Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ދައުލަތަށް އެންމެ ރަނގަޅުގޮތް ހޯދައިދިނުމަކީ ބަންޑާރަ ނައިބްގެ ވާޖިބެއް: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގެ ކޯޓުތަކުން އަމިއްލަ ފަރާތްތަކަށް އާދަޔާ ހިލާފު ބޮޑު އަދަދުތަކުން ފައިސާ ދިނުމަށް ހުކުމްކޮށްފައިވާ އިރު ދައުލަތަށް އެންމެ ރަނގަޅު ގޮތް ހޯދައި ދިނުމަކީ ބަންޑާރަ ނައިބްގެ ވާޖިބެއްކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ދާދި ފަހުން ދީބާޖާ އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށް ދައުލަތުން ބޮޑު ބަދަލެއް ދޭން މީގެ ހަތަރު އަހަރު ކުރިން ސިވިލް ކޯޓުން ކޮށްފައި އޮތް ހުކުމަކަށް ސުޕްރީމް ކޯޓުން ތާއީދުކޮށް އެ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގެ އަޑުއެހުން ތައް ފަށާފައިވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

ދީބާޖާ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް މިހާރު ވަނީ ސްޕްރީމް ކޯޓުން ދަމަހައްޓާފައެވެ. މި ހުކުމާއި ގުޅިގެން ބަންޑާރަ ނައިބް ރިއްފަތަށް ދަނީ ބޮޑެތި ފާޑު ކިއުން އަމާޒުވެފައެވެ. އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށްވެސް ވަނީ ފާޑުކިއުން އަމާޒުވެފައެވެ.

ނަޝީދު ވިދާޅުވީ ކޯޓުން ފައިސާ ދިނުމަށް ކޮށްފައިވާ ހުކުމާއި އެއްގޮތަށް ފައިސާ ދޫކުރުމުގެ ކުރިން މި ފައިސާ އަކީ ދޭން ޖެހޭ ފައިސާ ތަކެއްތޯ ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

ރައިސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭ ކޯޓުތަކުން ވަނީ ބިލިއަނެއްހާ ރުފިޔާ އެކި ފަރާތްތަކަށް ދިނުމަށް ހުކުމްކޮށްފައެވެ.