރުގެ ސަޔަށް އިންސާފުކުރަން ފެށިއެވެ.

" ދެން ބުނެބަލަ ކީއްވެގެންތަ ކުއްލިއަކަށް ތިއައީ؟…ކޮންކަހަލަ އުފާވެރި ޚަބަރެއް ލިބުނީތަ؟…ދޮންބެދައްތަ ވިހާތަނަށް އަންނަން ބުނެފަ މާއަވަހަށް ތިއައީ އަނެއްކާ ތާރީޚް އަވަސްވީތަ؟…" ކެތްތެރިކަން ކުޑަވެފައި ޝައުން ސުވާލުކުރަން ފެށުމުން އަމީންގެ ގާތަށް ހިނިއައެވެ. އަދި ދެންތިބިމީހުންގެ މޫނުމަތިންވެސް ހިނިތުންވުން ފާޅުވިއެވެ.

" ދަރިފުޅު ހީކުރީ ދަރިފުޅަށް އެކަނިކަމަށްތަ ސިއްރުން ކަންތައްކުރެވޭނީ….ދަރިފުޅު ސިއްރުން ބައްޕަމެންނަން ސަޕްރައިޒްދޭން އުޅުނީމަ ބައްޕަމެންވެސް ދަރިފުޅަށް ސަޕްރައިޒްދިނީމި…" ހިނިއައިސްފައި އިނދެ އަމީން ބުނެލިއެވެ.

" ކޮން ސަޕްރައިޒެއްތަ ބައްޕާ….އަހަރެންނަކަށް ނޭނގެ ތިކިޔާ އެއްޗެއް…އަހަރެން ނޫޅެން އެއްވެސް ސަޕްރައިޒެއް ދޭކަށް…" އަމީން ބުނި އެއްޗެއް މާނައެއް ޝައުންއަކަށް ނޭނގުނެވެ. އޭނާއިނީ އަދިވެސް އެމީހުން ދައްކާ ވާހަކައެއް ދޭހަނުވެފައެވެ.

" މިކިޔަނީ ދަރިފުޅުގެ ކައިވެނީގެ ވާހަކަ….އަދި ނުބުނަން ކަމަށްތަ ތިއުޅެނީ…ދަރިފުޅު ކައިވެނިކުރަން ބޭނުންވާއިރު ކީއްވެ ސިއްރުކޮށްގެން މިހާދުވަހު ތިހުރީ…" އަމީން ސީރިއަސްވެފައި އަހާލި ސުވާލުން ޝައުންގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ.

އޭނާ އަދްޔަންއާ ކައިވެނިކުރަން އުޅޭ ވާހަކަ އަމީންއަށް އެނގުނުގޮތަކާމެދު ވިސްނާލުމުން އާއިންގެ ކަމެކޭ ހިތަށްއެރިއެވެ. އެވަގުތު ނުރުހިފައި ޝައުންއަށް އާއިންއާދިމާ ބަލާލެވުނެވެ. އޭނާ އަމިއްލައަށް އޭނާގެ މައިންބަފައިންނަށް އެކަން އެންގުމުގެކުރިން އާއިން އެންގީތީ ހަޤީޤަތުގައިވެސް އޭނާ ރުޅިއަތުވެއްޖެއެވެ. އަދި އެހާމެ ކަންބޮޑުވެސްވިއެވެ.

" ކީއްވެ އާންއާ ދިމާ ތިބަލަނީ…..ދަރިފުޅަށް ބުނަން ނުކެރިގެން ހުރީމައެއްނު އާން އެވާހަކަބުނީ….ދެންބުނެބަލަ ދެކުދިން ތާރީޚެއް ކަނޑައަޅައިފިންތަ މިހާރު…." އަމީން ގަޔާވެލާފައި ސުވާލުކުރިއެވެ.

" ނޫން އަދި އަދްޔަން އައީމަ އެނގޭނީ…" ޖެހިލުންވެ އިނދެ ޝައުން ބުނެލިއެވެ.

" އަދްޔަންއޭ…އެއީ ކާކު؟…" ކުއްލިއަކަށް އަޒީފާ ސުވާލުކޮށްލިއެވެ.

" އެއީ…އަހަރެމެންގެ އޮފީހުގަ އުޅޭ ކުއްޖެއް…އެއްކަހަލަ ސަލީމްބެގެދަރި….އޭނަވީ އޭނަގެ އަންހެނުން ވިހާތަނަށް ސިންގަޕޫރަށް ގޮސް….ޝައުންގެ ވަރަށްގާތް ރައްޓެއްސެއް އެއީ…" ޝައުން އެއްޗެއް ބުނުމުގެކުރިން އާއިން ވާހަކަ ދެއްކިއެވެ. އާއިންގެ ވާހަކަތައް އަޑުއިވިފައި ޝައުންއަށް އާއިންއާ ދިމާ ބަލާލެވުނީ ހައިރާންކަމުގެ ނަޒަރަކުންނެވެ. އަދްޔަން ސިންގަޕޫރަށް ދިޔަ ސަބަބެއް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް އެވަރުގެ ބޮޑުދޮގެއް އާއިން ބުނީ ކީއްވެގެންބާއޭ ޝައުންގެ ހިތަށްއެރިއެވެ.

" އެކަމަކު ތިވީގޮތުން އޭނާއަންނަންވެސް ވަރަށް ދުވަސްނަގާނެދޯ….އޭނަ އަންނަންދެން މަޑެއްވެސް ނުކުރެވޭނެއްނު….އަދި ބައްޕަމެންވެސް އެކޮޅަށްދާންޖެހޭ…އެހެންވީމަ އޭނައަށް ގުޅާފަ ފޯނުންވެސް އެކަން އަންގާލެވޭނެއްނު…" އަމީން ލަފާދިނެވެ.

" އެކަމު ބައްޕާ އޭނަނެތި ކިހިނެއް ކައިވެނިކުރާނީ؟…" ބައްޕަދެއްކި ވާހަކައިން ހައިރާންވެފައި ޝައުން އަހާލިއެވެ.

" ކީއްވެ ނުކުރެވޭނީ؟…އޭނައަކީ ހަމައެހާ މުހިއްމު މީހަކީތަ؟….ބައްޕައަށް ކުރިން އެނގިފައެއްނެތް ދަރިފުޅުގެ އެހާބޮޑު ރައްޓެއްސަކު ހުރެދާނެ ކަމަކަށް….އޭނާއަކީ ދަރިފުޅުގެ ގާތްރައްޓެއްސަކަށް ވީނަމަވެސް މިވަގުތު އޭނާގެ އަންހެނުންގާތުގަހުރުން މާމުހިއްމެއްނު….ކައިވެނިކޮށްގެން ދަރިފުޅުމެން ބޭނުމިއްޔާ އޭނައަށް ޒިޔާރަތްކޮށްލަން ސިންގަޕޫރަށްވެސް ދެވިދާނެއްނު….އޭރުން އޭނަވެސް ހިތްހަމަ ޖެހޭނެ…" އަމީން އޭނާއަށް ފެންނަގޮތް ހާމަކުރިއެވެ.

" އެކަމު ބައްޕާ އަހަރެން އިންނަން މިއުޅެނީ…"

" އަހަރެންނާއެއްނު….ދެން ކީއްކުރަން އަދްޔަންއަށް އިންތިޒާރު ކުރަނީ؟…އަނެއްކާ އޭނަވެސް ޝައުންގާތު އިންނަން އަހާފަ އޮތީތަ؟…" ޝައުންގެ ވާހަކަ މެދުކަނޑާލާފައި މަޖާވެލާފައި އާއިން ބުނުމުން އެންމެން ހޭންފެށިއެވެ. ނަމަވެސް ޝައުން އިނީ އެއިންގޮތަށް ހުއްޓުން އަރާފައެވެ. އާއިންގެ ވާހަކަ އަޑުއިވިފައި ބުނަންވީ އެއްޗެއްވެސް ޝައުންއަކަށް ނޭނގުނެވެ. އާއިން އެކުރަނީ ސަމާސާއެއްނަމަ އޭނާއަށް އެއްގޮތަކަށްވެސް އެސަމާސާ ކަމަކު ނުދިޔައެވެ.

" ޝައުން…ދޫންޏާ އާންއާ ޝައުންގެ ކައިވެނީގެ ވާހަކައެއްނު މިދެކެވެނީ….ދެން ކީއްވެގެން އަދްޔަންއާމެދު އެހާބޮޑަށް ކަންބޮޑުތިވަނީ؟…ދެމީހުން ކައިވެނިކޮށްގެން އޭނަގާތަށް ދަތުރެއް އަޅާލީމަ ހުރިހާކަމެއް ހަމަޖެހުނީނު….އެހާ އަވަހަށް ހާސްވާ އެއްޗެއްނޫނޭ…" ޝައުންގެ އަނގައިން އަދްޔަންއާބެހޭ ގޮތުން އިތުރު ލަފްޒެއް ނުކުތުމުގެކުރިން އިޒްޔަން ވާހަކަ ދެއްކިއެވެ. ޝައުން ހައިރާންވެފައި އިޒްޔަންގެ މޫނަށް ބަލަންއިންއިރު އޭނާގެ ހިތުގައި ސުވާލުތައް އުތުރިއަރަމުން ދިޔައެވެ. އެތަނުގައި ދެކެވެމުން އެދަނީ އޭނާއާއި އާއިންގެ ކައިވެނީގެ ވާހަކަކަމެއް އޭނާގެ ޚިޔާލަށްވެސް ގެނެވިފައެއްނެތެވެ. އެގޮތަށް އެވާހަކަ ދެކެވެންވީ ސަބަބެއްވެސް ޚުދު އޭނާއަކަށް ނޭނގެއެވެ. މިއީ އާއިން އޭނާއާ ކުރާ ސަމާސާއެއް ހެއްޔެވެ؟ ނޫނީ ހަޤީޤަތުގައިވެސް އާއިން އޭނާއާއި ކައިވެނިކުރަން ބޭނުންވެގެން އެވާހަކަ އޭނާގެ މައިންބަފައިންގެ ގާތުގައި ދެއްކީ ހެއްޔެވެ؟ ޝައުންގެ ސިކުނޑީގައި ޚިޔާލުތައް ގިނަވެގެން ގޮސް އޭނާގެ ބޯހާސްވާ ގޮތް ވެއްޖެއެވެ.

