Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

އޭޖީ ރިއްފަތަކީ ވަރަށް ނަޒާހަތްތެރި ބޭފުޅެއް: ނަޝީދު

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު - ފޮޓޯ: ރައީސް އޮފީސް

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތަކީ ވަރަށް ނަޒާހަތްތެރި ބޭފުޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލައިގައި އޭޖީ ރިއްފަތުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނަށް ތަޖުރިބާ ކުރެވިފައި ހުރި ތަނުގައި އޭޖީ ރިއްފަތަކީ ވަރަށް ވެސް ނަޒާހަތްތެރި ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ އެއްވެސް ބާވަތެއްގެ ކޮރަޕްޝަންގެ އަމަލެއް ހިންގަވާނެ ކަމަށް އެއްގޮތަކަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.

އޭޖީ ރިއްފަތު އަށް އެފަދަ ތުހުމަތެއް ކޮށްފައިވަނީ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ކަމަށްވާއިރު އޭނާ ވަނީ ބަންޑާރަ ނައިބު ރިއްފަތާއި، ރައީސް އޮފީހުގެ ލީގަލް ޑިރެކްޓަރު އަހުމަދު އަބްދުﷲ އަފީފް، ދީބާޖާ މައްސަލާގައި ރިޝްވަތު ހޯއްދަވަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރައްވާފައެވެ.

ނަމަވެސް އެ ތުހުމަތުތައް ދާދިފަހުން އޭޖީ ރިއްފަތު ދޮގުކުރައްވާފައިވާއިރު އޭނާ ވިދާޅުވީ ކެރިއާގައި ކޮރަޕްޓް ޑީލަކުން ފައިދާއެއް ހޯދާފައިނުވާނެ ކަމަށާއި އަމިއްލަ އަށް ގާނޫނީ ވަކީލުކަން ކުރުން ހުއްޓާލީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ.

އަދި އަބަދުވެސް މަސައްކަތް ކުރަނީ މަސްއޫލިއްޔަތުތައް ޝަރަފުވެރިކަމާއެކު އަދާ ކުރުމަށް ކަމަށާއި އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށްވެސް އޭޖީ ވިދާޅުވިއެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ކުރި އެ ހުކުމް މުރާޖައާކޮށްދޭން އެދި އެ ކޯޓަށް ހުށަހަޅަން އެޓާނީ ޖެނެރަލް އޮފީހުން ވަނީ ނިންމައިފައެވެ.