Last Updated: April 24, 23:11
Thursday, April 25, 2024
ކުޅިވަރު

ގްރިޒްމަން އެތްލެޓިކޯ ދޫކޮށްލަން ނިންމައިފި

މި ސީޒަނަށްފަހު އެތްލެޓިކޯ މެޑްރިޑް ދޫކޮށްލަން އެ ކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރިޒްމަން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އެތްލެޓިކޯއާ އެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ގްރިޒްމަން ސޮއިކުރި ނަމަވެސް ރޭ ޓްވިޓާގައި އާއްމުކުރި ވީޑިޔޯއެއްގައި ގްރިޒްމަން ވަނީ އާ ޗެލެންޖަކާ ކުރިމަތިލުމަށްޓަކާ މި ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

"މިއީ ފަސޭހަ ނިންމުމެއް ނޫން. މި ކްލަބުގައި ހޭދަކުރި ފަސް އަހަރަކީ ވެސް ވަރަށް ބަރާބަރު ފަސް އަހަރު. ހުރިހާ ކަމަކަށް ވެސް ޝުކުރު އަދާކުރަން" އުމުރުން 28 އަހަރުގެ ފޯވާޑް ބުންޏެވެ.

އެތްލެޓިކޯ ދޫކޮށްލުމަށްފަހު ދެން ދާނެ ކްލަބެއް ގްރިޒްމަން ހާމަކޮށްފައިނުވާއިރު، ރިޕޯޓުތައް ބުނާގޮތުން އޭނާ ދެން އެންމެ ފެނުން ގާތީ ބާސެލޯނާ އިންނެވެ. އެގޮތުން ގްރިޒްމަންގެ ރިލީޒް ފީ ކަމަށްވާ 125 މިލިއަން ޔޫރޯ ދައްކަން ބާސާ އިން ތައްޔާރަށް އޮތް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ގްރިޒްމަން ބާސާ އަށް ބަދަލުވެއްޖެނަމަ އެ ކްލަބަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ ވިއްކާލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވެއެވެ. ކުޓީނިއޯ ގެންނަން ޝައުގުވެރިވާ ކްލަބުތަކުގެ ތެރޭގައި ޗެލްސީ ހިމެނެއެވެ.

2014 ވަނަ އަހަރު އެތްލެޓިކޯއާ ގުޅުނު ގްރިޒްމަން ވަނީ އެ ކްލަބަށް 256 މެޗު ކުޅެދީ 133 ގޯލު ކާމިޔާބުކޮށްދީފައެވެ. އެތްލެޓިކޯގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ ޔޫރޮޕާ ލީގާއި ސްޕެނިޝް ސުޕަރ ކަޕްގެ އިތުރުން ޔޫއެފާ ސުޕަރ ކަޕެއް ކާމިޔާބުކޮށްފައެވެ.