" އަހަރެން އެބައަންނަން…" ކުއްލިއަކަށް ޝައުން ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ.

" އާންގެ ސަމާސާ ވިހަވީކަންނޭނގެ….އަވަހަށްދޭބަލަ ވީގޮތެއް ބަލާލަން…" ޝައުން ދިއުމުން ހީލާފައި އިޒްޔަން ބުންޏެވެ.

އެއާއެކު އަޒީފާއާއި އަމީންވެސް ހީލިއެވެ. އާއިންވެސް ހިނިތުންވެލަމުން ތެދުވެގެން ގޮސް ޝައުންގެ ކޮޓަރިއަށް ވަނެވެ. އާއިން ދޮރުލެއްޕިއަޑަށް އެނދުގައި ބަންޑުން އޮތް ޝައުން ބޯހިއްލާލިއެވެ.

" ކީއްކުރަން މިތަނަށް ތިއައީ؟….އާން ކީކޭ ހިތަށް އަރައިގެންތަ ތިއުޅެނީ؟…" އާއިން ފެނުމާއެކު ތެދުވެ އިށީންނަމުން ނުރުހިފައި ޝައުން ބުނެލިއެވެ.

" ކިހިނެއްވީ؟…އަހަރެންނަށް ގޯސްކަމެއް ކުރެވުނީތަ؟…" ނޭނގޭކަމަށް ހެދެމުން މައުސޫމުގޮތަކަށް އާއިން އަހާލިއެވެ.

" އަހަރެން އަދްޔަންއާ އިންނަން އުޅޭތީ އެކަން ހުއްޓުވަންވެގެން އާއިން ތިހާ ދަށުދަރަޖައަކަށް ތިވެއްޓުނީ؟…އަހަރެން ހިޔެއްނުކުރަން މީހެއްގެ ފަރާތުން ބަދަލުހިފަންވެސް ތިކަހަލަ ސަމާސާއެއް އަހަރެންނާ ކުރާނެކަމަކަށް….ކީއްވެގެން މަންމަމެންގާތު އަހަރެމެން އިންނަން އުޅެޔޭ ތިބުނީ؟….ކީއްވެގެން އަދްޔަންއަކީ މީހެއްގެ ފިރިޔެކޭ އޭނަ ދިޔައީ އަންހެނުން ވިހާތަނަށޭ ކިޔާ ތިހާބޮޑު ދޮގެއް ތިހެދީ؟…ބުނެބަލަ! ކީއްވެގެންތަ؟…" ޝައުން ފުންމައިގެން ތެދުވެ އާއިންގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ބުންޏެވެ.

" އަހަރެން ދޮގެއް ނުހަދަން…އަދްޔަންއަކީ މީހެއްގެ ފިރިއެއް…..އެކަމުގެ ފުރިހަމަ ހެކި ލިބިގެން އަހަރެން މިވާހަކަ ދައްކަނީ؟…ގަބޫލުކުރަން ބޭނުން ނޫނިއްޔާ ދައްކަވެސްފާނަން…އަދި ބުނަން އަހަރެން ޝައުންއާ ކައިވެނިކުރަން މިއުޅެނީ ސަމާސާކުރާކަށްނޫން….ހަމަ ހަޤީޤަތުގަވެސް އެކަންކުރަން ބޭނުންވެގެން…އަހަރެންގެ ބައްޕަގާތުގަވެސް އެވާހަކަ ދައްކާފަ ބައްޕަގެ ރުހުންވެސް ލިބިފަ އޮތީ…އަދި ނާޒްއަށްވެސް އެކަން އެނގޭނެ….ތާރީޚެއް ކަނޑައެޅުނީމަ މަންމައާ ދޮންބެގާތުގަވެސް ބުނާނަން…" އާއިން ސީރިއަސްކަމާއެކު ދެއްކި ވާހަކައިން ހިނދުކޮޅަކަށް ޝައުންގެ ބަސްހުއްޓުނެވެ. އަދި އާއިންގެ ގައިން ދޫކޮށްލާފައި އެނދުގައި އިށީނދެ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އާއިން ހަޤީޤަތުގައިވެސް އޭނާއާ ކައިވެނިކުރަން އުޅެނީ ހެއްޔެވެ؟ އެކަމަކު ކީއްވެގެން ހެއްޔެވެ؟ އާއިންއަށް އަދްޔަންގެ ހަޤީޤަތް އެނގުނީ ހެއްޔެވެ؟ އެކަމަކު ކިހިނެއް ހެއްޔެވެ؟ ހަޤީޤަތުގައިވެސް އަދްޔަންއަކީ މީހެއްގެ ފިރިއަކީ ހެއްޔެވެ؟ ވީއިރު އޭނާ ހާސިލްކުރަން އަދްޔަން އެހާބޮޑު މަސައްކަތެއް އެކުރީ ކީއްވެގެން ހެއްޔެވެ؟

" ޝައުން….އަދްޔަންއަކީ ރަނގަޅު މީހެއްނޫން….އޭނާގެ ހަމައެކަނި ބޭނުމަކީ ޝައުންގެ ފަރާތުން ބަދަލެއް ހިފުން…..ޝައުންގެ ޙަޔާތް ބަރުބާދުކޮށްލުން….އޭނާ ކޮންމެހެން ޝައުންދެކެ ލޯތްބަކުންނޫން އިންނަން އެއުޅެނީކީ….ޝައުންއަށް ކެއްސެއްދޭނެގޮތެއް އޭނާ އެހޯދީ….އޭނަ ކައިވެނިކޮށްގެން އުޅޭކަން އަހަރެންނަށް އެނގުނީ ސިންގަޕޫރުގަ އުޅޭ ރައްޓެއްސެއްގެ ފަރާތުން….އެކަމު އެކަން ގަބޫލު ނުކުރެވިގެން އަހަރެން ސަލީމްބެގާތު އެހީމަ ވަރަށް ނުބުނަން ހުރެފަބުނީ ސަލީމްބެގެ ނުރުހުމުގަ ކްރިސްޓިއަނަކާއޭ ކައިވެނިކޮށްގެން އެއުޅެނީ…އެހެންވީމަ އޭނާއަކީ ވައިވެސް އެޅެން ހެޔޮވާވަރު މީހެއްނޫން" ޝައުންއަށް ވިސްނައިދޭން އާއިން މަސައްކަތްކުރިއެވެ.

" ދެން އާން ތިއުޅެނީ ކީއްކުރަން؟….އާން ތިއުޅެނީ އަހަރެންނަށް ހެޔޮއެދިގެންތަ؟…އަދްޔަން ކަހަލަ ނުބައިމީހެއްގެ ކިބައިން ސަލާމަތްކޮށްފަ އަމިއްލަ މީހާގެ އަތްދަށުގަ ގައިދުކުރަންތަ؟…އޭނަ ސިންގަޕޫރުން އައުމުގެކުރިން އަހަރެންނާ ކައިވެނިކުރަން ތިއުޅެނީ އޭނާއަށް ލަނޑެއްދޭކަށްނު….ކޮބާ އާންއާ އޭނަގެ ފަރަޤެއް…." ޝައުން ނުރުހިފައި ވާހަކަދެއްކިގޮތުން އާއިން ދެރަވެ ރުޅިވެސް އައެވެ.

" އަހަރެންނާ އޭނައާތަ ތިހަމަކުރަނީ؟…އޭނާ ޝައުން ބުލެކްމެއިލްކޮށްގެން މަޖުބޫރުން ޝައުންއާ އިންނަން އެއުޅެނީ….އަދި ނުވިތާކަށް ކައިވެންޏެއްކޮށްގެން ހުރިކަންވެސް ސިއްރުކޮށްގެން އެއުޅެނީ….ޝައުން ތިބުނަނީ އަހަރެންވެސް މީ އޭނަ ކަހަލަ މީހެކޭތަ؟…" ޝައުންއާ ގާތްވެލަމުން ހަރުކަށިގޮތަކަށް އާއިން އަހާލިއެވެ.

" އާނ…އޭނާ އޮޅުވާލިއްޔާ އާންވެސް ތިހުރީ އަހަރެންނަށް އޮޅުވާލާފަ….އަހަރެންނަށް އެނގުމަކާނުލާ މަންމަމެންގާތު ކައިވެނީގެ ވާހަކަދެއްކުން އެއީ އޮޅުވާލުމެއްނޫންތަ؟….އޭނާ މީހަކާ އިނދެގެން އުޅޭ ވާހަކަ ބުނީ ޚުދު އާންއަކީވެސް މީހެއްގެ ފިރިއެއްނޫންތަ؟…ދަރިއެއްގެ ބައްޕައެއްނޫންތަ؟…އޭނައާ އިނުމެކޭ އާންއާ އިނުމެކޭ އަހަރެންނަށް ކޮބާ ފަރަޤެއް….ބުނެބަލަ! ކޮބާ ތަފާތެއް؟…" ޝައުންވެސް ހަމައެރާގުގައި ރައްދުދިނެވެ.

