Last Updated: April 18, 21:24
Thursday, April 18, 2024
ޚަބަރު

ދީބާޖާގެ ހުކުމް ތަންފީޒް ކުރުން ބާތިލްކޮށްދޭން އެދިއްޖެ

އެޓަރނީ ޖެނެރަލް ރިފްއަތު ރައީސް އޮފީހުގައި --

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދިނުމަށް 348 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބާތިލް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެ ކޯޓުގައި އެދިއްޖެއެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ އެކޯޓުން ހިންގަން ފަށާފައިވަނީ 2015ވަނަ އަހަރުގެ ސެޕްޓެމްބަރު ދެވަނަ ދުވަހުން ފެށިގެން އަމަލު ކުރަމުން ގެންގޮސްފައިވާ "ކޯޓުން އިސްނަގައިގެން ހުކުމް ތަންފީޒު ކުރުމުގައި އަމަލުކުރާނެ އުސޫލާއި" ހިލާފަށް ކަމަށެވެ.

އޭޖީ އޮފީހުން ބުނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ "ކަނޑައެޅި ނިޔާގެ ބާރު ލިބިގެންވާ ނިހާއީ ހުކުމެއްކަން އެނގެން އޮންނަ" ކަމަށް ބުނެފައިވާއިރު ސިވިލް ކޯޓުގެ އެ ހުކުމުގައި، ހުކުމްގައިވާ ގޮތަށް އަމަލުކުރުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 23 އޮކްޓޯބަރު 2014އިން ފެށިގެން ހަމަސް ދުވަހުގެ މުއްދަތު ކަމަށެވެ.

"ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ 26ޖޫން 2018ގައި ސިވިލް ކޯޓުން ބުނެވިދިޔަ ހުކުމް ބާތިލްކޮށްފައެވެ. ވީމާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުކުމަށް ބަލައި ސިވިލް ކޯޓުގެ ހުކުމަށް އަމަލު ކުރުމުގައި މިހާރު މުއްދަތު ގުނަން ފަށާނެ ތާރީހެއް ކަމަށް ބަލަންޖެހޭނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުމްކުރި ތާރީހުން ފެށިގެން ހަމަސް ދުވަހުގެ މުއްދަތެވެ،" އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ 2015ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15ވަނަ ދުވަހުން ފެށިގެން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްތަކުގެ ތެރެއިން މަހަކު ވަކި ވަރަކަށް ދައްކަމުން ގޮސް ފައިސާ ހަލާސްކުރާ ގޮތަށް ހުކުމް ކޮށްފައިވާ މައްސަލަތަކުގައި އެމަހަކަށް ދައްކަންޖެހޭވަރު އެމަހަކު ދައްކަމުން ނުގެންދާކަން ނުވަތަ ފައިސާ ދައްކާ ހަލާސްކޮށްފައިވާކަން އަރަނިވެރިޔާގެ ފަރާތުން އަންގާފައި ނުވާނަމަ އެ ހުކުމް ތަންފީޒުކުރުމަށް ކޯޓުން އިސްވެ ފަށާނީ ފައިސާ ދައްކާ ހަލާސްކުރަން ކަނޑައަޅާފައިވާ މުއްދަތަށް ފަހު ކަމަށެވެ. އޭޖީ އޮފީހުގެ ބަޔާނުގައި ދީބާޖާ މައްސަލަ ހިންގާފައިވަނީ އެ އުސޫލާ ހިލާފަށްކަން ވަނީ ފާހަގަކޮށްފައެވެ.