Last Updated: April 20, 06:31
Saturday, April 20, 2024
ކުޅިވަރު

ސީޒަން ނިންމާލުމަށްފަހު ޕޮގްބާ އުމްރާ އަށް

މި ސީޒަނުގެ ކުޅުން ނިމުމުން މެންޗެސްޓަރ ޔުނައިޓަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ގޮސްފިއެވެ.

އުމްރާ ވުމަށް މައްކާ އަށް ޕޮގްބާ ގޮސްފައިވާއިރު އޭނާ ވަނީ ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސްޕޯޓްސްގެ ޗެއާމަން ޕްރިންސް އަބްދުލް އަޒީޒް ތުރްކީ އަލް ފައިސަލްއާ ބައްދަލުކޮށް ޔުނައިޓެޑްގެ ޖޯޒީއެއް ހަދިޔާކޮށްފައެވެ.

ޕޮގްބާ އާއެކު އުމްރާ ވުމަށް އޭނާގެ އެކުވެރިންތަކެއް ވެސް ގޮސްފައިވާއިރު، އޭގެތެރޭގައި ޗެލްސީން ލޯނެއްގެ ދަށުން އެވަޓަން އަށް ދޫކޮށްފައި ހުރި ފްރާންސްގެ ޑިފެންޑަރު ކާޓް ޒޫމާ ވެސް ހިމެނެއެވެ.

އުމުރުން 26 އަހަރުގެ ޕޮގްބާ ވަނީ މިދިޔަ އަހަރުގެ ރޯދަ މަހު ވެސް އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ގޮސްފައެވެ. އުމްރާ ވުމަށްފަހު ޕޮގްބާ ފްރާންސްގެ ގައުމީ ޓީމާއި ގުޅި، އެޓީމާއެކު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް މި ސީޒަން ނިމިފައިވާއިރު މިއީ އެ ކްލަބަށް އެހާ ކާމިޔާބު ސީޒަނެއް ނޫނެވެ. އެގޮތުން ޕްރިމިއާ ލީގު ޔުނައިޓެޑުން ނިންމާލީ ހަވަނައިގައި އޮވެ ކަމަށްވާއިރު އެޓީމަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ވެސް ގެއްލިގެން ގޮސްފައެވެ.

އެއާއެކު ޔުނައިޓެޑްގައި ތިބި މުހިއްމު ބައެއް ކުޅުންތެރިންގެ ކުރިމަގާ މެދުވެސް މިހާރު ވަނީ ގިނަ ސުވާލުތަކެއް އުފެދިގެން ގޮސްފައެވެ. އޭގެތެރޭގައި ޕޮގްބާ ވެސް ހިމެނޭއިރު އޭނާ ގެންނަން ރެއާލް މެޑްރިޑުން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.