" ތަފާތަކީ ޝައުން އަހަރެންދެކެ ލޯބިވާކަން….އަދި އަހަރެންވެސް…" އާއިން އެހިސާބަށް ބުނެފައި ހުއްޓާލިއެވެ.

" ހެހެހެ…ލޯތްބޭ….ޖޯކެއްތަ ތިކިޔައިދެނީ؟…އަހަރެން އާންދެކެ ލޯބިވީ މާކުރިން…އެލޯބި ބޭނުންވެގެން އާންގެ ފަހަތުން އަހަރެން ސަލާންޖަހަމުން ހިނގަ ހިނގާހުއްޓާ އަހަރެންގެ ލޯބީގަ ކޮޅުފައިން ޖަހާފަ ގޮސް ނާޒްއާއިނީ….މިހާރުތަ އިހުސާސްކުރެވެންވީ އަހަރެން ލޯބިވާކަން….އަދި ބުނެފިއެއްނު އަހަރެންވެސް އޭ….އާން އެއްއިރެއްގަވެސް އަހަރެންދެކެ ލޯބިވީންތަ؟…އާންވީ ހަމައެކަނި ހަމްދަރުދީ….ބުނި ހަނދާންވޭތަ އަހަރެންގެ ހިތުގަ ހަމްދަރުދީނޫން އިހުސާސެއް ޝައުންއާމެދު ނުހިނގާނޭ….ދެން މިހާރު ތިހެންބުނީމަ ޖޯކަކަށްވަނީ….އިރެއްގަ އަހަރެން އާންގެ ހަމްދަރުދީ ބޭނުންވިނަމަވެސް މިހާރު އަހަރެން ބޭނުމެއްނޫން….އާންގެ ހަމްދަރުދީއާ ނުލާވެސް އަހަރެންނަށް އުޅެވޭނެ…" ޝައުންގެ ވާހަކަތަކުން އާއިން ލަދުގަންނަގޮތްވިއެވެ.

ހަޤީޤަތުގައިވެސް މިއަދު ޝައުން އެދައްކަނީ ރަނގަޅު ވާހަކަ ތަކެކެވެ. އެއްއިރެއްގައި އޭނާގެ ހިޔަނިފަދައިން ޝައުން އުޅުނުނަމަވެސް މިހާރު ޝައުން އެވަނީ ބަދަލުވެފައެވެ. ފަހަރެއްގައި ޝައުންގެ ހިތުގައި އޭނާއަށްޓަކައި އޮތް ލޯބިވެސް ނެތިދިޔައީކަމުގައި ވެދާނެއެވެ. ހާލަތާއިއެކު އިންސާނުން ބަދަލުވެއެވެ. ވީއިރު ޝައުންވެސް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އޭނާގެ އެނިންމުން ބަދަލެއް ނުކުރާނެއެވެ.

" ޝައުން….އަހަރެން ވަރަށް ވިސްނާފަ ނިންމި ނިންމުމެއް މިއީ….ފަރަހެއްގާވެސް ޝައުންއަށް ދެރައެއްދޭކަށް އަދި މީހެއްގެ ފަރާތުން ބަދަލެއް ހިފާކަށްވެސްނޫން މިގޮތަށް މިކަން ކުރަން ނިންމީކީ….މިއީހަމަ އަހަރެން ބޭނުންވެގެން ހިތުގެ އަޑިން ނިންމި ނިންމުމެއް….އަހަރެން ބޭނުން ޝައުންއާ ކައިވެނިކުރަން…..އަދި ޝައުން ބޭނުންނަމަ މުޅި އުމުރަށްވެސް ޝައުންއާއެކު އުޅެން އަހަރެން މިހުރީ ތައްޔާރަށް…" އާއިން އޭނާ ބޭނުންވާގޮތް ހާމަކުރިއެވެ.

" ދެން ނާޒްއޯ؟…އެކީގަ ހައެއްކަ އަހަރު އުޅެވުނީމަ ތިހިތުން ނާޒްގެ ލޯބި ނެތިދިޔައީތަ؟ ނޫނީ އަހަރެން ހުސްކޮށްހުރީތީ އަހަރެންގެ ބޭނުންވެސް ކޮށްލާހިތްވީތަ؟…" މަލާމާތުގެ ގޮތުގައި ޝައުން ބުނި ޖުމްލައިން އާއިންގެ ރުޅިގަދަވެގެން ދަތްތަކަށް ބާރުކޮށްލެވުނެވެ. އަދި ކުއްލިއަކަށް ޝައުންގެ އަތުގައި ހިފައި އޭނާގެ ގާތަށް ދަމާލިއެވެ. އެއާއެކު ޝައުން އައިސް އޭނާގެ މޭގައި ތަތްވިއެވެ. އެއްއަތުން ޝައުންގެ އަތުގައި ހިފައި އަނެއްއަތް ޝައުންގެ އުނަގަނޑުގައި ވަށާލައި، ރަނގަޅަށް ޝައުން އޭނާގެ އަތުތެރޭގައި ހައްޔަރުކޮށްލިއެވެ.

" ޝައުން ކީކޭތަ ހީކުރަނީ؟…އަހަރެންނަށް ނާޒްގެފަރާތުން ލޯބިނުލިބެނީކަމަށްތަ ހީކުރީ….އަދި ޝައުންގެ ހަށިގަނޑަށް ދަހިވެތިވެގެން އުޅޭކަމަށްތަ ހީކުރީ؟….ބުނަން…އަހަރެން ތިހަށިގަނޑުގެ ބޭނުންކުރާނެނަމަ އެކަހަލަ ކިތައް ފުރުސަތު އަހަރެންނަށް ލިބުނީ؟…ޚުދު އަމިއްލައަށް އަހަރެންގެ އަތުތެރެއަށް ތިއަންހެންކުއްޖާ އައިސްވަނީ ކިތައްފަހަރު…ހަނދާންނެތުނީތަ ސިންގަޕޫރުގަ ވީކަންތައް…އެރޭ އަހަރެން ބޭނުންނަމަ ބޭނުން ހުރިހާކަމެއް ކުރެވުނީސް….އެކަމު އަހަރެން ޝައުންއަށްކުރާ ޤަދަރެއްގެ ބޮޑުކަމުން އެރޭވެސް އެތަނުން ދުވެފިލީ….އެހެންވީމަ މީގެފަހުން ތިކަހަލަ ހުތުރު އެއްޗެއް އަހަރެންނާ ދިމާއަށް ނުބުނާތި!…އަހަރެން އަދި އެހާ ހޭބައްޔެއްނުވޭ…" ވައިއަޑުން އާއިން ވާހަކަދައްކަމުން ދިޔައިރު، އާއިންގެ ހޫނުނޭވާތައް އެޅޭހިސާބުގައިހުރި ޝައުންގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. އާއިން ގާތްވުމުން އޭނާގެ ހިތް އެހާފަސޭހައިން އަދިވެސް ކޮންޓްރޯލުން ނެއްޓިގެންދެއެވެ. އާއިންގެ އަތުތެރޭގައި ހިނދުކޮޅަކަށް ހައްޔަރުވެފައި ހުންނަން ޖެހުމުންވެސް އަމިއްލަ ހިތުގެ ބަލިކަށިކަން އިހުސާސްކުރެވި ޝައުންގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ނުރޯން ތުންފިއްތައިގެން ހުއްޓާވެސް ކަރުނަތައް އޭނާގެ އެސްފިޔަތައް ފޫއަޅުވާލާފައި އެދޮން ކޯތާފަތްމައްޗަށް އޮހިގެންވިއެވެ. އެމަންޒަރު ފެނިފައި ވަގުތުން އާއިންގެ ހިތްމަޑުވިއެވެ. އަދި މަޑުމަޑުން ޝައުންގެ އަތުން ދޫކޮށްލާފައި ދުރަށްޖެހިލިއެވެ. ޝައުން މަޑުމަޑުން އެނދުގައި އިށީނދެ ކަރުނަތައް ފުހެލިއެވެ.

" ސޮރީ…" ޝައުން ރޯމަންޒަރު ބަލަންހުރެފައި މަޑުމަޑުން އާއިން ބުނެލިއެވެ. އަދި ޝައުންގެ ގާތުގައި އެނދުގައި އިށީނެވެ.
" ޝައުން…އަހަރެންނަށް އެނގޭ ޝައުންވެސް އަހަރެންނާމެދު ކަންބޮޑުވާތީކަން އަދްޔަންގެ ވާހަކަ ސިއްރުކުރީ….އަހަރެމެން ބަދުނާމުވާން ޚުދު ޝައުންވެސް ނޭދެމެއްނު…އެހެންވީމަ އެންމެ ރަނގަޅުގޮތަކީ އަހަރެމެން ދެމީހުން ކައިވެނިކުރުން….ހަމައެކަނި އެކަމުން ސަލާމަތްވުމަށްޓަކާ ކުރާކަމެއްގެ ގޮތުގަ ދެކިގެން ކުރިނަމަވެސް މައްސަލައެއްނެތް…މިކަމާ އެއްބަސްވޭ….ޝައުންބުނެފިނަމަ ޝައުންއާދިމާ ބަލާނުލާވެސް އަހަރެން އުޅެފާނަން….ޝައުންގެ ނުރުހުމުގަ އިނގިލިކުރިވެސް އަހަރެން ޖައްސައެއްނުލާނަން….ޝައުންއަށް އެއްވެސްކަމެއްގަ މަޖުބޫރެއް ނުކުރާނަން…" އާއިން މަޑުމައިތިރިކަމާއެކު ޝައުންއަށް ވިސްނައިދިނެވެ.

" ނާޒް ގަބޫލުތަ؟…" އިސްޖަހައިގެން އިނދެ ޝައުން އަހާލިއެވެ.

" ހޫމް ގަބޫލު…..ކުރިންވެސް ނާޒް އަހަރެން ގާތު ކިތަންމެ ފަހަރަކުބުނި ދެއަންބަން މީހަކާ އިންނަން…އެކަމު އަހަރެން އިންކާރުކުރަމުން އައީ….އަހަރެން ނާޒްދެކެ އަދިވެސް ލޯބިވޭ…ނާޒްކަހަލަ ކިޔަމަންތެރި ވަފާތެރި އަނތްބަކު ލިބޭނީ ހަމަ ނަސީބުވެރިއަކަށް…އެކަމު ނާޒް ކިތަންމެ ރަނގަޅުނަމަވެސް އަހަރެމެންގެ ދިރިއުޅުމަކީ ފުރިހަމަ ދިރިއުޅުމެއްނޫން…އަބަދުވެސް އުނިކަމެއް އަހަރެންނަށް އިހުސާސްކުރެވޭ…." އާއިން އެވާހަކަތައް ދައްކަމުން ދިޔައިރު، އޭނާގެ މޫނުމަތިން މާޔޫސްކަން ފާޅުވާން ހުއްޓެވެ.

" އެހެންވެތަ އަހަރެންނާ ތިއިންނަނީ؟…" ކުއްލިއަކަށް ޝައުން ސުވާލުކޮށްލިއެވެ.

" ނޫން….އެއްގޮތަކަށްވެސް އެހެނެއްނޫން….ނާޒްގެ އުނިކަން ޝައުން ފުރިހަމަކޮށްދޭށެކޭ އަހަރެން ދުވަހަކުވެސް ނުބުނާނަން…އެކަމު ޝައުން ބޭނުމިއްޔާ މުޅި އުމުރަށްވެސް އަހަރެންގެ މީހެއްގެ ގޮތުގަ ޝައުން ބަހައްޓާނަން….އިންޝާﷲ…ދުވަހަކުވެސް އަހަރެންގެ ފަރާތުން ހިތާމައެއް ނުދޭނަން…" އާއިން ޔަޤީންކަން ދިނެވެ.

ޝައުން ފުންކޮށް އާއިންގެ މޫނަށްބަލާލިއެވެ. އެމޫނުން ފާޅުވާންހުރި ނުތަނަވަސްކަން އެހިތުގެ އުދާސްތައް ކިޔައިދެމުން ދެއެވެ. ހަޤީޤަތުގައިވެސް އާއިންއަށް ޝައުންގެ އެހީތެރިކަން ބޭނުންވާކަމުގައި ޝައުންގެ ހިތް ބުނަމުން ދިޔައެވެ. އެއީ ކުރިން ކިހާއުފާވެރިކަމާއި މަޖަލުގައި ވަގުތު ހޭދަކުރި ދެމީހުން ހެއްޔެވެ؟ ނަމަވެސް މިއަދު ދެމީހުންވެސްވަނީ ދެބީރައްޓެހިން ފަދައިންވެފައެވެ. އެކަމުގައި އެކަކުގެވެސް ކުށެއްނެތެވެ. ޝައުންގެ ޙަޔާތުން އާއިންގެ އުނިކަން ފޫނުބެއްދުނުއިރު، ޚުދު އާއިންވެސް އެއުޅެނީ ޝައުންގެ އުނިކަން އިހުސާސްކުރެވިގެން ކަމުގައި އޭނާގެ ހިތައްއެރިއެވެ. ނަމަވެސް މިހާދުވަސްފަހުން އާއިންއަށް އެކަން އިހުސާސްކުރެވުނީ ކީއްވެގެން ހެއްޔެވެ؟ އާއިންގެ ޙަޔާތަށް އޭނާ ގެނަމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ފަރަހަނާޒްދެކެ ލޯބިވާނަމަ، އޭނާގެ މަޤާމަކީ ކޮބާހެއްޔެވެ؟ އޭނާދެކެވެސް އާއިން ލޯބިވަނީ ހެއްޔެވެ؟ ނޫންނަމަ އެކީގައި މަސައްކަތްކުރަން ފަސޭހައަކަށް ކައިވެނިކުރަނީ ހެއްޔެވެ؟ ވިސްނާ ވިސްނާވެސް ޝައުންއަކަށް އެކަށީގެންވާ ޖަވާބެއް ނުލިބުނެވެ. ނަމަވެސް މިވަގުތު އޭނާއަށް އާއިންގެ ނިންމުމާ ދެކޮޅު ހެދޭކަށްނެތެވެ. އޭނާގެ މައިންބަފައިންނަށް އަދްޔަންގެ ހަޤީޤަތް އަންގައި އެމީހުން ދެރަކުރާކަށް އޭނާ ބޭނުމެއްނޫނެވެ. އަދްޔަން ފަދަ މީހަކާއި ކައިވެނިކޮށްގެން އަމިއްލައަށް ބަރުބާދުވުމަށްވުރެ އާއިންގެ ދެވަނަ އަނތްބެއްގެ ގޮތުގައި ހުރުންވެސް އޭނާގެ ހިތަށް މާފަސޭހައެވެ.

" އަހަރެން އެއްބަސް އާންއާ އިންނަން…އެކަމު ޝަރުތެއްގެމަތިން…" ވިސްނާލުމަށްފަހު ޝައުން ބުނެލިއެވެ.

" ކޮންމެ ޝަރުތެއްވެސް ގަބޫލު އަވަހަށްބުނޭ…" އާއިން އަވަސް އަވަހަށް ބުނެލިއެވެ.

" އަނބިމީހާ ކޮންދެންޖެހޭ ކަމެއްގެ ގޮތުގަވެސް އެއްވެސްކަމެއް އަހަރެންނަށް މަޖުބޫރުކޮށްގެން ނުވާނެ…އަދި އަހަރެން ބޭނުން ކޮންމެއިރަކު ބުނިނަމަވެސް އަހަރެން މިނިވަންކޮށްދޭންޖެހޭނެ…" ޝައުން އޭނާގެ ޝަރުތު އިއްވާލިއެވެ.

" މައްސަލައެއްނެތް….ޝައުން ބޭނުން ކޮންމެގޮތެއް…." އާއިން ވަގުތުން އެއްބަސްވިއެވެ.

" ހިނގާ….މިހާ ބައްޕަމެން ތިބޭނެ ލަސްވެގެން…." ކުއްލިއަކަށް ހަނދާންވެގެން ޝައުން ބުނެލިއެވެ.

" އަދި ކިރިޔާތަ ތިހަނދާންވީ އެމީހުންމަތިން…" އާއިން ހީލަމުން ބުނެލިއެވެ.

އާއިންއާއި ޝައުން ބޭރަށް ނުކުތްއިރު، އަމީންމެން ސިޓިންރޫމު ސޯފާގައި ވަރަށް އޮލަ ވާހަކައެއްގައި ތިއްބެވެ.

" ކޮބާ…ދެމީހުން މަޝްވަރާކޮށް ތާރީޚް ކަނޑައަޅާވެސް ނިމުނީތަ؟…" އާއިންމެން ފެނުމާއެކު ދިމާކުރުމުގެ ގޮތުން އިޒްޔަން ބުނެލިއެވެ.

" އާނ…ތިހުރިހާކަމެއްވެސް ނިމިއްޖެ….ޕާރޓީބާއްވާނެތަންވެސް ނިންމައިފިން…" ހިނިއައިސްފައި އާއިން ޖަވާބުދިނެވެ.

" އަހަރެން ބޭނުމެއްނޫން ޕާޓީއެއް ބާއްވާކަށް…" ސޯފާގައި އިށީއްނަމުން ކުއްލިއަކަށް ޝައުން ބުނެލިއެވެ.

" އެހެންވީމަ ޕާޓީ ކެންސަލް….އަނެއްކާ ކައިވެނިކުރަން ބޭނުން ނޫނޭ ނުބުނައްޗޭ!…" ޝައުންގެ ގާތުގައި އިށީނދެ، ލާނެއްގޮތަކަށް ހީލަމުން އާއިން ބުނުމާއެކު އިޒްޔަންވެސް ހޭންފެށިއެވެ.

ދެން އެންމެންގެ މެދުގައި މަޝްވަރާކުރެވުނީ ކައިވެނީގެ ކައްތައް ކުރިޔަށް ގެންދާނެ ގޮތާމެދުގައެވެ. ޝައުން ބޭނުންނުވިނަމަވެސް ކޮންމެވެސް ވަރެއްގެ ހަފްލާއެއް ބާއްވަން އަމީން ބޭނުންވިއެވެ. އެހެންކަމުން އާއިންވެސް އެކަމަށް ބާރުއެޅިއެވެ.

ނުނިމޭ