Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

އައްޑޫ ސިޓީ ކައުންސިލްގެ ބައެއް ނިންމުން އާއްމު ނުކުރޭ

އައްޑޫ ސިޓީ ކައުންސިލްގެ ބައެއް ނިންމުންތައް އާއްމު ނުކުރާތީ ކައުންސިލަށް ފާޑު ކިއުން އަމާޒުވެއްޖެއެވެ.

އައްޑޫ ކައުންސިލްގެ ނިންމުންތައް އާއްމު ކުރަމުން އަންނަނީ ކައުންސިލްގެ ވެބްސައިޓުގައެވެ. އެގޮތުން އެންމެ ފަހުން ކައުންސިލްގެ ނިންމުމެއް އާއްމުކޮށްފައިވަނީ އެޕްރީލް 29 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކައުންސިލުން ނިންމި އެއްވެސް ނިންމުމެއް އާއްމުކޮށްފައި ނުވެއެވެ. ނަމަވެސް ކައުންސިލް ބައްދަލުވުންތައް ކައުންސިލް ޝެޑިއުލް އާއި އެއްގޮތަށް ބާއްވައި ނިންމުންތައް ދަނީ ނިންމަމުންނެވެ.

* އައްޑޫ ސިޓީ ކައުންސިލް ނިންމުން

ކައުންސިލުން ނިންމާ ނިންމުން ކައުންސިލް އިދާރާ މެދުވެރިކޮށް އާއްމު ކުރުވުމާއި ތަންފީޒު ކުރުވުމަކީ މޭޔަރގެ ޒިއްމާއެކެވެ. އަދި މޭޔަރ ނެތް ހާލަތެއްގައި ޑެޕިއުޓީ މޭޔަރގެ ޒިއްމާއެކެވެ.

މީގެ އިތުރުން ލާމަރުކަޒީ ގާނޫނުގެ 118 ވަނަ މާއްދާގައި ކައުންސިލްގެ ނިންމުން ހާމަ ކުރުމަޖެހޭކަމަށް ބަޔާންކޮށްފައިވާ އިރު ކައުންސިލުން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި، ކަންތައްތައް ހާމަ ކުރަންޖެހެއެވެ. އަދި މިގޮތަށް ހާމަ ނުކުރާ އަމުރު ތަކަކާއި ނިންމުންތައް ސައްހަ ނިންމުންތަކެއްގެ ގޮތުގައި ނުބެލޭނެއެވެ.

އައްޑޫ ކައުންސިލްގެ ނިންމުންތައް އާއްމު ކުރާައިރު މިހާތަނަށް އާއްމުކޮށްފައިވަނީ މުޅިންވެސް ކައުންސިލްގެ ނިންމުން އެކަނިއެވެ. ނަމަވެސް ބައެއް ކައުންސިލްތަކުން ނިންމުން އާއްމު ކުރަނީ ކައުންސިލް ޖަލްސާގެ މުޅި ޔައުމިއްޔާ އާއި އެކު ވަރަށް ތަފްސީލް ކޮށެވެ. އެގޮތުން ހދ. ކުޅުދުއްފުށީ ކައުންސިލް ފަދަ ކައުންސިލްތަކުގެ ނިންމުން އާއްމު ކުރަނީ މުޅި ބައްދަލުވުމުގެ ޔައުމިއްޔާ އާއިއެކުއެވެ. އަދި ވަކިން ނިންމުންތައް އާއްމު ކުރެއެވެ.

ހދ. އަތޮޅު ކައުންސިލްގެ 3 ވަނަ ދައުރުގެ 67 ވަނަ ޢާންމު ބައްދަލުވުމުގެ ޔައުމިއްޔާ

އޭގެ ސަބަބުން ކައުންސިލަށް ހުށަހެޅޭ މައްސަލަ ތަކުގައި ވަކިވަކި މެމްބަރުން ދައްކަވާފައިވާ ވާހަކަފުޅު ތަކާއި ވޯޓު ދެއްވާފައިވާ ގޮތް ރައްޔިތުންނަށް ސާފުވެއެވެ. އައްޑޫ ކައުންސިލުން އާއްމު ކުރާ ނިންމަށް ބަލާއިރު ނިންމުމަށް ވޯޓު ދެއްވީ ކޮން މެމްބަރެއްކަމެއް ވޯޓު ނުދެއްވާ މެމްބަރެއް ސާފެއް ނުވެއެވެ. އަދި ހުށަހެޅޭ މައްސަލަ ތަކާއި މެދު މެމްބަރުން ދެއްކެވި ވާހަކަފުޅުތަކެއް ރައްޔިތުންނަށް ނޭގެއެވެ.

އައްޑޫ ކައުންސިލްގެ ބައެއް ނިންމުންތައް އާއްމު ނުކުރާއިރު އޭގެ ތެރޭގައި ރައްޔިތުންނާއި ގުޅުން ހުރި ބައެއް މުހިއްމު ނިންމުންތައް ހިމެނެއެވެ. އެގޮތުން ކުނިން ހަކަތަ އުފައްދަން މިނިސްޓްރީ އޮފް އެންވައިރަމެންޓަށް 6 ހެކްޓަރުގެ ބިން ދިނުމަށް ނިންމުމާއި، ބައެއް ގޯތިތަކަށް ބިން އިތުރުކުރުމަށް ނިންމި ނިންމުން ފާހަގަ ކުރެއެވެ.

މި މައްސަލަ އާއި ގުޅިގެން އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު ވިދާޅުވީ ކައުންސިލްގެ ނިންމުން އާއްމު ނުކުރާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެކަމަކީ ގާނޫނުގައިވާ ގޮތުގެ މަތިން ކުރަން ޖެހޭނެކަމެއްކަމަށ ސޯދިގު ވިދާޅުވިއެވެ.