ށ.ފޭދޫގައި ނުކުޅެދުންތެރިކަން ހުރި އަންހެނަކަށް އަނިޔާކުރި މީހުން ހޯދައި، އިންސާފުގެ ކުރި މައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިދާތާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ށ.ފޭދޫގައި އަންހެނަކަށް ރަހުމުކުޑަ އަނިޔާތަކެއް ދިން މައްސަލައެއްގެ ރިޕޯޓު ލިބުމާއެކު އޭނާއަށް ބޭނުންވާ ރައްކައުތެރިކަން ދައުލަތުން ފޯރުކޮށްދީފައިވާ ކަމަށެވެ.
އަދި މި އަނިޔާވެރި ޢަމަލު ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ށ.ފޭދޫގައި އަންހެނަކަށް ރަހުމުކުޑަ އަނިޔާތަކެއް ދިން މައްސަލައެއްގެ ރިޕޯޓު ލިބުމާއެކު އޭނާއަށް ބޭނުންވާ ރައްކައުތެރިކަން ދައުލަތުން ވަނީ ފޯރުކޮށްދީފައި. މި އަނިޔާވެރި ޢަމަލު ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން.
— Shidhatha Shareef (@shidhatha) May 15, 2019
ނުކުޅެދުންތެރިކަން ހުރި އެ އަންހެންމީހާގެ ބޮލަށް ގޯންޏެއް މަހައި ހޮޅިދަނޑިއެއްގައި އައްސާފައި ހުރި ފޮޓޯތައް ސޯޝަލް މީޑީޔާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.
ށ ފޭދޫ ކައުންސިލުން ބައެއް މީޑީޔާތަކަށް މައުލޫމާތުދެމުން ބުނެފައި ވަނީ މިހާދިސާ ހިނގުމުގެ ކުރިންވެސް އެ އަންހެން މީހާގެ ހާލަތު ބަޔާންކޮށް ދައުލަތުގެ އެކި މުއައްސަސާތަކަށް ސިޓީތައް ހުށައަޅާފައިވާ ކަމަށެވެ.