Last Updated: April 26, 11:19
Friday, April 26, 2024
ދުނިޔެ

ތުރުކީން ރޮހިންޔާ މުސްލިމުންނަށް އެހީގެ ތަކެތި ފޯރުކޮށްދެނީ

ރޯދަ މަހާ ދިމާކޮށް ތުރުކީގެ ޗެރިޓީ ގްރޫޕަކުން، ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާ މިއަންމާގެ ރަކިނީ ސްޓޭޓުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެހީގެ ތަކެތި ފޯރުކޮށްދޭން ފަށައިފިއެވެ.

2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މިއަންމާ ސިފައިން ފެށި އަސްކަރީ އޮޕަރޭޝަނުގައި ރޮހިންޔާ ދަރިކޮޅުގެ ގާތްގަނޑަކަށް 24،000 މުސްލިމަކު މަރާފައިވާ އިރު 750،000 އަށް ވުރެ ގިނަ މީހުން ވަނީ އެ މީހުން ދިރިއުޅޭ ރަކިނީ ސްޓޭޓް ދޫކޮށް ދާން މަޖްބޫރުވެފައެވެ. ރަކިނީ ދޫކޮށްދާ ގިނަ މީހުން ޖަމާވެފައިވަނީ ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގު ކައިރިއަށެވެ.

އެގޮތުން އެ ފަރާތްތަކުން ރެފިއުޖީ ކޭމްޕްތަކުގައި މިހާރު ދިރިއުޅެމުންދާއިރު، ރޯދަ މަހު ރޮހިންޔާ މުސްލިމުންނަށް އެހީގެ ތަކެތި ފޯރުކޮށްދިން ތުރުކީގެ ޗެރިޓީ ގްރޫޕަކީ ކަންސުޔޫ ޗެރިޓީ އެންޑް ސޮލިޑާރިޓީ އޯގަނައިޒޭންޝަން އެވެ.

އެގޮތުން އެ ގްރޫޕްގެ ކޯޑިނޭޓަރު ނުއުމާން ކޮކްސަލް ބުނީ ރޯދަ ވީއްލުމަށް ބޭނުންވާ ކާ ތަކެތި ގިނަ އަދަދެއްގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ފޯރުކޮށްދީފައިވާ ކަމަށާއި އަދި ރޯދަ ވީއްލުންތައް ވެސް ބާއްވާފައިވާ ކަމަށެވެ. މިއީ އެ ގްރޫޕުން ހިންގާ ޗެރިޓީ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށްވެސް އޭނާ ބުންޏެވެ.

މީގެއިތުރުން ރޮހިންޔާ މުސްލިމުންނަށް އެހީވުމުގެ ގޮތުން ހެލްތު ސެންޓަރެއް ކުރިއަށް ދުވަސްތަކުގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ކޮކްސަން ބުންޏެވެ.

ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކުން ވެސް ވަނީ ރޯދަ މަހާ ދިމާކޮށް ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމަށް ގޮވާލާފައެވެ.