Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

މުއްދަތު ހަމަވިފަހުން ޕީޕީއެމްގެ އޮޑިޓު ރިޕޯޓު ހުށަހަޅައިފި

ޕީޕީއެމްގެ އިސް ލީޑަރޝިޕުގެ ބޭފުޅުން ޖަލްސާއެއްގައި -- ފޮޓޯ / އަވަސް އޮންލައިން

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާ މުއްދަތު ހަމަވުމުން ޕީޕީއެމްއިން އެޕާޓީގެ އޮޑިޓު ރިޕޯޓު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ޕީޕީއެމްގެ ނާއިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ އަހަރީ ރިޕޯޓު މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ ޕީޕީއެމްއިން އެޕާޓީގެ އޮޑިޓް ރިޕޯޓު ހުށަހެޅީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ފަހަނަ އަޅައި ދިޔަ ފަހުން ކަމަށެވެ. ނަމަވެސް އެޕާޓީގެ އޮޑިޓު ރިޕޯޓު އިލެކްޝަނުން ބަލައިގެންނަނާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މުއްދަތު ހަމަވިފަހުން އޮޑިޓު ރިޕޯޓު ހުށަހަޅާފައިވާތީ ގާނޫނުގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޕާޓީއަށް އިލެކްޝަނުން އަޅާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 41ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ މީލާދީ އަހަރެއް ނިމޭތާ 90 ދުވަހުގެ ތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓު ކުރުމަށްފަހު އެ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. ގާނޫނުގައި ބުނެފައިވާ މުއްދަތަށް އޮޑިޓު ރިޕޯޓު ހުށަހަޅާފައި ނުވާނަމަ އޮޑިޓު ރިޕޯޓު ހުށަހަޅާފައި ނުވާ ޕާޓީއެއް ޖޫރިމަނާ ކުރެވޭނެއެވެ.

އަކްރަމް ވިދާޅުވީ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެހެން ޕާޓީތަކުން އޮޑިޓު ރިޕޯޓު ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ދެ ޕާޓީއަކުން އެއްގޮތަކަށްވެސް އޮޑިޓު ރިޕޯޓު ހުށަހަޅާފައި ނުވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އަދާލަތާއި ޑީއާރްޕީން އޮޑިޓު ރިޕޯޓު ހުށަހަޅާފައި ނުވާ ކަމަށް އަކްރަމްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
މިމަހުގެ ނުވަވަނަ ދުވަހަކީ އޮޑިޓް ރިޕޯޓު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީހެވެ.