Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ސައުދީއަށް ދިން ހަމަލާއަކީ އިގްތިސާދު ފުނޑުފުނޑު ކޮށްލަން ދިން ހަމަލާއެއް

ސަޢުދީ އަރަބިއްޔާގެ ތެޔޮ އުފައްދާ ދެ ސަރަހައްދަކަށް ދިން ހަމަލާތަކަކީ ދުނިޔޭގެ އިގްތިސާދު ފުނޑުފުނޑު ކޮށްލުމަށް ދިން ހަމަލާއެއް ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ސައުދީގެ ތެޔޮ އުފައްދާ ދެ ސަރަހައްދަކަށް އިއްޔެ ދިން ޓެރަރިޒަމް ހަމަލާ ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ދިން ޓެރަރިސްޓު ހަމަލާއަކީ ވަރަށް ފިނޑި އަމަލެއް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ސައުދީ އަރަބިއްޔާގައި އޮންނަ ހަމަހަމަކަން ނަގާލުމަށް ބަޔަކު ކުރާ އެފަދަ ފިނޑި ކަންކަމާ ދެކޮޅަށް ސައުދީ ސަރުކާރާއެކު ރާއްޖެއިން އަބަދުވެސް ވާނެ ކަމަށެވެ. އަދި އެކަމަކީ ގަލްފް ސަރަހައްދުގެ ސަލާމަތާއި، ރައްކާތެރިކަމުގެ އިތުރުން ދުނިޔޭގެ އިގްތިސާދު ފުނޑުފުނޑު ކުރަން ދިން ހަމަލާއެއް ކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.

ހަތިޔާރު އެޅި ޑްރޯންތަކެއްގެ ބޭނުންކޮށްގެން ސައުދީ އަރަބިއްޔާގެ ދެ ތެޔޮ ކާރުހާނާއަކަށް ހަމަލާދީފައި ވަނީ އިއްޔެއެވެ. ދެ ކާރުހާނާއަށް ހަމަލާ ދިނުމުގެ ސަބަބުން ރެޑް ސީގެ ޔަންބޫ ޕޯޓަށް ތެޔޮ ސަޕްލައި ކޮށްދޭ ސްޓޭޝަނަށް ގެއްލުންތައް ލިބިފައިވާކަމަށް ސައުދީގެ އެނާޖީ މިނިސްޓަރު ޚާލިދް އަލް ފާލިހް ނެރުއްވާފައިވާ ބަޔާނަކާ ހަވާލާދީ ސައުދީ މީޑިއާގައި ރިޕޯޓުކޮށްފައި ވެއެވެ.