Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

ޔާމީނާއި ޖަމީލް އަނެއްކާވެސް ތަރާވީހަކުން ބައްދަލުވެއްޖެ

ކުރީގެ ރައީސް ޔާމީން އާއި ނައިބް ރައީސް ޖަމީލް، ކެމްޕެއިން ދަތުރުފުޅެއްގައި ގަމުގެ ވައިގެ ބަނދަރު ސަރަހައްދުގައި ޕީޕީއެމް މެމްބަރުން ތަކަކާއި އެކު ފޮތޯއަކަށް ހުއްޓި ވަޑައިގެން.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިޚާބީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ގިނަ ދުވަސްތަކެއް ފަހުން އަނެއްކާވެސް ރޭ ބައްދަލުކުރައްވައިފިއެވެ.

ޑރ. ޖަމީލާއި ޔާމީން ބައްދަލުވެފައިވަނީ ޕީޕީއެމުން ޖަމީލަށް އެރުވި ތަރާވީހުގެ ދައުވަތަކުންނެވެ. ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް ހުންނެވި ޖަމީލް، ޕީޕީއެމް އަލުން ވަރުގަދަ ކުރުމަށް އެޕާޓީއާ ގުޅެން އުޅޭކަމުގެ އަޑުތަކެއް ވެސް މީގެ ކުރިން ވަނީ އިވިފައެވެ.

ޔާމީންގެ ވެރިކަމުގައި ޑރ. ޖަމީލް މަގާމުން ދުރުކުރުވީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށެވެ. ޖަމީލް ވަނީ ޕީޕީއެމުން ވަކިވެ ރައީސް ޔާމީނާ ދެކޮޅަށް ނިކުމެވަޑައިގެން ރާއްޖެއިން ބޭރަށް އަމިއްލައަށް އަރުވާލެވިފައެވެ.

ވެރިކަން ބަދަލުވުމުން އެނބުރި ރާއްޖެ އައިސް ޖުމުހޫރީ ޕާޓީއާ ޖަމީލް ގުޅިވަޑައިގެން ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖޭޕީ ޓިކެޓުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާފައިވާއިރު އެގޮނޑި ކާމިޔާބުކުރެވޭ ގޮތެއް ޑރ. ޖަމީލަށް ނުވިއެވެ.

ޖަމީލާއެކު ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުވެސް އަލުން ޕީޕީއެމާ ގުޅެން އުޅޭކަމަށް އަޑުފެތުރުނެވެ. އުމަރަކީވެސް ޔާމީނާއި މައްސަލަ ޖެހި ޕީޕީއެމް ދޫކުރައްވައި ޖުމުހޫރީ ޕާޓީއާ ގުޅިވަޑައިގަތް ބޭފުޅެކެވެ.