Last Updated: April 20, 08:46
Saturday, April 20, 2024
ޚަބަރު

މާލީ ބަޔާންތަކުގެ މައްސަލަ ޕީޖީން އަނބުރާ ފޮނުވާލައިފި

ޕީޖީ އައިޝަތު ބިޝާމް: - ފޮޓޯ: ޕީޖީ އޮފީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަހަޅާފައިވާ ނުވާ ކެންޑިޑޭޓުންނަށް ދައުވާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވި މައްސަލަތައް އަނބުރާ ފޮނުވާލައިފި އެވެ.

ޕީޖީ އޮފީހުން އެ މައްސަލަ އަނބުރާ ފޮނުވާލީ އީސީން ފުރިހަމަކުރި ރިޕޯޓްގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ކަމަށް ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޕީޖީ އޮފީހުން އެދިފައިވާ ގޮތަށް އިތުރަށް ފުރިހަމަކުރުމަށްފަހު އެ މައްސަލަތައް އަލުން ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ.

އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ބުނާގޮތުން އިންތިހާބު ބާއްވާތާ، 21 ދުވަސް ތެރޭ ކެންޑިޑޭޓުން، ކެމްޕޭނަށް ހޭދަކުރި ގޮތުގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ.

ޖުމުލަ 386 ކެންޑިޑޭޓުން އިންތިޚާބީ 87 ދާއިރާއަށް ވާދަކޮށްފައިވާއިރު ގާނޫނާ އެއްގޮތަށް 347 ކެންޑިޑޭޓުން ވަނީ މާލީ ބަޔާން ހުށައަޅާފައެވެ. އޭގެ ތެރޭގައި އިންތިޚާބުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދި އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން ހިމެނެއެވެ.

މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ ތެރޭގައި 31 ކެންޑިޑޭޓުންނަކީ އަމިއްލަ ގޮތުން އިންތިޚާބަށް ވާދަކުރި ކެންޑިޑޭޓުންނެވެ. އަދާލަތާއި ޕީއެންސީގެ ކެންޑިޑޭޓަކު ވެސް މާލީ ބަޔާން ހުށައަޅާފައިނުވާއިރު އެމްޓީޑީގެ ދެ ކެންޑިޑޭޓޫންނާއި ލޭބާ ޕާޓީގެ ދެ ކެންޑިޑޭޓުން ވެސް މި ލިސްޓުގައި ހިމެނެއެވެ.