Last Updated: May 1, 20:45
Wednesday, May 1, 2024
ކުޅިވަރު

ސަންޗޭޒް ގެންނަން އިންޓަ އާއި ޔުވެންޓަސް އިން ޝައުގުވެރިވޭ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް ގެންނަން އިޓަލީގެ ދެ ކްލަބު ކަމަށްވާ އިންޓަ މިލާން އާއި ޔުވެންޓަސް އިން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ ޓްރާންސްފާގައި އާސެނަލް އިން ޔުނައިޓެޑާ ގުޅުނު ސަންޗޭޒަށް ވަނީ އެ ކްލަބުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ނުވެފައެވެ. އެގޮތުން ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑުން ވިއްކާލަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ސަންޗޭޒް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޓަލީގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ސަންޗޭޒް އެޖެންޓާއި ދާދިފަހުން އިންޓަ އާއި ޔުވެންޓަސް އިން ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. އެ މަޝްވަރާތައް ދެން ކުރިއަށްދާނީ ޔުނައިޓެޑްގައި ލިބޭ މުސާރަ ކުޑަކުރަން ސަންޗޭޒް އެއްބަސްވުމުންނާއި ޔުނައިޓެޑުން ކިޔާ އަގަކަށް ވެސް ބެލުމަށްފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑްގައި ސަންޗޭޒަށް ހަފްތާއަކު 500،000 ޕައުންޑު ލިބޭއިރު، އޭނާ އަކީ އެ ކްލަބުގައި ހުރި އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާ ވެސް މެއެވެ.

ސަންޗޭޒް ފޮނުވާލުމަށްފަހު އެތަން ފޫބެއްދުމަށް ޔުނައިޓެޑުން ގެނައުމަށް މަސައްކަތް ކުރަނީ ފްރާންސްގެ ލިލްގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ނިކޮލަސް ޕެޕޭ ނުވަތަ ސްވެންސީ ސިޓީ އަށް ކުޅެމުން އަންނަ ޑެނިއަލް ޖޭމްސް ކަމަށް ރިޕޯޓުތައް ބުނެއެވެ.