Last Updated: April 25, 11:25
Thursday, April 25, 2024
މުނިފޫހިފިލުވުން

ދީވާނާ 2 (އަށާޅީސްވަނަބައި)

ދެން އެންމެންގެ މެދުގައި މަޝްވަރާކުރެވުނީ ކައިވެނީގެ ކައްތައް ކުރިޔަށް ގެންދާނެ ގޮތާމެދުގައެވެ. ޝައުން ބޭނުންނުވިނަމަވެސް ކޮންމެވެސް ވަރެއްގެ ހަފްލާއެއް ބާއްވަން އަމީން ބޭނުންވިއެވެ. އެހެންކަމުން އާއިންވެސް އެކަމަށް ބާރުއެޅިއެވެ.
ރޭގަނޑުގެ ވަގުތެވެ. ކުއްލިއަކަށް ޝައުންއަށް ހޭލެވުނީ މާބޮޑަށް ކަރުހިއްކައިގަނެގެންނެވެ. ބާލީސްދަށުގައި އޮތްފޯނު ނަގައި ގަޑިބަލާލިއިރު މެންދަމުން އަލިވެ ތިނެއްވެސް ޖަހައިފިއެވެ.

" ހެދުންވެސް ބަދަލުނުކޮށްތަ މަށަށް ނިދުނީ؟…" ލައިގެން ހުރި އޮފީސްހެދުމަށް ބަލާލަމުން ހިތާހިތާ ކިޔާލިއެވެ.
ޝައުން ތެދުވެ މޯޅިއަކަށް ދެމިލުމަށްފަހު ފެންފޮދެއް ބޯލުމަށް އަވަސްވެގަތެވެ. ނަމަވެސް ފެންޖަގު ހުސްވެފައި ހުރުމުން އޭނާއަށް ޖެހުނީ ބޭރަށް ނުކުންނާށެވެ. ސިޓިންރޫމު ހުރަސްކޮށް ބަދިގެއަށް ވަންނަން ދިމާކޮށްލުމާއެކު އޭނާ ސިހުނީ ބަދިގެބައިން ނުކުތް އިޒްޔަން ފެނުމުންނެވެ.

" ތިހޭލީތަ؟…ޝައުން ކާންނުތެދުވެގެން މަންމަވެސް އެތައް ފަހަރަކު ގޮވި….ދޮންބެ ބުނިން ބަނޑުހައިވީމަ ހޭލައިގެން ކާނޭ…" ޝައުން ފެނުމާއެކު އިޒްޔަން ބުނެލިއެވެ.

" ހޫމް…ވަރަށް ބަނޑުހައި….ކާނެ އެއްޗެއް އެބަހުރިތަ؟.." ބަދިގެއަށް ވަންނަމުން ޝައުން އަހާލިއެވެ.

" ހޫމް…މިރޭ ގެނައި ޕީޒާ ހުންނާނެ…" ބޭރަށް ނުކުންނަން ދިޔަ އިޒްޔަން އެނބުރި ބަދިގެއަށް ވަންނަމުން ބުންޏެވެ. ޝައުން އައިސްއަލަމާރި ހުޅުވާލުމަށްފަހު ޕީޒާ ނަގައި އަވަނަށް ލިއެވެ.

" ޝައުން….ދޮންބެ ވާހަކައެއް އަހާލަންތަ؟.." ގޮނޑިއެއް ދަމާލާފައި މޭޒުކައިރީގައި އިށީއްނަމުން އިޒްޔަން އަހާލިއެވެ.
" ހޫމް…އަހާބަލަ!…" ޝައުން އެހުރިގޮތަށްހުރެ ބުންޏެވެ.

" އުފާވޭތާ އާންއާ ކައިވެނިކުރެވޭތީ؟…" އާދައިގެ ގޮތަކަށް އިޒްޔަން އަހާލިއެވެ. އެވަގުތު ޝައުން އެނބުރި އިޒްޔަންއަށް ބަލާލިއެވެ. އަދި ހިމޭންކަމާއެކު އައިސް ގޮނޑިއެއްގައި އިށީނެވެ.

" ކީއްވެ އެއްޗެއް ނުބުނީ؟…" ޝައުން އިންގޮތުން އިޒްޔަން އެހިއެވެ.

" ހަޤީޤަތުގަ އަހަރެން އުފަލެއްނުވޭ….ފާޑަކަށް ބިރުގަންނަނީ….ހިތަށް މިއަރަނީ ކުރަން މިއުޅެވެނީ ރަނގަޅުކަމެއްބާއޭ…" ކަންބޮޑުވެފައިވާ ރާގަކަށް ޝައުން ބުނެލިއެވެ.

" ކީއްވެ އެހެން ހިތަށްއަރަނީ؟…ކޮކީ އަބަދުވެސް ބޭނުންވިއެއްނު އާންއާ އިންނަން…ދެން ކީއްވެ ބިރުގަންނަނީ؟…" އިޒްޔަން އޮޅުން ފިލުވަން ބޭނުންވިއެވެ.

" ދޮންބެއަށްވެސް އެނގެއެއްނު އޭރާ މިހާރު ތަފާތުކަން….އޭރު އަހަރެންނަށް ނުވިސްނޭތީ އެގޮތަށް އުޅެވުނީ….އެކަމު މިހާރު އަހަރެން މިހުރީ އާންގެ ދިރިއުޅުމާ ދުރަށްގޮސް އެއްކައިރިއަށް އަރާފަ….އެކަމު މިހާރު އާން އަހަރެންނާ އިންނަން ބޭނުންވަނީ….ދޮންބެ ބުނެބަލަ! އާން ކީއްވެތަ ކުއްލިއަކަށް އަހަރެންނަށް ޝައުޤުވެރިވާންވީ؟…ކީއްވެތަ ކުރިން ލޯބިނުވެފަ މިހާރު ލޯބިވާންވީ؟…އަހަރެންނަކަށް ނުވިސްނުނު އާންގެ މިޒާޖެއް….އާން ކިހާލޯބިން ނާޒްއާއެކު އުޅުނީ…އެކަމު މިހާރު އެއުޅޭގޮތުން އަހަރެންގެ ހިތްބިރުގަންނަނީ…" ޝައުން އޭނާގެ ކަންބޮޑުވުން އިޒްޔަންއާ ހިއްސާކުރިއެވެ.

" ފަހަރެއްގަ ވެދާނެއްނު ކުރިންވެސް އާން ލޯބިވާކަމަށް….އެކަމު އޭރު އޭނަހީކުރީ ތިއީ ކޮއްކޮއެއްކަމަށް…އެހެންވީމަ ތިދެމީހުންގެ މެދުގަ ލޯބީގެ ގުޅުމެއް އުފެދިއްޖެނަމަ އާއިލާ ބަދުނާމުވެދާނެތީ ބިރުގަތީކަމަށް….ހަޤީޤަތުގަވެސް އެހާލަތުގަ ބިރުގަންނާނެދޯ….އެކަމު މިހާރު ދެމީހުން އަނެއްކާ އެކީގަ މަސައްކަތްކުރަން ޖެހުމުން އަލުން އެއިހުސާސްތައް ހިތުގާ އުފެދުމަކީ އެކަށީގެންވާކަމެއް….ގިނަވަގުތު އެކީގާ އުޅެންވުމުން ނުދަންނަ މީހުންވެސް ދަންނަމީހުންނަށްވެ، ބީރައްޓެހިންގެ މެދުގަވެސް ލޯބި އުފެދޭދޯ….ވީއިރު، ކުޑައިރުއްސުރެ އެހާގާތްކޮށް އެކީގަ އުޅުނު މީހަކާމެދު ހިތުގާ ޖަޒްބާތެއް އުފެދޭކަށް ގިނަ ވަގުތެއް ނުނަގާނެއްނު…" އިޒްޔަން އޭނާގެ ނަޒަރުން ޝައުން ވިސްނައިދެވޭތޯ ބެލިއެވެ.

" އާން ދޮންބެގާތު ބުނިތަ އެކަހަލަ އެއްޗެއް؟…" އިޒްޔަން ދެއްކި ވާހަކައިން އެއްޗެއް ދޭހަވެގެން ޝައުން އެހިއެވެ.
" ސީދާ ނުބުނޭ…އެކަމު ދޮންބެއަށް ހަމަ ޔަޤީން އާން ޝައުންދެކެ ލޯބިވާކަން…" އިޒްޔަން ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ.
" ދެން ނާޒްއޯ؟…އާން ނާޒްދެކެ އެހާލޯބިވާއިރު، އަހަރެންދެކެ ލޯބިވާނީ ކިހިނެއް؟…ދެމީހަކުދެކެ އެއްފަހަރާ ލޯބިވުން އެއީ އަހަރެންނަށް ގަބޫލުކުރެވޭ ކަމެއްނޫން…އަހަރެން ބޭނުމެއްނޫން މީހެއްގެ ހަމްދަރުދީއެއް….އަހަރެން ބޭނުންވަނީ އަހަރެންދެކެ ހަޤީޤީ ލޯބިވާނެ މީހެއް…" ޝައުންގެ އަޑުގައިވަނީ މާޔޫސްކަމެވެ.

" ޝައުން…ދޮންބެ ބުނަން ވާހަކައެއް…..ދުނިޔެއަކީ އިމްތިހާނެއް…ދުނިޔެއާކުރިމަތިލާން ޖެހޭނީ ވަރަށްކެރިގެން….ތިމާ ލޯބިވާ މީހަކު ހާސިލްކުރުމަކީ ކޮންމެ ކޮންމެ މީހެއްގެ ނަސީބުގާވާ ކަމެއްނޫން….ޝައުން ތިބުނީ ދެމީހަކުދެކެ ލޯބިވުން ގަބޫލެއް ނުކުރެވެޔޭ….ނިކަން ބަލާބަލަ އަހަރެމެންގެ ބައްޕައަށް…ދޮންބެގެ މަންމައާ އިނދެގެން ހުއްޓާ ދިމާވިގޮތަކުން މަޖުބޫރުވެގެން ޝައުންގެ މަންމައާ އިންނަން ޖެހުނީ….އެކަމު ބައްޕަ ހިތުގެއަޑިން ޝައުންގެ މަންމަދެކެވެސް ލޯބިވިޔޭ….ވަރަށް ލޯބިވި…އެހެންވީމަ ދެމީހަކުދެކެ ލޯބިވުމަކީ ވެދާނެކަމެއްނޫންތަ؟…" ޝައުންއަށް ވިސްނޭނޭފަދައިން އިޒްޔަން މިސާލުދެއްކިއެވެ.

" އެކަމު ދޮންބޭ….ބައްޕައަށް ދިމާވިގޮތާ އާންގެ ހާލަތު ތަފާތެއްނު…އަހަރެންނަށް ވިސްނެނީ ނާޒްއާމެދު….އަހަރެންގެ ސަބަބުން ނާޒްއަށް އަނެއްކާވެސް ހިތާމައެއް ލިބިދާނޭ ހިތަށްއަރަނީ….ނާޒްއަށް ދަރިޔަކު ހޯދެންނެތްއިރު އަހަރެންނާ އިނދެގެން އާންއަށް ދަރިޔަކު ލިބިއްޖެނަމަ ނާޒްއަށް ވާނީ ކިހިނެއް؟…އަހަރެންނަށް ހަމަ ޔަޤީން ބޮޑުބޭބެމެންވެސް އެހާގަބޫލުއެވީ އެގޮތަށް ވިސްނާފަކަން…އަދި އަހަރެންނަށް ހީވަނީ އާންވެސް އަހަރެންނާ ކައިވެނިކުރަނީ އެސަބަބަށްޓަކާހެން…" ޝައުން ވާހަކަދެއްކީ އޭނާއަށް ހީވާގޮތަށެވެ. ޝައުންގެ ވާހަކަތަކަށް ދޭނެ ރައްދެއް ނޭނގިފައި އިރުކޮޅު ހިމޭނުން އިޒްޔަން އިނެވެ.
" ދޮންބޭ ކޮންމެވެސް އެއްޗެއް ބުނެބަލަ! މިކުރެވެނީ ރަނގަޅުކަމެއްތަ؟…" އިޒްޔަން ޖަވާބެއްނުދީ އިނުމުން ޝައުން އެހިއެވެ.
" އާނ…ތިއީ ތަޤުދީރުގެ ނިންމުމެއްކަމުގަ ދެކިގެން ތިކަންކުރޭ!…މިހެން މިބުނީ ފާއިތުވެދިޔަތަނަށް ވިސްނާފަ….އާންއާ ދުރުގަ އުޅެން ކޮކީ ކިހާ މަސައްކަތެއްކުރިން….އެރިކްއާވެސް ގުޅުނީމެއްނު، އެކަމު އެކަމެއްވެސްނުވި….އެއީވެސް ހަމަ ތަޤުދީރުވެ ރޭވުން….ފަހުންވާނެގޮތެއް އެއްވެސް މީހަކަށް ނޭނގޭނެ…އެހެންވީމަ މިއަދު ފެންނަ އެންމެ ރަނގަޅަކަށް ކައްތަކުރީމަ ހުންނާނީ ރަނގަޅަށް…ދޮންބެއަށް އެނގޭ އެއްޗަކީ އާން ދުވަހަކުވެސް ޝައުންއަށް ދެރަގޮތެއް ނުހަދާނެކަން…." އިޒްޔަން ބޭނުންވީ ރަނގަޅުގޮތަކަށް ޝައުންގެ ވިސްނުން ބެހެއްޓުމަށެވެ.
ޝައުންވެސް އިޒްޔަންގެ ވާހަކަތައް ގަބޫލުކުރިއެވެ. އަދި އިތުރަށް އެމައުލޫއަށް ބަހުސް ނުކުރުމަށް އޭނާ ނިންމިއެވެ. ނަމަވެސް ކައިވެނީގެކުރިން އެއްފަހަރު ނަމަވެސް ފަރަހަނާޒްއާ ބައްދަލުކުރަން އޭނާ ބޭނުންވިއެވެ. އެކައިވެންޏާމެދު ފަރަހަނާޒް ދެކޭގޮތް ޚުދު ފަރަހަނާޒްގެ ދުލުން އަހާލަން ޝައުން ބޭނުންވިއެވެ. އެހެންކަމުން އާއިންއަށް ނޭނގި ސިއްރުގޮތެއްގައި ފަރަހަނާޒްއާ ޝައުން ބައްދަލުކުރިއެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ޝައްކާއި ވަހުމް ފިލައިގެން ދާނީ ފަރަހަނާޒްގެ ޖަވާބު ލިބޭގޮތަކުންނެވެ.
" ނާޒް…އަހަރެން ނާޒްއާ މިބައްދަލުކޮށްލީ ވާހަކައެއް ދައްކާލަން….އަހަރެންނަށް ހީވަނީ އަހަރެން ނުބުނިނަމަވެސް އެއީ ކޮން ވާހަކައެއްކަން ނާޒްއަށް އެނގޭނެހެން…." ޝައުން އޭނާގެ ވާހަކަ ފެށިއެވެ.

" އާންއާ ޝައުންގެ ކައިވެންޏާބެހޭގޮތުންތަ ވާހަކަދައްކަން ތިއުޅެނީ؟…އެކަމާ ދައްކަންވެސް އޮތީ ކޮންވާހަކައެއް؟…" ފަރަހަނާޒް ވަރަށް އާދައިގެ ގޮތަކަށް ބުނެލިއެވެ.

" ނާޒް…ނާޒް ތިއީ އާންގެ އަނބިމީހާ…އެހެންވީމަ މިކަމާބެހޭގޮތުން ވާހަކަ ދެއްކުމުގެ ހައްޤު ނާޒްއަށް އޮންނާނެ…އަހަރެން ހަމައެކަނި އޮޅުން ފިލުވަން ބޭނުންވަނީ ނާޒް މިކައިވެންޏާ ގަބޫލުވީ ހިތުންރުހުމުންތޯ…އެޔެއް އެނގުނީމަދޯ އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބޭނީ….ނާޒް ބުނެދީބަލަ! ނާޒް ހަމަ ހިތުންރުހުމުންތަ އާނއެކޭބުނީ…ނޫނީ އާން މަޖުބޫރުކޮށްގެންތަ؟…" ޝައުންހުރީ އޮޅުން ފިލުވަން ބޭނުންވެފައެވެ.

" ނޫން…އާއިން އަހަރެންނަކަށް މަޖުބޫރެއް ނުކުރޭ….އާއިންއާއި ޝައުންއަށްވެސް ކައިވެނިކުރަން މަޖުބޫރުވީ ފަދައިން، ހާލަތު އަހަރެންނަށްވެސް އާނއެކޭ ބުނަން މަޖުބޫރުކުރީ….އަހަރެން ތިކައިވެންޏަށް އެއްވެސް އިއުތިރާޒެއް ނުކުރަން…އެހެންނޫނަސް ތިއީ ވަކި މަޤުސަދެއް ހާސިލްކުރުމަށްޓަކާ ކުރެވޭ ވަގުތީ ކައިވެންޏެއްކަން އަހަރެންނަށްވެސް އެނގޭ….އެހެންވީމަ އިންކާރުކުރުމުގެ މާނައެއްވެސް ނެތެއްނު…" ވަރަށް ހަމަޖެހިލާފައި އިނދެ ފަރަހަނާޒް ދެއްކި ވާހަކައިން ޝައުންގެ ހިތުގައި ސުވާލު އުފެދުނެވެ.
" ވަކި މަޤުސަދެއް ހާސިލްކުރުމޭ ތިބުނީ ކީއްވެ؟…" ފަރަހަނާޒް ބުނި އެއްޗެއް ރަނގަޅަށް ދޭހަނުވެގެން ޝައުން އެހިއެވެ.
" މިބުނީ އެނުލަފާ އަދްޔަންގެ ކިބައިން ސަލާމަތްވުމަށް ކުރެވޭކަމެއްނޫންހޭ….އޭނާގެ ނުބައިކަމާހުރެ އަހަރެން ހަމަ ހައިރާންވާން…އާއިން އަހަރެންނަށް ކިޔައިދިން ހުރިހާ ވާހަކައެއްވެސް….އަހަރެންނަށް އެނގޭ ތިދެމީހުންނަށްވެސް ތިކައިވެނިކުރަން މަޖުބޫރުވީކަން…ތިއީ ދާއިމީކަމެއްނޫންކަން….އާއިން އަހަރެންގާތުގަ ކުރިންވެސް އެވާހަކަ ބުނެފައޮތީ ތިއީ ހަމައެކަނި ނަމެއްގަ ކުރެވޭކަމެކޭ" ފަރަހަނާޒް އޮޅުން ފިލުވައިދިނެވެ.

" އާން ހަމަ އެހެންބުނިތަ؟…" ޔަޤީން ނުވެފައި ޝައުންއަށް އަހާލެވުނެވެ.

" އާނ…ތިއީ ހަމަ ނަމަކަށް ކުރެވޭ ކަމެއްނު….އަނެއްކާ ޝައުންގެ އެހެން ވިސްނުމެއް އޮތީތަ؟…" ޝައްކުގެ ނަޒަރަކުން ބަލާލަމުން ފަރަހަނާޒް އަހާލިއެވެ.

" ނޫން ނޫން…އެހެނެއްނޫން…އަހަރެން ހަމަ ޔަޤީންކޮށްލީ އާން ހުރިހާ ވާހަކައެއް ކިޔައިދިންތޯ….މިއީ ހަމަ ނަމަކަށް ކުރެވޭކަމެއް….އެއަދްޔަންގެ ކިބައިން ސަލާމަތް ވީހާ އަވަހަކަށް މިކަން ނިމޭނެ….ނާޒް ކަންބޮޑުނުވޭ….އަހަރެން ދުވަހަކުވެސް ތިދެމީހުންގެ ހުރަކަށް ނުވާނަން…ނާޒް އެކަމާ ބިރުގަންނާކަށް ނުޖެހޭނެ…" ފަރަހަނާޒްގެ ހިތުގައި ޝައްކެއް އުފެދިދާނެތީ ޝައުން ބުނެލިއެވެ.

ފަރަހަނާޒްއެކު ބައްދަލުވުން ނިންމާލިއިރު، ޝައުންގެ ހިތްވަނީ ޝަކުވާއިން ފޯވެފައެވެ. އާއިން އޭނާއަށާއި އާއިލާއަށްވެސް އޮޅުވާލީކަމުގައި އޭނާ ގަބޫލުކުރިއެވެ. ފަރަހަނާޒްގެ ގާތުގައި މިއީ ނަމަކަށް ކުރެވޭ ވަގުތީ ކައިވެންޏެކޭ ބުނިއިރު، އޭނާގެ ގާތުގައިބުނީ މުޅި އުމުރަށްވެސް އޭނާ އާއިންގެ މީހަކަށް ހަދަން ބޭނުން ކަމުގައެވެ. އޭނާގެ އިހުސާސްތައް އެނގިހުރެ އާއިން އޭނާގެ ހިތުގައި ހުސް އުއްމީދުތަކެއް އާކުރުވީ ކީއްވެގެން ހެއްޔެވެ؟ އާއިންއާއި ކައިވެނިކުރަން އޭނާ އެއްބަސްވީވެސް އާއިންގެ ދެވަނަ އަނތްބެއްގެ ގޮތުގައި ހުރުމަށްވެސް އޭނާގެ ހިތްއެދޭތީއެވެ. ކޮންމެވެސް ސިފައެއްގައި އާއިންގެ ދިރިއުޅުމުގެ ހިއްސާއަކަށް އޭނާއަށް ވެވޭނެތީއެވެ. ނަމަވެސް މިވީ ކިހިނެއް ހެއްޔެވެ؟ އާއިން ބޭނުންވަނީ އޭނާގެ ހިތާއި ކުޅެލަން ހެއްޔެވެ؟ ނުހައްޤުން އޭނާގެ އުއްމީދުތައް ކަތިލާލަން ހެއްޔެވެ؟ އޭނާގެ ލޯތްބަށް އާއިން ޤަދަރެއް ނުކުރިއެވެ. އާއިން އޭނާއާ ކައިވެނިކުރަން އެއުޅެނީ ވަކި މަޤުސަދެއް ހާސިލްކުރުމަށްޓަކައި ކަމުގައި އޭނާގެ ހިތް ބުންޏެވެ. އެކަން އެވަނީ ފަރަހަނާޒަށްވެސް އޮޅުވާލާފައެވެ. އާއިންގެ މަޤުސަދަކީ އޭނާގެ ފުށުން ދަރިޔަކު ހޯދުން ކަމުގައި ވެދާނެއެވެ. ދަރިޔަކު ލިބުމުން އޭނާ ދޫކޮށްލާފައި އެނބުރި ފަރަހަނާޒްގެ ގާތަށްދާނެއެވެ. ޝައުންގެ ހިތަށް ވެރިވި ޚިޔާލުން އައިރުޅިންނާއި ވީދެރައިން ވަގުތުން ލޮލުން ކަރުނަ ހިލުނެވެ.

ޝައުން ބާރުބާރަށް ގޮސް އޭނާގެ ކެބިންއަށް ވަތްއިރު، އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައެވެ. އޭނާގެ ރުޅިގަދަވި ވަރަކަށް ލޮލުން އޮހެމުންދިޔަ ކަރުނަތައް އިތުރުވަމުން ދިޔައެވެ. އޭނާ ބޭނުންވަނީ ހަމަ މިހާރު މިވަގުތު އާއިންގެ ކުރިމައްޗަށް ގޮސް އޭނާގެ ހިތުގައިވާ ހުރިހާ ޝަކުވާއެއް ބަންޑުންކޮށްލާށެވެ. ނަމަވެސް އޭނާ ދެލޯމަރައި ފުންނޭއެއް ދޫކޮށްލަމުން ނަފްސުގެ މައްޗަށް ބާރުފޯރުވިއެވެ.

އަނެއްކޮޅުން ފަރަހަނާގެ ހިތުގައިވެސް ސުވާލުތައްވަނީ އިތުރުވެފައެވެ. ޝައުން އޭނާއާއި ބައްދަލުކޮށްފައި ވާހަކަދެއްކިގޮތުން ހީވީ ޝައުން މުޅި އުމުރަށް އާއިންގެ ޙަޔާތަށް އަންނަން ގަސްތުކޮށްފައިވާހެންނެވެ. ޝައުން އެއުޅެނީ ނުބައި ރޭވުމެއް ރާވައިގެންނޭވެސް އޭނާގެ ހިތަށް އަރަނީއެވެ.

" އަސްތަޣްފިރުﷲ….އަސްތަޣުފިރުﷲ….މީހުނާމެދު ނުބައި ޚިޔާލު ކުރާކަށްވެސް ނުވާނެ…އެކަމު ކީއްވެތަ އަހަރެންގެ ހިތް ޝައުންއާމެދު ނުބައިވަނީ….ޝައުން ހަޤީޤަތުގަވެސް ނުބައިރޭވުމެއް ރާވަފާނެތަ؟…" ފަރަހަނާޒް ހިތާ ހިތާ ވިސްނަމުން ދިޔައެވެ. އަދި އޭނާގެ ސިކުނޑީގައި ޚިޔާލުތައް ގިނަވެ ބޯހާސްވުމުން އެކަން މީހަކާ ހިއްސާކުރަން ބޭނުންވިއެވެ. އެހެންކަމުން ވަރަށް ވިސްނުމަކަށްފަހު އޭނާ ތޫބާއާއި ބައްދަލުކުރިއެވެ. އޭނާ ތޫބާއާ ބައްދަލުކުރަން އެގެއަށްދިޔައިރު، ތޫބާއުޅެނީ އޭނާގެ ދަރިފުޅަށް ކާންދިނުމުގައި އަވަދިނެތިއެވެ.

" އަނހާ! ނާޒް ހާދަ ނުވަގުތެއްގަ ތިއައީ…ކޮބާ އަނާ..؟" ފަރަހަނާޒް ފެނުމުން ތޫބާއެހިއެވެ.

" ތެދެއް ދަރިފުޅާ…އެމަންޖެނުލާ ތިއައީ ކީއްވެ؟…" އަމީލާވެސް ފަރަހަނާޒްއާ ސުވާލުކުރިއެވެ.

" އަނާ ވީ ބޮޑުދައިތަގޭގަ….އަނާގޮވައިގެން އަންނަން އުޅެނިކޮށް ބޮޑުދައިތަ އިޒޫގޮވައިގެން ދިޔައީ…އެމީހުނާއެކު މިއައީ…" ފަރަހަނާޒް އޮޅުން ފިލުވައިދިނެވެ.

" އިރުކޮޅަކުން އަހަރެމެންވެސް ދޮންކޮށްލަން ދާންވީއޭ ދޯ ދަރިފުޅާ…." ތޫބާ ލޯތްބާއެކު އޭނާގެ ދަރިފުޅާ ވާހަކަދެއްކިއެވެ. ތޫބާ އޭނާގެ ދަރިފުޅަށް ކާންދީ ނިމުމާއެކު އަމީލާގޮސް އެދަރިފުޅު ފެންވަރުވާ ރީތިކުރަން ފެށިއެވެ. އަމީލާ އެދަރިފުޅާދެކެ ވާލޯތްބެއްގެ ސަބަބު އެދަރިފުޅުގެ ކަންކަން ގިނައިން ކޮށްއުޅެނީވެސް އޭނާއެވެ.

