Last Updated: March 29, 09:35
Friday, March 29, 2024
ކުޅިވަރު

އިކާޑީ އިންޓަ މިލާނުގައި މަޑުކުރަނީ

ބޮޑެތި ކްލަބުތަކުގެ ހުށަހެޅުންތަކެއް ލިބިފައިވީ ނަމަވެސް އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް މައުރޯ އިކާޑީ އެ ކްލަބުގައި މަޑު ކުރާނެ ކަމަށް އޭނާގެ އެޖެންޓު އަދި އަންހެނުން ވަންޑަ ނާރާ ބުނެފިއެވެ.

މި ސީޒަނުގައި އިންޓަގެ ކޯޗު ލޫސިއާނޯ ސްޕެލައްޓީއާ ޖެހުނު މައްސަލަތަކަކާ ގުޅިިގެން އިކާޑީ އަތުން ކެޕްޓަން ބޭންޑު އަތުލުމަށްފަހު ސްކޮޑުން ވެސް ޖާގަ ނުދީ ދުވަސްތަކެއް ވަންދެން އޭނާ ބެހެއްޓުމުން އިކާޑީގެ ކުރިމަގާ މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިގެން ގޮސްފައެވެ.

އިކާޑީ ހޯދުމަށް ޔޫރަޕްގެ ގިނަ ކްލަބުތަކަކުން ޝައުގުވެރިވާއިރު، އިޓަލީގެ ޓީވީ ޝޯ އެއްގައި ވާހަކަދައްކަމުން ވަންޑާ ބުނީ އިކާޑީ އިންޓަ ދޫކޮށްލާނެ ކަމަށް ބުނެ ވަރަށް ގިނަ މީހުން ވާހަކަދައްކާ ކަމަށާއި ނަމަވެސް އިކާޑީ އެ ކްލަބުގައި މަޑުކުރާނެ ކަމަށް ތަކުރާރުކޮށް ބުނާ ކަމަށެވެ.

"އެންމެ މޮޅެތި ކްލަބުތަކުންނާއި، އެންމެ މޮޅެތި ކޯޗުން ވެސް އިކާޑީ ބޭނުންވޭ. އެކަމަކު އިކާޑީ އިންޓަގައި މަޑުކުރާނެ. އެއީ އިކާޑީ ވެސް ގަބޫލުކުރާ ގޮތް" ވަންޑާ ބުންޏެވެ.

2013 ވަނަ އަހަރު އިންޓައާ ގުޅުނު އިކާޑީ ވަނީ މިހާތަނަށް އިންޓަ އަށް 200 އަށް ވުރެ ގިނަ މެޗު ކުޅެދީ 123 ގޯލު ކާމިޔާބުކޮށްދީފައެވެ.

އުމުރުން 26 އަހަރުގެ އިކާޑީ އިންޓަ އާއެކު ހަދާފައިވާ ކޮންޓްރެކްޓު ހަމަވާނީ 2021 ވަނަ އަހަރުއެވެ.