Last Updated: March 28, 17:21
Thursday, March 28, 2024
ރިޕޯޓް

ސިއްޙީ ދާއިރާގެ މައްސަލަ: ފެއިލް ވަނީ ސަރުކާރުތަ؟ ވަޒީރުތަ؟

ހެލްތު މިނިސްޓަރު އަމީނަށް މަޤާމުގެ ލިޔުން ރައީސް ޞާލިޙު ޙަވާލު ކުރައްވަނީ -- ފޮޓޯ / ރައީސް އޮފީސް

"ހެލްތު މިނިސްޓަރާއި ބެހޭ ކަމެއް ނެތިއްޔާ ދެން ތި މަޤާމުގައި ހެލްތު މިނިސްޓަރު ހުރުމުގެ ބޭނުމެއް އެބަހުރިތަ" ހެލްތު މިނިސްޓަރު އަމީނަށް ފާޑު ވިދާޅުވަމުން މީހަކު ބުންޏެވެ. އޭނާ މިހެން ބުނެފައި މިވަނީ އައިޖީއެމްއެޗުގެ ޙާލަތާއި ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.

"އައިޖީއެމްއެޗުގެ އޮޕަރޭޝަނަލް ލެވެލްގައި، އައިޖީއެމްއެޗް ހިންގުމުގައި އިދާރީ ގޮތުންނާއި ޚިދުމަތްތައް ގާއިމްކުރުމާއި އައިޖީއެމްއެޗުގެ ތަރައްގީއާ ގުޅޭ ކަންކަމުގައި ހެލްތު މިނިސްޓްރީ އަކީ ސީދާ ގޮތެއްގައި ބައިވެރިވުން އޮތް ތަނެއް ނޫން. އެކަންކަން ހަވާލުކޮށްފައި ވަނީ ހެލްތު މިނިސްޓްރީއަކާ ނޫން،" އަމީން ވިދާޅުވި އެވެ.

މިއީ ސިއްޙީ ދާއިރާގެ ހުރިހާ ކަމެއް ސަރުކާރުން ޙަވާލުކޮށްފައިވާ މިނިސްޓަރުގެ ބަސްމަގު ހުންނެވި ގޮތެވެ. ރައީސުލްޖުމްހޫރިއްޔާ ވަޒީރުކަމަށް ބޭފުޅުން ޢައްޔަން ކުރައްވަނީ ރީއްޗަކަށް ޓައި އަޅައިގެން އޮފީހަށް ދާކަށް ނޫނެވެ. މަސައްކަތް ކުރުމަށެވެ. ރައްޔިތުންގެ ފައިސާއިން މުސާރައާ އެހެނިހެން އިނާޔަތްތައް ދެނީ އަމިއްލަ "އަންބޮނޑި" ބޮޑު ކުރާކަށް ނޫނެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުމަށެވެ. ނަމަވެސް ސިއްޙީ ދާއިރާއިން ފެންނަމުން ދަނީ އަދިވެސް މާޔޫސް ކަމެވެ. މި ދާއިރާގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް މި ދާއިރާގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ޢައްޔަންކުރައްވާފައިވާ ޢަބްދުﷲ އަމީނު "ނުކުޅެދފައިވާ" ވާހަކަ މިއަދު ރާއްޖޭގެ އެންމެހާ ރައްޔިތުން އަންނަނީ ދައްކަމުންނެވެ.

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލު މި ހުންނަނީ ފުރަ މާލޭގައެވެ. ކޮންމެ ދުވަހަކުވެސް އެތައްހާސް ރައްޔިތުންނެއް މިތަނުން ޚިދުމަތް ހޯދަމުން އަންނައިރު މިތަނުގެ ޚިދުމަތުގެ ފެންވަރުގެ ވާހަކަ ރައްޔިތުން ދައްކަނީ އުފަލަކުން ނޫނެވެ. ރުޅިވެރިކަމާއި މާޔޫސްކަމާއި އެކުގައެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ޚިދުމަތުގެ ފެންވަރު އެހާމެ ދަށެވެ. މިހާރުވެސް އެތަނުގެ އޭސީތައް ހަލާކުވެގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އެކަމެއް ޙައްލެއް ގެނެވޭނެ ސީދާ ދުވަހެއް އަދިވެސް ބުނަން ނޭނގެއެވެ. އައިޖީއެމްއެޗުގައި ހަލާކުވެފައިވާ އޭސީތައް ހެދުމަށް އައިޖީއެމްއެޗުން "ތާރީޚު ޕެ ތާރީޚު" ދިނުން ނޫން ކަމެއް ނުކުރެއެވެ.

މިއީ ހަމައެކަނި މާލޭގެ ޙާލަތެވެ. ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގެ ވާހަކަ ދައްކާލަމާ ހެއްޔެވެ. މިތަނުގައި ސްޕެޝަލިސްޓު ޑޮކްޓަރުން ހަމަނުވެގެން ރައްޔިތުން އެތައް ޝަކުވާއެއް އަންނަނީ ކުރަމުންނެވެ. ހެލްތު މިނިސްޓަރު އައްޑޫއަށް ޒިޔާރަތް ކުރެއްވި ފަހަރު އައްޑޫގެ ސިއްޙީ ނިޒާމު އެހާ ދަށު ދަރަޖައަކަށް ވެއްޓުނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަންކަން ކޮށްފައި އޮތްލެއް ދޯހަޅި ކަމުން ކަމަށް ވިދާޅުވިއެވެ.

"އެހެންވެއްޖިއްޔާ މިނިސްޓަރު އަމީނު ވެއްޖެއެއްނު އައްޑޫގެ ސިއްޙީ ނިޒާމު ޙަރުދަނާ ކުރަން މަސައްކަތް ކުރަން. މިއުޅެނީ ޑޮކްޓަރުން ހަމަނުވެގެން. ހަމަސް ދުވަސް އަދިވެސް މަދީތަ. ކިތައް މަސް ދުވަސްތަ ދޭންވީ. އަހަރެންގެ ރަށެއް ނޫން އައްޑޫ ސިޓީއަކީ. އެކަމަކު އެތަނުގައިވެސް އުޅެނީ އަހަރެމެންގެ އަޚުންނާއި އުޚުތުން. ރަނގަޅު ސިއްޙީ ނިޒާމެއް ނުދެވުނު ބަޔަކަށް ދެން ކޮން އެހެން ޚިދުމަތަކާއި ތަރައްޤީއެއް ރައްޔިތުންނަށް ދެވޭނީ،" ސިއްޙީ ދާއިރާގެ ޚަބަރަކާއި ގުޅޭގޮތުން މީހަކު އޮންލައިން ނޫހަކަށް ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވެއެވެ.

އައިޖީއެމްއެޗުގެ ޙާލަތާއި އައްޑޫ ސިޓީގެ ސިއްޙީ ނިޒާމުގެ ޙާލަތަކީ މިއީއެވެ. ރާއްޖޭގެ އެންމެ އާބާދީ ބޮޑު ދެތަނުގައި މި ފެންވަރަށް ސިއްޙީ ނިޒާމު ވެއްޓިފައިވާއިރު އާދައިގެ ސިއްޙީ މަރުކަޒުތަކުގެ ޙާލަތު ދެން ދައްކަން ހެޔޮވެސް ނުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ސިއްޙީ ދާއިރާގައި ހުރި މައްސަލަތައް ޙައްލު ކުރުމަކީ ކޮންމެ ސަރުކާރަކުންވެސް އެންމެ އިސްކަމެއް ދީގެން ކުރާނެ ކަމަށް ބުނާ ކަންތަކެވެ. ވަކި މި ސަރުކާރެއް އެކަންޏެއް ނޫނެވެ. ވޭތުވެގެންދިޔަ ހުރިހާ ސަރުކާރެއްގެ ޙާލަތަކީވެސް މިއީއެވެ. އަޑަށް ބާރުލާފައި ސިއްޙީ ނިޒާމު އެހެންނޭ މިހެންނޭ ބުނެ ވާހަކަ ދައްކައެވެ. ނަމަވެސް އާރާއި ބާރު ލިބުމުން ހަމަ ޖެހެނީ އެއްތާކުއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ އައިޖީއެމްއެޗުގެ ޑޮކްޓަރަކު އައްޑޫލައިވްއަށް ވިދާޅުވީ އައިޖީއެމްއެޗާއި އަދިވެސް ރާއްޖޭގެ ބޮޑެތި އެހެން ހޮސްޕިޓަލުތަކުގެ ފެންވަރު ދަށްކަމީ އެންމެންވެސް ދަންނަ ބޮޑު ހަގީގަތެއް ކަމެވެ. އަދި އެކަން ކޮންމެ ސަރުކާރަކަށްވެސް އެނގެއެވެ. ނަމަވެސް ގިނަ ކަންކަމުގައި ކޮރަޕްޝަން އޮންނަ ގޮތަށް ސިއްހީ ދާއިރާއަށްވެސް އެކަމުގެ މޫތައް ވަނީ ފެތުރިގެން ގޮސްފައެވެ.

"ތިބޭފުޅުން ބައްލަވާ އިކިއުޕްމަންޓެއް ގަނެގެން އަންނައިރު އެ އެއްޗެއް ގަންނަނީ ކޮންމެވެސް ސިޔާސީ ބޭފުޅަކަށް މަންފާވާ ކަހަލަ ގޮތަކަށް. މިއީ އެންމެ އަސާސީ އެއް ޚިދުމަތް. ޒަރޫރީ ޚިދުމަތެއް. މިފަދަ ތަހުޒީބު ޒަމާނެއްގައި ރައްޔިތުންނަށް މިހާ ބޮޑު ޚިދުމަތެއް ދޭންޖެހޭ ތަނަކަށް ކޮރަޕްޝަން ވަނީމަ ދެން ވާ ގޮތް މި ފެންނަނީ. އަނެއް ކޮޅުން އެހާ ސިޔާސީ ނުފޫޒުވެސް ގަދަ. ތަންތަނުގެ ސިއްޙީ މަރުކަޒުތަކުގެ ވެރިންނަށް ލާފައި އެބަ ތިބި ގްރޭޑު ހަތެއްގެ ފެންވަރު ނެތް ސިއްޙީ ދާއިރާގައި ދުވަހަކުވެސް މަސައްކަތް ކޮށްފައި ނެތް ބޭފުޅުން. އެކަމުގެ ސަބަބުން ސިއްހީ ދާއިރާ ފެއިލް ވެގެން މިދަނީ،" ނަން ހާމަކުރަން ބޭނުން ނުވާ ޑޮކްޓަރަކު ބުންޏެވެ.

އޭނާ ޤަބޫލުކުރާ ގޮތުގައި "އަޅުގަނޑަކީ ސިޔާސީ ބޭފުޅެއް ނޫން. ނަމަވެސް ޤައުމުގައި ކަންކަން ހިނގާދާ ގޮތަށް ބަލާނަމަ ސަރުކާރުތައް ފެއިލްވުމުގެ އަސްލު ސިއްރަކީ ސިއްޙީ ދާއިރާ ނަގާ ކޮޅަށް" ނުޖެހުމެވެ.

ހެލްތު މިނިސްޓަރު އަމީނު ވެސް އެއް ކަމަކަށް އެއްބަސްވެ ވަޑައިގަންނަވައެވެ. އެއީ ދަޢުލަތުގެ ސިއްޙީ ކަންކަން ރެގިއުލޭޓު ކުރާ ތަނަކީ ހެލްތު މިނިސްޓްރީ ކަމުން އައިޖީއެމްއެޗާއި އެހެން ތަންތަން ބެލެހެއްޓުމުގައި އެ މިނިސްޓްރީގެވެސް މަސްއޫލިއްޔަތުތަކެއް ހުންނާނެ ކަމެވެ.

"ފާއިތުވި ހަ މަސް ތެރޭގައި ރައްޔިތުން ބޭނުންވާ މިންވަރަށް ކަންކަން ގޮސްފައި ނުވާ ކަމަށް ގަބޫލު ކުރެވޭ ނަމަ، އޭގެ ޖަވާބުގައި ދަންނަވަން ޖެހޭނީ ކަންކަން ރޭވިގެން ރަނގަޅު ގޮތުގައި ކުރަން ނުވިސްނައި އަޅުގަނޑުމެން އުދާސްތަކުގެ ތެރޭގައި ކުއްލި ކުއްލި ހައްލު ހޯދަން މަސައްކަތްކޮށްފި ނަމަ ދާއިމީކޮށް، ހަރުދަނާ ނިޒާމެއްގެ ގޮތުގައި ސިއްހީ ނިޒާމް ބަދަލުވެގެން ނުދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން މިނިސްޓަރަށްވެސް އައިޖީއެމްއެޗާއި މުޅި ރާއްޖޭގެ ސިއްޙީ ނިޒާމުގައި ހުރި މައްސަލަތައް ވަރަށް ސާފުކޮށް އެނގޭކަން މި ވާހަކަތަކުން އެނގިގެންދެއެވެ. ނަމަވެސް ރައްޔިތުން ބޭނުންވަނީ ހުސް ވާހަކަތަކެއް ނޫނެވެ. ރާއްޖޭގެ ސިއްޙީ ނިޒާމުގައި އެތައް ހާސް މައްސަލަތަކެއް ހުންނަކަން އެންމެ ނިކަމެތި ރައްޔިތު މީހާއަށްވެސް އެނގެއެވެ. ނަމަވެސް އެކަން ޙައްލު ކުރުމުގެ ހުރިހާ ބާރެއް އޮތީ ސަރުކާރާއި އެ މަސައްކަތް ކުރުމަށް ސަރުކާރުން ޙަވާލު ކޮށްފައިވާ ވަޒީރަށެވެ. އެހެންކަމުން ރައްޔިތުންގެ ޝަކުވާތަކާއި ސިއްޙީ ނިޒާމުގައި ހުރި މައްސަލަތައް ޙައްލު ކޮށްދޭށެވެ. އެކަން ނުވާ ކަމަށްވާނަމަ އެކަން ކުރެވޭނެ ބޭފުޅަކާއި މަސްއޫލިއްޔަތު ޙަވާލުކޮށް ދުރަށް ވަޑައިގަތުންވެސް މާ ބުއްދިވެރިއެވެ.