" ދެން ބުނެބަލަ ކިހިނެއްތަވީ؟…ހާދަ ފިކުރުބޮޑުވެފަ ހުރިހެން ހީވެޔޭ…." ދެމީހުން އެކަނިވުމާއެކު ތޫބާއެހިއެވެ. ފަރަހަނާޒް އިރުކޮޅަކު ވިސްނަން އިނުމަށްފަހު ކަންހިނގާފައިވާގޮސް ތޫބާއާ ހިއްސާކުރިއެވެ.

" ސުބުޙާނަﷲ….ތިވަރުގެ ބޮޑުކަމެއް ހިނގާދިޔައިރު އަންގާވެސް ނުލަމެއްނު….އާންވެސް އެކަހަލަ އެއްވެސް ވާހަކައެއް މިގޭ އެއްވެސް މީހަކު ގާތު ނުބުނޭ.." ތޫބާ ކަންބޮޑުވެފައި ބުންޏެވެ.

" އަދި ނުބުންޏަސް ފަހުން ބުނާނެހެން ހީވަނީ…އަދި މިވާހަކަ އެއްވެސް މީހެއްގާތު ނުބުނައްޗޭ!…އަހަރެންގެ ހިތުގަ ވަހުމް އުފެދޭވަރުން ނުހުރެވިގެން ބުނެވުނީ…" ފަރަހަނާޒް އެދުނެވެ.

" އަހަރެންވާ ނުބުނެ ހުރެދާނަން….އެކަމު ބުނަން…ކުރިންވެސް އަހަރެންގެ ހިތަށް އެޝައުންއާމެދު ޝައްކެއް އުފެދުނު….އެދެމީހުންނަކީ ކުޑައިރުއްސުރެ އެކީއުޅެ ބޮޑުވިދެމީހުން…އެއީ އަހަރެމެން މިއުޅޭހެން އާދައިގެ ގޮތަކަށް އުޅުނުބައެއްނޫން…އަންހެންކުދިންނާ ފިރިހެންކުދިން މަސްހުނިވެ ގައިގޯޅިވެ، އޮޅުލާ ސަކަރާތްޖަހާ އުޅުބޮޑުވި ބަޔަކު، ކުޑަދުވަސްކޮޅަކަށް ދުރުގަތިބެފަ އަނެއްކާ ބައްދަލުވެފަ އެތިބީ…އެހެންވީމަ ދެމީހުންގެ މެދުގަ ހިނގާނެ ހިނގަން ނުޖެހޭ ކިތަންމެކަމެއް….ކުރިއްސުރެ ޝައުން އާންއާހެދި މޮޔަވެފަހުންނައިރު މިހާރު އަބަދު އެއްކޮށް އުޅެވޭއިރު، ކިހާ ގޮތްގޮތަކަށް އޭނަ ވިސްނާނެ…ކިރިޔާވެސް ފުރުސަތެއް ލިބޭތޯއެއްނު ހުންނާނީ…ދެމީހުންގެ މެދުގަ ގުޅުމެއް ނުހިނގާކަމެއްވެސް ކިހިނެއް އެނގެނީ؟…" ތޫބާ އޭނާއަށް ހީވާހާ އެއްޗެއް ކިޔަމުން ދިޔައިރު، ފަރަހަނާޒްގެ ހިތްވެސް ވަސްވާހުން ފުރެމުން ދިޔައެވެ.

" ނޫން…އަހަރެންގެ ހިތެއް ނުބުނޭ އެދެމީހުންގެ މެދުގަ ނާޖާއިޒް ގުޅުމެއް އޮންނާނެއެކޭ…އަހަރެންގެ ފިރިމީހާއަށް އަހަރެން އިތުބާރުކުރަން….އޭނަ ހިލޭ އަންހެނަކާ ވާހަކަވެސް ނުދައްކާނެ…އޭނަ ނުކުރާނެ ވިޔާނުދާކަމެއް…" ފަރަހަނާޒް އާއިން ދިފާއުކުރިއެވެ.

" އާންއަކީ ކިތަންމެ މާތް މީހެއްކަމަކުވެސް، ޝައުން ކަހަލަ ރީތި އަންހެނަކު ފާޑުފާޑުގެ ނިވާކަންކުޑަ ހެދުން އަޅައިގެން އުޅޭއިރު، ކޮންމެވެސްގޮތެއްވާނެދޯ…އަދި އަމުދުން ބެސްޓްފުރެންޑޭ ކިޔައިގެން އުޅޭއިރު…." ތޫބާ ދައްކަމުން ދިޔައީ ކަންހިނގާފާނެ ގޮތްތަކުގެ ވާހަކައެވެ. އެވާހަކަތައް އަޑުއެހި ވަރަކަށް ފަރަހަނާޒްގެ ހިތުގެ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. ހިތަށް ލުއިކަމެއް ލިބޭތޯ ތޫބާއާ އެވާހަކަ ހިއްސާކުރެވީ އޭނާގެ މޮޔަކަމުންނޭ ފަރަހަނާޒްގެ ހިތަށް އަރަމުން ދިޔައެވެ.

" ނާޒް…ދެރަނުވެބަލަ!…އަހަރެން މިބުނީ ކަންހިނގާފާނެ ގޮތުގެ ވާހަކައޭ….އޭގެ މާނައެއްނޫން ކޮންމެހެން އެގޮތަށް އެކަން ހިނގާފަ އޮތެކޭ….އަހަރެންނަށް އެނގޭ އާންއަކީ ނުލާހިކުދީންވެރި ޚުލްޤުހެޔޮ ކުއްޖެއްކަން….އެކަމު ޝައުން ކަހަލަ އަންހެނުންނަކީ ފިތުނައެއް….އެކަމުގެ ހެކި މިހާރު ތިފެންނަނީ…އެކަމު އަދިވެސް ވަގުތު ފާއިތެއްނުވޭ….ޝައުންގެ މަޅީގަ އާން އެއްކޮށް ނުބެދެނީސް ސަލާމަތްކުރެވޭނެ…ނާޒްޖެހޭނީ ކުޑަހިތްވަރެއްކުރަން….ކެރިގެން ކުރިމަތިލާން…" ތޫބާ ފަރަހަނާޒްއަށް ހިތްވަރުދިނެވެ. ނަމަވެސް ފަރަހަނާޒް އިތުރަކަށް އެވާހަކައެއް ނުދެއްކިއެވެ. އެވާހަކަ ދެއްކުމުން އޭނާގެ ހިތުގެ ތަކުލީފު އިތުރުވުން ނޫންކަމެއް ނުވިއެވެ.
****
މެންދުރުފަސްވީފަހުން އާއިން އައިސް ޝައުންގެ ބަޔަށްވަނެވެ. އޭރުވެސް ޝައުންއިނީ މަސައްކަތެއްގައި އަވަދިނެތިއެވެ.
" ކާންދާންވީނު…" ޝައުންގެ މޭޒުކައިރިއަށް ހުއްޓެމުން އާއިން ބުނެލިއެވެ.

" އާން…އަހަރެން ބޭނުން ވާހަކައެއްދައްކަން….މިތާ އިށީނދެބަލަ!.." އިސްއުފުލައިވެސްނުލާ އިނދެ ޝައުން ބުންޏެވެ.
" ހޫމް…ބުނެބަލަ!.." ގޮނޑީގައި އިށީނދެލަމުން އާއިން ބުންޏެވެ.

" އަހަރެން ބޭނުން ކައިވެނީގެކުރިން އެގްރީމެންޓެއް ހަދަން…މިއީ ވަގުތީ ކައިވެންޏަކަށްވާއިރު، ކޮންމެވެސް ކަހަލަ އުސޫލުތަކެއް އޮންނަން ޖެހޭނެކަމަށް އަހަރެން ދެކެނީ…އަހަރެންގެ ޝަރުތުތައް ލިޔުމެއްގެ ސިފާގަ ފެންނަން އޮންނަން އަހަރެން ބޭނުމީ….އަނގަބަހުން ބުނާބުނުން ހަނދާންނެތުމަކީ އެކަށީގެންވާކަމެއް…އެހެންވީމަ އަހަރެން މިއޮތީ އެގްރީމެންޓެއް ލިޔެފަ….އާން މީގަ ސޮއިކުރީމަ އަހަރެން އާންއާ ކައިވެނިކުރާނީ…." ޝައުން ފައިލެއް ދިއްކޮށްލުމުން އާއިން ހައިރާންވެ އިނދެ އޭގައި ހިފިއެވެ.

" ކިޔާބަލަ!….ސޮއިކުރުމުގެކުރިން ކިޔަންވާނެއްނު…." އާއިން ބަލަން އިނުމުން ޝައުން އެދުނެވެ.

އާއިން އެފައިލުގައިވާ ލިޔުމަށް ނަޒަރު ހިންގާލިއެވެ. އޭގައި ދިހަވަރަކަށް ނުކުތާ ފާހަގަކޮށްފަ އޮތެވެ. އާއިން އެކިޔަމުން ދިޔައިރު، އިޚްތިޔާރަކާނުލައި އޭނާގެ ތުންފަތަށް ހިނިތުންވުން ވެރިވަމުން ދިޔައެވެ.

" ސީރިއަސްލީ؟…މިއީ ޝައުން ބޭނުންވާ ގޮތްތަ؟" ފާޑަކަށް ހެވިފައިނދެ އާއިން އެހިއެވެ.

" އާނ…ތީ އަހަރެން ބޭނުންވާގޮތް…" ދުރުބަލާލަމުން ޝައުން ބުންޏެވެ.

" ޝައުން ވަކި އެޕާރޓްމެންޓެއްގައި ބެހެންޓުން….ދެމީހުން ދެކޮޓަރިއެއްގާ ނިދުން….ޝައުން ލައްވާ އަހަރެންގެ އެއްވެސްކަމެއް އަދި ގޭތެރޭގެ އެއްވެސްކަމެއް ނުކުރުވުން….ބޭނުން ކޮންމެ ވަގުތަކު ކޮންމެތަނަކަށް ދިއުމުގެ ހުއްދައޮތުން އަދި އެއްވެސް ކަމަކާމެދު ސުވާލުނުކުރުން….ކުރަންބޭނުން އެއްވެސްކަމެއް މަނާ ނުކުރުން….އަދި އެއްވެސް ކަމަކަށް ފާޑު ނުކިޔުން….އެއްވެސް ކަހަލަ ޖިސްމާނީ ގުޅުމެއް ނުބޭއްވުން….ޝައުންގެ މައްޗަށް އަހަރެން އެއްވެސް ޚަރަދެއް ނުކުރުން….ކައިވެނީގެ މުއްދަތަކީ ހަމަސް ދުވަސް….އަހަރެން ހަމަ އަޖާއިބު ވެއްޖައިން ޝައުންގެ މޮޅު ވިސްނުމާމެދު…." ޝައުންއާ ހަތަރުކަޅި ހަމަކޮށްލަމުން އާއިން ހީލިގޮތުން ޝައުން ރަކިވާގޮތްވިއެވެ.

" އެއްބަސްތަ ނުވަތަ ނޫންތަ؟…" ސީރިއަސްރާގެއްގައި ޝައުން އަހާލިއެވެ.

" އަސްލު ކޮބާ މިއެގްރީމެންޓް ހަދަން ޖެހުނު ސަބަބަކީ؟…" އާއިން ކުޑަކޮށް ޝައުންއާ މޫނު ކައިރިކޮށްލަމުން އަހާލިއެވެ.

" ތީހަމަ އަހަރެން ބޭނުންވާގޮތް….ތިގޮތާ އެއްބަސް ނުވަންޏާ ކައިވެނިކުރުމުގެ ބޭނުމެއްނެތް…" ހަރުކަށިގޮތަކަށް ޝައުން ބުނެލިއެވެ.

" މިކަމާ އެއްބަސް ނުވަން އުޅެނީކީނޫން…އެކަމު ޝައުން އަހަރެންދެކެ ތިހާބިރުގަންނަކަމެއް ކުރިއަކުން އެނގިފައެއްނެތް….މިއެގްރީމެންޓުން އަހަރެންނަށް ދޭހަވަނީ އަހަރެމެން ދެމީހުން އުޅެން ޖެހޭނީ ދެބީރައްޓިންގެ ގޮތުގައޭ…އިންސާނިއްތުކަމަށްޓަކާވެސް އެކަކު އަނެކަކަށް އެހީތެރިވާން ޖެހޭ ފަހަރު އަންނާނެދޯ…އެކަމު މީގަބުނާގޮތުން އަހަރެމެން ދެމީހުންގެ މެދުގަ އެއްވެސް ކަހަލަ ގުޅުމެއް އޮވެގެން ނުވޭ….އަހަރެން ބަލިވެއްޖެނަމަވެސް ޝައުން އަހަރެންނަށް އެހީއެއް ވާކަށް ނުޖެހޭނެދޯ…" އާއިން ހީލަމުން އެހިއެވެ.

" އާން ބަލިވީމަ ނާޒް ހުންނާނެއްނު އަޅާލަން…." ޖެއްސުމުގެ ރާގެއްގައި ޝައުން ބުނެލިއެވެ.

" ގޯހެއްނޫން…..އަނެއްކާ ޝައުންއާ ދިމާ ބަލާލުންވެސް މަނާތަ؟…" އާއިން ހިނިގަނޑެއް ޖަހާލަމުން އެހިއެވެ.

" އާން…މީ ސަމާސާއެއްނޫން…އަހަރެން ވަރަށް ސީރިއަސް….އަހަރެން މިބުނާ އެއްޗެއް އަޑުއަހާ….އަހަރެމެން ކައިވެނިކުރަނީ ހަމައެކަނި ނަމެއްގަ….ދެމަފިރިއެއްގެ ހައިސިއްޔަތު ޖިސްމާނީ އަދި ނަފްސާނީ ނުވަތަ އިންސާނިއްޔަތުގެ ގުޅުމެއްވެސް އަހަރެމެންގެ މެދުގަ ބާއްވާކަށް އަހަރެން ބޭނުމެއްނޫން….އެނގިއްޖެތަ؟…ހަމަ އެންމެ ހަމަސްދުވަސް ދެމީހުން އެކުގަ ހޭދަކުރަން ޖެހޭނީ….އޭގެ ފަހުން އަހަރެން ބޭނުންވަނީ މިނިވަންވާން….އެހަމަސްދުވަހުގެ ތެރޭގަ އެކުވެރިކަމެއްވެސް އަހަރެން ބޭނުމެއްނޫން…" ޝައުން ރުޅިވެރިކަމާއެކު ބުނެލިގޮތުން އާއިން ހިމޭންވިއެވެ. ޝައުން އެހާބޮޑަށް ހިތްހަމަ ނުޖެހެންވީ ސަބަބެއް އާއިންއަކަށް ނުވިސްނުނެވެ.

ޝައުން…ވިސްނާލަބަލަ! އަހަރެމެންނަކީ އިންސާނުން….އެހެންވީމަ އެހެންމީހުން ދެކޭނެގޮތާމެދުވެސް ވިސްނަން ޖެހޭނެ…އެންމެކުޑަމިނުން މީހުންގެ ލޯތަކަށް އަހަރެމެންމީ ދެމަފިރިންކަން ދައްކަން ޖެހޭނެ…އަހަރެންނަކަށް ހިއެއްނުވޭ އެއްވެސް އިންސާނަކަށް ހުރިހާ ގުޅުމެއް ކަނޑާލައިގެން އުޅެވިދާނެހެނެއް…އެކަކު އަނެކަކަށް ބޭނުން ޖެހޭ ހާލަތުވެސް އަންނާނެއްނު.." އާއިން ބޭނުންވީ އެ،އެގްރީމެންޓްގެ ދެކޮޅު ނުޖެހޭކަން ހާމަކޮށްދިނުމަށެވެ.

" ތިބުނާ ކަހަލަ ހާލަތެއް ނާންނާނެ އިންޝާﷲ….އަޔަކަ ނުދޭނަން…އަވަހަށް ސޮއިކުރޭ!" ކަރުދާސްގަނޑަށް އިޝާރާތްކުރަމުން ޝައުން ބުނެލިއެވެ.

" މީގަހުރި ހުރިހާކަމަކަށް އަހަރެން ދެކޮޅެއް ނުހަދަން…މިސާލަކަށް ދެކޮޓަރިއެއްގަ ނިދުމާ، އަހަރެންނަށް ކޮށްދޭންޖެހޭ ކަންކަން ނުކޮށްދިނުމާ، ޖިސްމާނީ ގުޅުމެއް ނުބޭއްވުމާ، މިކަންކަން އެންމެ ރަނގަޅު އެކަމު ދެންހުރިކަންކަމާމެދު އަދިވެސް އެއްފަހަރު ޝައުން ވިސްނާލަބަ!…އަހަރެންގެ އަނތްބެއްގެ ގޮތުގަ ހުންނައިރު ޝައުންގެ މައްޗަށް އަހަރެން ޚަރަދުކުރުމަކުން އޮތީ ކޮން ގެއްލުމެއް؟…" އާއިން ސީރިއަސްކަމާއެކު އަހާލިއެވެ.

" އެއްވެސް ސިފައެއްގަ އާންގެ އެހީތެރިކަމެއް ބޭނުމެއްނޫން….އެނގިއްޖެތަ؟…ދެންތީގަ ސޮއިކޮށްބަލަ!" ޝައުން ނުރުހުންވެފައި ބުނެލިއެވެ. ޝައުން ގޮތްދޫނުކުރާނެކަން އެނގުމުން އެންމެފަހުން އާއިން ސޮއިކުރިއެވެ. އެއާއެކު އާއިންގެ އަތުން ޝައުން އެގަނޑު އަތުލިއެވެ.

" މީގެ ކޮޕީއެއް އަހަރެން ފަހުން ދޭނަން…" އެކަރުދާސްގަނޑު ފައިލަށްލަމުން ޝައުން ބުނެލިއެވެ.

އާއިން އެއްޗެއް ނުބުނެ އިރުކޮޅަކު ހިމޭނުން އިނުމަށްފަހު އެތަނުން ނުކުމެގެން ދިޔައެވެ. ޝައުން ކަންތައްކުރިގޮތުން އޭނާގެ މޫޑު މުޅީން ގޯސްވެއްޖެއެވެ. އެހެންކަމުން އޭނާ ބޭނުންވީ އޮފީހުން ބޭރަށް ދިއުމަށެވެ. އާއިން އޭނާގެ ޖީބުން ފޯނުނެގުމަށްފަހު މާޒްއަށް ގުޅާފައި ކޮފީއަކަށް ދިއުމަށް އެދުނެވެ.

އިރުކޮޅެއްފަހެވެ. އާއިންއާއި މާޒްތިބީ ކޮފީޝޮޕްގައެވެ. އާއިން އިނީ އަދިވެސް ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އޭނާގެ ހިތުގައި ޝަކުވާތައް އުތުރި އަރަމުން ދެއެވެ.

" ދެން ބުނީމަދޯ އެނގޭނީ ވީކަމެއްވެސް…" ހިމޭންކަން ދިގުލައިދާން ފެށުމުން މާޒް ބުނެލިއެވެ. އާއިން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކަންތައް ވީގޮތް ކިޔައިދިނެވެ. އެއާއެކު މާޒް ހޭންފެށިއެވެ. އޭނާއަށް އެކަންވީ މަޖާކަމަކަށެވެ.

" ދެންވެސް ހޭންވީތަ؟…މަ މިހުރީ ވަރަށް މޫޑްއޮފްވެފަ…ދެންވެސް ބުނެބަލަ ހަދަންވީގޮތެއް…" ގޮތްހުސްވެފައިވާ ގޮތަކަށް އާއިން ބުނެލިއެވެ.

" މީހަކަށް ނުހެވޭވަރުތަ ތިކީ ޝަރުތުތަކެއްގެ ސަަބަބުން….ދެން އެކަމު ތީގަ ހެދޭނެ އިތުރުގޮތެއްވެސް ނެތެއްނު؟….ތިބުނީ ތިއައީ އޭގަ ސޮއިކޮށްފައޭ….ސޮއިނުކޮށް އައިނަމަތާ ޚިޔާލެއްވެސް ދެވުނީހީ…." ހުނުން ހުއްޓާލުމަށްފަހު މާޒް ބުންޏެވެ.
" ޝައުން ނުރުހުންވެފަހުރިވަރުން ވިސްނާނުލާ ސޮއިކުރެވުނީއޭ…" މާޔޫސްވެފައި އާއިން ބުންޏެވެ.
" އެކަމު ކީއްވެޔޯ އެވަރުގެ އެގްރީމެންޓެއް ހަދަން ޖެހުނީ…..ކުރިންބުނީ އެންމެ ޝަރުތެކެއްނު…ފަހުން ކީއްވެ ތިހާބައިވަރު ޝަރުތުތަކެއް ކަނޑައެޅީ؟…" މާޒް އޮޅުންފިލުވަން ބޭނުންވިއެވެ.

" ނޭނގެ މަށަކަށްވެސް….އަހާއަހާވެސް ނުވެސްބުނި…އެކަމު ކިހިނެއްތަ އެބުނާގޮތަށް އަހަރެން އުޅޭނީ…އަހަރެންނަކީވެސް އިންސާނެއްވިއްޔަ…އަހަރެންނަށް ހަމަ އެއްގޮތަކަށްވެސް ނޭނގެ ޝައުން އެގޮތަށް ވިސްނަން ޖެހުނުގޮތެއް…ކައިވެނީގެ މުއްދަތުވެސް ހަމަސްކަމަށް ކަނޑައަޅާ ނިންމައިފި…….ހަޤީޤަތުގަ އަހަރެންވެސް މިކަން ކުރަން ބޭނުންވީ ވަގުތީގޮތުން އަދްޔަންގެ ކިބައިން ސަލާމަތްވާން…އެކަމު އެހެންމީހުންނަށްވެސް އެކަށީގެންވާ ސަބަބެއް އަހަރެން ދައްކަން ޖެހޭނެދޯ…އަހަރެން އިޒްޔަންއާ ހިއްސާކުރިން އަދްޔަންގެ ވާހަކަ…އެކަމު މަންމަމެންނާ ކިހިނެއް ހިއްސާކުރާނީ….އެމީހުންގާތު ދައްކަން ޖެހުނީ އެހެން ބަހަނާއެއް….ޝައުންއާ ކައިވެނިކުރާ ވާހަކަ ބުނުމުން، މާޒް ވިސްނައިދިންހެން އިޒްޔަންވެސް އަހަރެންނަށް ވަރަށް ވިސްނައިދިން….ވަގުތީ ކައިވެންޏެއްކޮށް، ޝައުންއާ ކައިވެނިކޮށް ދެމީހުންގެ މެދުގަ ގުޅުމެއް އުފެދުމަށްފަހުވަކިވާން ޖެހިއްޖެނަމަ، ޝައުންއަށާ އަހަރެންނަށްވެސް ލިބޭ ތަކުލީފަކަށްވާނެކަން ޚުދު އަހަރެންނަށްވެސް އެނގޭ….މީހުންގެ ކުރިމަތީގަވެސް އަހަރެމެންގެ އަގުވެއްޓޭނެކަންވެސް އެނގޭ….އެހެންވެ އަހަރެން ހަޤީޤަތުގަވެސް މިކައިވެނި ދާއިމީ ކައިވެންޏަކަށް ހަދަން ބޭނުންވީ…ޝައުންއަށް ދެރައެއް ލިބޭކަށް އެއްއިރެއްގަވެސް އަހަރެން ނޭދެން….އަހަރެން ގަބޫލުކުރަމުން އައީ މިހާތަނަށްވެސް ޝައުން އަހަރެންދެކެ ލޯބިވާކަމަށް…އަދި ޝައުން ގަބޫލުނުކުރިނަމަވެސް އަހަރެންގެ ހިތުގަ ޝައުންއަށްޓަކާ އަބަދުވެސް ޚާއްސަ މަޤާމެއް ދެވިފަވޭ….އެއީ ލޯބިކަމަށް ދައުވާކުރާކަށް އަހަރެން ނެތިން….އެކަމު މިހުރިހާ ކަމެއް މިހެންހުރީތީ މިކައިވެނި ކުރަން ބޭނުންވީ…" އާއިން އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލިއެވެ.

" ދެން ނާޒް ކީކޭބުނީ؟….ނާޒްގާތު ތިހުރިހާ ވާހަކައެއް ކިޔައިދިނިންތަ؟…" ވިސްނަން އިނދެފައި މާޒް އަހާލިއެވެ.

" ތިހެން ބުނާއިރުވެސް އެނގޭނެދޯ މިހުރިހާ އެއްޗެއް ނާޒްކުރިމަތީ އަހަރެންނަށް ކިޔަން ނުކެރޭނެކަން….ޝައުންއަށްޓަކާ އަަހަރެންގެ ހިތުގަވާ ޖަޒްބާތުތައް ދުވަހަކުވެސް ނާޒްގެ ކުރިމަތީ ހާމަކުރެވޭނެހެނެއް އަހަރެންނަކަށް ހިޔެއްނުވޭ….އަހަރެން ޝައުންއާ ކައިވެނިކުރާ ވާހަކަ ބުނި ހިސާބުން ނާޒް ހިމޭންވެއްޖެ…އޭނަ ދެރަވީވަރު ފެނިފަ އިތުރަށް ދެރަކުރާކަށް ނުކެރުނު….އެހެންވެ އަހަރެންބުނީ މިއީ ވަގުތީ ކައިވެންޏެކޭ…..އާޚިރުގަ މިވީވެސް ވަގުތީ ކައިވެންޏަކަށް…" މާޔޫސްކަމުގެ އާހެއް ބޭރުކޮށްލަމުން އާއިން ބުންޏެވެ.

" އަހަރެން ބުނަންތަ ވާހަކައެއް….އަހަރެންނަށް ފެންނަނީ ދެން ތިކައިވެނި ހަމަ ވަގުތީ ކައިވެންޏަކަށް ހަދަން….ހަމަސްވީމަ ޝައުން އެދުނުގޮތަށް އޭނަ މިނިވަން ކޮށްދޭނީ…ދެން އާއިލާމީހުންގާތުގަ ކޮންމެވެސް ބަހަނާއެއް ދެއްކިދާނެއްނު…ކޮންމެގޮތެއްވިޔަސް އާން ޝައުންއާއެކު އުޅެންބޭނުން ނުވިކަމަކަށް ނުވާނެއްނު…." މާޒް ލަފާދިނެވެ.
" ދެންޖެހޭނީ ތިހެން ހަދާކަށްނު…އެކަމު ޝައުން އަހަރެންދެކެ އެހާބޮޑަށް ނުރުހުންވާންވީ ސަބަބެއް ނުވިސްނުނު….އަހަރެން އޭނަދެކެ ލޯބިވާކަމަށް ގަބޫލުނުކުރިޔަސް ކުޑަމިނުން އެކުވެރިކަމުގެވެސް ކޮންމެވެސް އަގެއް އޮންނަން ވާނެއްނު….ކީއްވެތަ އޭނަ އެގޮތަށް ކަންތައް އެކުރީ؟…" އާއިން ތަކުރާރުކޮށް އެސުވާލުތައް ކުރަމުން ދިޔަނަމަވެސް، މާޒްއަށްވެސް އެޔަކަށް ޖަވާބެއް ނުދެވުނެވެ.
ނުނިމޭ