Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ވިލާ ކޮލެޖަށް ދޭންއުޅެނީ ވަރަށް ބޮޑު ބިމެއް، އިތުރަށް ވިސްނާލުން ރަނގަޅު: ނިޒާރު

އައްޑޫ ސިޓީ ކައުންސިލުން ވިލާ ކޮލެޖަށް ދިނުމަށް މަޝްވަރާ ކުރެވެމުންދާ 45000 އަކަފޫޓުގެ ބިމަކީ ވަރަށް ބޮޑު ބިމެއް ކަމަށާއި އެހެން ކަމުން އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ސާދިޤް އަދި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް މިކަމާއި އިތުރަށް ވިސްނާލުން ރަނގަޅު ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި މިވަގުތު ފުރުއްވަމުން ގެންދަވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވެފައިވަނީ މިކަމާއި ގުޅިގެން އައްޑޫލައިވްގައި ޝާއިޢުކޮށްފައިވާ ޚަބަރެއް ހިއްސާކުރައްވާ އެބޭފުޅާ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

"45000 އަކަފޫޓުގެ ބިމަކީ ވަރަށް ބޮޑު ބިމެއް. 5000 ނުވަތަ 7000 ވަރުނަމަ އޯކޭ. އިމާރާތް އުސްކޮށް އަޅަންޖެހޭނީ. އިތުރަށް ވިސްނާލުން ރަނގަޅު." މޭޔަރު އަދި ޑެޕިއުޓީ މޭޔަރު ޓެގް ކުރައްވާ ނިޒާރު ވިދާޅުވިއެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި ވިލާ ކޮލެޖަށް ދިނުމަށް މަޝްވަރާ ކުރެވެމުންދާ ބިމަކީ ހިތަދޫ ކްރެސްގާޑަން ރެސްޓޯރެންޓާއި ލިންކު ރޯޑާއި ދެމެދުން 45،000 އަކަފޫޓުގެ ބިމެކެވެ.

ވިލާ ކޮލެޖަށް ބޮޑު ބިމެއް އިއްލާން ކުރުމެއްނެތި ދިނުމަށް ކައުންސިލަށް ހުށަހެޅީ އައްޑޫގައި ވިލާ ކޮލެޖުގެ ކަންކަމާއި މީގެ ކުރިން އިސްކޮށް ހަރަކާތްތެރިވި އައްޑޫ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފްއެވެ.

ޔަސްރިފު ހުށަހެޅި މައްސަލަ ބަލައި ގަނެ ކައުންސިލް ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ކައުންސިލް ބައްދަލުވުމުގައި ކުރި މަޝްވަރާގައި އިއްލާން ކުރުމެއްނެތި ބޮޑު ބިމެއް ވިލާ ކޮލެޖަށް ދިނުމާއި މެދު ބައެއް ކައުންސިލަރުން ވަނީ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

މި ކަމާއި ގުޅިގެން މީސްމީޑިއާގައި އާންމުން ހިއްސާކޮށްފައިވާ ޚިޔާލުތަކަށް ބަލާއިރު ގިނަ ފަރާތްތަކުން ދަނީ އެކަމާއި ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.