Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ކުރީގެ ނައިބުންނާއި ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގެ ބިލު ތަސްދީގެއް ނުކުރި

ރައީސް ޞާލިޙު -- ފޮޓޯ / ރައީސް އޮފީސް

ނާއިބު ރައީސްކަން ކުރައްވާފައި ތިއްބެވި ފަރާތްތަކަށް އިނާޔަތް ދިނުމަށް މަޖިލީހުން ފާސްކޮށްފައިވާ ބިލު ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު އިބްރާޙީމް ހޫދު ވިދާޅުވީ އެ ބިލު ތަސްދީގު ނުކޮށް އަނބުރާ ރައީސް ޞާލިޙު ފޮނުވާލެއްވީ އެ ބިލު ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފު ކަމަށް ރައީސަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ. ހޫދު ވިދާޅުވީ ކުރު މުއްދަތެއްގައި ނާއިބު ރައީސްކަން ކުރައްވާފައި ތިއްބެވި ފަރާތްތަކަށް އިމްތިޔާޒުތަކާއި އިނާޔަތް ލިބިވަޑައިގަންނަވާނެކަމަށް މަޖިލީހުން ފާސްކުރި ބިލްގައި ބަޔާންކޮށްފައިވާއިރު އެއީ އެންމެ ރަނގަޅު ނިންމުންކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ކުށްވެރިނުވެ އެމަޤާމު އަދާކުރެވި ކޮންމެ ބޭފުޅަކަށް މުސާރައިގެ ގޮތުގައި ދައުލަތުން 35000 ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަމުގެ ބިލުގައި ބޮޑެތި އިނާޔަތްތަކެއް ކަނޑައަޅާ އެ ބިލްފާސްވީ 32 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

މި ބިލްގައި ނާއިބު ރައީސްކަން ކުށްވެރިނުވެ އަދާކުރައްވައިފި ކޮންމެ މީހަކަށް ދައުލަތުން 35000 ރުފިޔާ ދޭންޖެހޭނެކަމަށާއި އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ސަލާމަތީ ޚިދުމަތް ފޯރުކޮށްދޭންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެމީހަކު އެދިއްޖެނަމަ މާލޭގައި އެއްގަމު ދަތުރުފަތުރުގެ ވަޞީލަތްތައް ދައުލަތުގެ ޚަރަދުގައި ސަލާމަތީ ޚިދުމަތްތަކުން ފޯރުކޮށްދޭން ޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ޑިޕްލޮމެޓިކް ޕާސްޕޯޓާއި، ވީ.އައި.ޕީގެ ޚިދުމަތްވެސް ދައުލަތުން ފޯރުކޮށްދޭންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މި ބިލުގެ އިތުރުން ފަނޑިޔާރުންގެ ގާނުނަށް ގެނައި އިސްލާހުގެ ބިލްގައި ގާނޫނު އަސާސީގެ 75 މާއްދާއާ ހިލާފުވުންތަކެއް ހުރި ކަމަށް ފާހަގެވެފައިވާތީ، އެ ބިލް ވެސް ތަސްދީގް ނުކުރައްވައި އަލުން ވިސްނުމަށް މަޖިލީހަށް އަނބުރާ ވަނީ ފޮނުވާލައްވާފައެވެ. އެ ބިލަކީ އައު ޤާނޫނު އަސާސީއާއެކު މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަށް ޚާއްޞަ ޢިނާޔަތްތަކާއި އިމްތިޔާޒުތައް ލިބިދޭގޮތަށް ފަނޑިޔާރުންގެ ޤާނުނަށް ހުށަހެޅި އިސްލާހެކެވެ.

2008ވަނަ އަހަރު ތަސްދީޤުކުރި ޤާނޫނު އަސާސީއާއެކު މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަފަނޑިޔާރަކީ، ދިގު މުއްދަތެއްވަންގެން ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ހުންނެވި، ކުރީގެ އުއްތަމަ ފަނޑިޔާރު އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމެވެ.