Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

"ޕާޓީތަކުގެ ލީޑަޝިޕްގެ 30 ޕަސެންޓު އަންހެނުންނަށް ހާއްސަކުރަންޖެހޭ"

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް - ފޮޓޯ: ޓްވިޓާ (އީސީ)

ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕް އަދި ކައުންސިލްގައި މަދުވެގެން 30 ޕަސެންޓު އަންހެނުންނަށް ހާއްސަކުރަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވިއިރު ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕުން އަންހެނުންނަށް ފުރުސަތު ލިބޭ މިންވަރު ވަރަށް ބޮޑަށް މަދެވެ.

ޕާޓީތަކުގެ ލީޑަޝިޕާއި ކައުންސިލްގެ ވަކި އިންސައްތައެއް އަންހެނުންނަށް ހާއްސަކުރުމުގެ ވާހަކަ ދެކެވެން ފަށާފައިވާއިރު، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ލިބެންޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ދާދިފަހުން ވަނީ އިޞްލާޙު ހުށަހަޅާފައެވެ.

އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތުގައި ރަށްރަށާއި ސިޓީތައް ހިންގަނީ އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރެވި، އަންހެނުންގެ ބައިބައިވުން އެކުގައިކަން ކަށަވަރު ކުރުމަށްޓަކައި ކައުންސިލުތަކުގައި އަންހެނުންގެ ދައުރެއް ކަނޑައެޅިފައި އޮންނަންވާނެ ކަމަށެވެ.

ބިލުގައި ބުނެފައިވަނީ ކޮންމެ ރަށެއް އަދި ސިޓީއެއްގެ ކައުންސިލާއި އެކުގައި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރުމަށްޓަކައި އެރަށުގެ ނުވަތަ ސިޓީގެ އަންހެނުންގެ ތެރެއިން އިންތިޚާބު ކުރެވޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއެއް އޮންނަންވާނެ ކަމަށެވެ. ރަށެއްގައި ނަމަ މި ކޮމެޓީގައި ތިން މެންބަރުން ތިބެންވާނެ ކަމަށް ބިލުގައި ބުނެފައިވާއިރު ސިޓީއެއްގައި ނަމަ ތިބެންވާނީ ފަސް މެންބަރުން ކަމަށް ބިލުގައިވަނީ ބުނެފައެވެ. މި ކޮމެޓީތައް މަސައްކަތް ކުރަންވާނީ ރަށެއްގައި ނަމަ ރަށު ކައުންސިލާއި އެކުގައެވެ. އަދި ސިޓީއެއްގައި ނަމަ އެ ސިޓީ ކައުންސިލާއި އެކު މަސައްކަތް ކުރަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނަށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭގެ) ލަފާގެ މަތިން ފިނޭންސް މިނިސްޓްރީން އުޖޫރައެއް ކަނޑައަޅަންޖެހޭނެ ކަމަށްވެސް އެ ބިލުގައި ބުނެފައިވެއެވެ.