Last Updated: March 29, 09:42
Friday, March 29, 2024
ޚަބަރު

އޭސީސީގެ ވަފުދެއް ޗައިނާއަށް

ޗައިނާގެ ޗިންގޑާއޯ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ސެމިނަރ އޮން އެންޓި-ކޮރަޕްޝަން ފޯރ އޮފިޝަލްސް އޮފް މޯލްޑިވްސް 2019” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ވަފުދެއް ބައިވެރިވެއްޖެއެވެ.

އޭސީސީން ބުނީ މި ސެމިނަރގެ މައިގަނޑު މަޤްޞަދަކީ ޗައިނާގައި ކޮރަޕްޝަން ހުއްޓުވުމާއި ވިޔަ ނުދިނުމުގައި ގެންގުޅޭ އުޞޫލުތަކާއި، ވަޞީލަތްތަކާ ބެހޭ މަޢުލޫމާތާއި ތަޖްރިބާ ހިއްސާކުރުން ކަމަށެވެ. މީގެ އިތުރުންވެސް މި ވަރކްޝޮޕްގައި ޗައިނާގެ ސަރުކާރުގެ އިދާރީ ހިންގުން ރޭވިފައިވާ ގޮތާއި، ޗައިނާގެ ޘަޤާފަތާއި އާދަކާދައާ ބެހޭގޮތުން މަޢުލޫމާތު ލިބިގެންދާނެ ކަމަށް އޭސީސީން ހާމަކުރެއެވެ.

މިމަހުގެ 14 އިން ފެށިގެން 20 ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މިސެމިނަރގައި އޭސީސީގެ 20 މުވައްޒަފުން ބައިވެރިވެއެވެ.

މިސެމިނަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ސެންޑޮންގ ފޮރިން ޓްރޭޑް ވޮކޭޝަނަލް ކޮލެޖްގެ ރައީސް، މިސްޓަރ ޑިއޯ ޒިއަޑޮންގ ބައިވެރިންނާ މުޚާތަބް ކުރައްވާ ދެ ގައުމުގެ ގުޅުމާއި، ޗައިނާ އާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރެއްވިއެވެ.

މިދަތުރަކީ ޗައިނާ އެމްބަސީއާ ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާއި ޗައިނާގެ ސެންޑޮންގ ފޮރިން ޓްރޭޑް ވޮކޭޝަނަލް ކޮލެޖުން އިންތިޒާމްކޮށްގެން ޗައިނާ ސަރުކާރުން ހުރިހާ ޚަރަދެއް ދޭ ގޮތަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.