Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

ސިޓީ ސްކެއާއިން 70 ރުއް ނެގުމަށް ހުއްދަދިން: މޭޔަރ

ފޮޓޯ- އައްޑޫލައިވް

އައްޑޫ ސިޓި ސްކެއާ ތަރައްގީ ކުރުމަށް އެ ސަރަހައްދުގައިހުރި ބައެއް ރުއްތައް ކެނޑުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އައްޑޫ ސިޓީ ކައުންސިލަށާއި ސަރުކާރަަށް އަމާޒުވެގެން ދިޔައެވެ.

އެގޮތުން އިއްޔެވަނީ ހިތަދޫ މާކިޅި ސަރަހައްދު ޕާކުގައި އައްޑޫ ސިޓީ ސްކެއާއިން ނެގި 26 ރުކުގެ ބަދަލުގައި ކައުންސިލުން 52 ރުއް އިންދާފައެވެ. ކައުންސިލުން އިންދާފައިވަނީ ސިޓީ ސްކެއާއިންނެގި ރުއްތަކުގެ ބަދަލުގައި ކުދި ރުއްތަކެކެވެ.

އައްޑޫސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ސާދިގް ވިދާޅުވީ، ސިޓީ ސްކެއާ ސަރަހައްދުން 70 ރުއް ނެގުމުގެ ހުއްދަ ކައުންސިލަށް ލިބިފައިވާ ކަމަށާއި، ނަމަވެސް އެ ސަރަހައްދުން ކަނޑާލާފައިވަނީ ހަމައެކަނި ބޭނުންނުކުރެވޭ ދުވަސްވީ ރުއްތަކެއް ކަމަށެވެ.

"ކައުންސިލަށް ހުއްދަ ދީފައިން 70 ވަރަކަށް ރުއް ނެގުމުގެ. އެހެން ނަމަވެސް އެތަނުން އެއްވެސް ވަރަކަށް ބޭނުންކުރެވޭނެ ރުއްތަކެއް ނަގާފައެއް ނީންނާނެ. އާދައިގެ ގާތްގަޑަކަށް 10 ފޫޓާއި 20 ފޫޓާއި ދެމެދުގެ ރުއްތަކެއް ނުނަގަން. އެވަރުގެ ރުކެއް ނަގާފަ ހުރިއްޔާ އެ ރުއްތައް އަލުން އިންދާނެ. ހަމައެކަނި ދުވަސްވީ ރުއްތައް ކަނޑާލާފަ އެއްލާލާފަހުރީ"

މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ މިމަސައްކަތް ކޮށްފައިވާނީ ގާނުނާއި ގަވާއިދުގެ ތެރެއިން ކައުންސިލަށް މިކަން ކުރުމުގެ ހުއްދަ ލިބުމުން ކަމަށެވެ. އަދި ކަނޑާލެވުނު 26 ރުއްތަކުގެ ތެރެއިން އެންމެ ކުރު ރުކުގަވެސް 40 ފުޓާއި 50 ފޫޓާއި ދެމެދުގެ ރުއްތަކެއް ކަމަށާއި، އެ ރުއްތަކަކީ ވަރަށް ދުވަސްވެފަހުރި ރުއްތަކެއްކަމަށެވެ. ކަނޑާލެވުނު ރުއްތަކުގެ ތެރެއިން ގާތްގަޑަކަށް 10 ފޫޓާއި 20 ފޫޓާއި ދެމެދުގެ ރުކެއް ނަގާފަ ހުރިއްޔާ އެ ރުއްތައް އަލުން އިންދާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ ސިޓީ ސްކެއާ ތަރައްގީކުރާއިރު އެސަރަހައްދުގައި އިންދަން ގަސްތުކުރަނީ ދިވެހި އާދައިގެ ރުއްތަކެއް ކަމަށެވެ. އަދި ވަކި ޕްލޭނެއްގެ ދަށުން އެ ސަރަހައްދުގައި ގަސް އިންދާނެކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

މީގެ އިތުރަށް މޭޔަރ ވިދާޅުވީ ތިމާވެށި ދުވަހާއި ދިމާކޮށް އައްޑޫސިޓިގެ ހުރިހާ މުއައްސަސާތަކާއި، ސްކޫލްތަކާއި ގުޅިގެން އައްޑޫގައި ރުއް އަދި ގަސް އިންދުމުގެ ޚާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދާނެކަމަށެވެ.