ސަރުކާރުގެ އޮފީސްތަކަށް ކަނޑައަޅާފައި އޮންނަ ބަޖެޓަށް ވުރެ އިތުރަށް ބޭނުން ކުރާ ނަމަ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖެއްސުމުން އެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރީޓީ (އެމްއެމްއޭ)އިން މަރުޙަބާ ކިޔައިފިއެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓު ބައިކުރުމާއި އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމުގެ އުސޫލް މިނިސްޓްރީ އޮފް ފިނޭންސްއިން ޝާއިއުކޮށްފައިވާތީ، އެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް އެމްއެމްއޭއިން ފޮނުވާފައިވާ ލަފާގައި، ދައުލަތުގެ ފިސްކަލް އެޕްރޮޕްރިއޭޝަންއާ ގުޅޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ބާރު އަޅާފައިވާނެ ކަމަށްވެސް އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެއެވެ. އެމްއެމްއޭއިން ބުނީ އެކަމުގެ މައިގަނޑު ސަބަބަކީ، އަހަރުން އަހަރަށް ދައުލަތުގެ ރިކަރަންޓް ޚަރަދުތައް އަންޑައެސްޓިމޭޓް ކުރެވި، އާމްދަނީ ލިބޭނެ މިންވަރު އޯވައެސްޓިމޭޓް ކުރެވުމުން، އަހަރުން އަހަރަށް ސަރުކާރުގެ ޑެފިސިޓް އިތުރުވަމުންދާތީ ކަމަށެވެ.
އެހެންކަމުން، ޕަބްލިކް ފައިނޭންސްގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ފާސްކޮށްފައިވާ މިންވަރަށް ވުރެ ޚަރަދު އިތުރުނުކުރުމަށާއި، ވަކި ކަމަކަށް ޚަރަދެއް ކަނޑައަޅާފައިވާނަމަ، އެކަމަކަށް ޚަރަދުކުރުމަށްޓަކައި އަމަލުކުރާނެ އުސޫލުތަކެއް މިނިސްޓްރީ އޮފް ފިނޭންސްއިން ޝާއިޢުކުރުމަކީ ދައުލަތުގެ މާލީ ކަންތައްތައް ހަރުދަނާ ކުރުމަށް އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށްވެސް އެމްއެމްއޭއިން ފާހަގަކުރެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ބަޖެޓް ބައިކުރުމާއި އެއް ބައިން އަނެއް ބަޔަކަށް ބަދަލުކުރުމުގެ އުސޫލު"ގައިވާ ގޮތުން މިނިސްޓްރީ އަކަށް ނުވަތަ މުއައްސަސާ އަކަށް ދައުލަތުން ކަނޑައަޅާ ބަޖެޓަށް ވުރެ އިތުރަށް ބޭނުން ކުރުމަށް ފިނޭންސް މިނިސްޓަރަށް ހުއްދަ ދެވޭނީ ފަސް ޕަސެންޓު ބޮޑު ކުރުމަށެވެ. އެ އަށް ފަހު އިތުރު މަޝްރޫއުއެއް ނުވަތަ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާ އިން ބޭރުން ހަރަދު ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ހުއްދައެއް ހޯދުމަށް ފަހު ކަމަށް އާ އުސޫލުގައި ވެ އެވެ.