Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ސީއެންއެމްއާ މެދު ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ރާއްޖޭގައި ހިންގާ އޮންލައިން ނޫހެއް ކަމަށްވާ "ސީއެންއެމް" އާ މެދު ފިޔަވަޅު އަޅަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފިއެވެ.

ސީއެންއެމްއާ މެދު ފިޔަވަޅު އަޅަން ޑީޖޭއޭ އިން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅީ ސީއެންއެމްގައި މި މަހުގެ 12 ވަނަ ދުވަހު "ދީބާޖާ މައްސަލާގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން "ރިޝްވަތު" ނެންގެވިކަމުގެ ތުހުމަތު!" ގެ ނަމުގައި ޝާއިރު ކުރި ލިޔުމަކީ އެއްވެސް ހަގީގަތެއް ނެތް، ދޮގުވެރި ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، ފަނޑިޔާރުންނާއި ފަނޑިޔާރުގޭގެ އަގުވައްޓައިލައި، ފަނޑިޔާރުންނަށް ބިރުދައްކައި، ކޯޓުގެ ހުރުމަތް ކަނޑައިލައި، އަދުލު އިންސާފު ގާއިމުކުރުމާއި ގާނޫނު ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޯޓުންކުރާ މަސައްކަތަށް ހުރަސް އެޅުމަށް ލިޔެފައިވާ ލިޔުމެއް ކަމަށް ބުނެއެވެ.

"އެކަމާއި ގުޅިގެން ކުރާންޖެހޭ ތަހުގީގުތައްކޮށް، އަޅާންޖެހޭ ގާނޫނީ އަދި އިދާރީ ފިޔަވަޅުތައް އެޅުމަށް ޕްރޮސިކިޔުޓާ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް މީޑިޔާ ކައުންސިލަށް މި ޑިޕާޓްމަންޓުގެ ފަރާތުން 15 މެއި 2019 ވީ ބުދަ ދުވަހު ހުށައަޅައިފައިވާ ވާހަކަ ދަންނަވަމެވެ" ޑީޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ދީބާޖާގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ނިންމުން ވެބްސައިޓްގައި އާންމު ކޮށްފައިވާނެ ކަމަށާއި އަދި އެ ހުކުމާ ގުޅިގެން ފަނޑިޔާރުން ރިޝްވަތު ނެންގެވި ކަމަށް ކުރަމުންދާ ތުހުމަތުތަކަކީ އަދި އެ ތުހުމަތުތައް ޕްރޮމޯޓް ކުރުމަށް ނޫސްވެރިކަމުގެ ނަމުގައި މަދު ބަޔަކު ލިޔެ ޝާއިރުކޮށްފައިވާ ލިޔުންތަކުގައި ވަނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށްވެސް ޑީޖޭއޭ އިން ބުންޏެވެ.

ޑީޖޭއޭގެ މި ބަޔާނުގައި ވަނީ ނަފްރަތާއި ފިތުނަ ފަސާދަ އުފައްދަން އެފަދަ އަމަލުތައް ނުހިންގުމަށާއި އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކުން އަޅަމުން ގެންދިއުމަށް ވެސް ގޮވާލާފައެވެ.