Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ސިޓީ ދޫކޮށްލުމުގެ ވިސްނުމެއް މަހްރޭޒްގެ ނެތް

މެންޗެސްޓަރ ސިޓީ ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެ ކްލަބަށް ކުޅެމުން އަންނަ ރިޔާދު މަހްރޭޒް ބުނެފިއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ސިޓީއާ ގުޅުނު މަހްރޭޒަށް މި ސީޒަނުގައި ސިޓީގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން މަދުވެފައިވާއިރު މި ސީޒަން ނިމުމުން އޭނާ އެ ކްލަބު ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް ވެސް ދާދިފަހުން ވަނީ ފެތުރިފައެވެ.

ނަމަވެސް ސިޓީއާއެކު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމަށްފަހު މަހްރޭޒް ބުނީ ސިޓީ އަށް އައިރު ވެސް ފުރަތަމަ ސީޒަން ފަސޭހަ ނުވާނެކަން އިނގޭ ކަމަށާއި ކުޅުމުގެ ފުރުސަތު ނުލިބޭތީ އެހެން ކްލަބަކަށް ބަދަލުވުމަކީ އޭނާގެ ވިސްނުމުގައި އޮތް ކަމެއް ނޫން ކަމަށެވެ.

"ސިޓީގައި މިހުރީ އުފަލުން. ކުޅުމުގެ ފުރުސަތު ނުލިބޭތީ އެހެން ކްލަބަކަށް ދިޔުމުގެ ވިސްނުމެއް ނެތް. އެއީ ވެސް ކުޅިވަރުގެ ތެރޭގައި ހިމެނޭ ކަމެއް. މިފަދަ ހާލަތްތަކުގައި މީހާ ވަރުގަދަ ވާންޖެހޭނެ" މި ސީޒަނުގައި ސިޓީ އަށް 12 ގޯލު ކާމިޔާބުކޮށްދިން މަހްރޭޒް ބުންޏެވެ.

ސިޓީން ލީގު ޗެމްޕިއަންކަން ހޯދީ ފަހު މެޗުގައި ބްރައިޓަންގެ މައްޗަށް 4-1 އިން ކުރި ހޯދައިގެން ކަމަށްވާއިރު އެ މެޗުގައި މަހްރޭޒް ވަނީ ގޯލެއް ވެސް ކާމިޔާބުކޮށްފައެވެ. މިއީ މަހްރޭޒް ހޯދި ދެވަނަ ޕްރިމިއާ ލީގެވެ. މީގެކުރިން އޭނާ ވަނީ ލެސްޓަ ސިޓީއާއެކު ވެސް ލީގު ކާމިޔާބުކޮށްފައެވެ.