Last Updated: May 8, 20:35
Wednesday, May 8, 2024
ޚަބަރު

އަލީ ވަހީދު ނަޝީދަށް އަރުވާ އުފަންދުވަހުގެ ހަދިޔާ ވަރަށް ތަފާތު!

އަލީ ވަހީދު އެމްޑީޕީގެ ޖަލްސާއެއްގައި ނަޝީދާއެކު: ފޮޓޯ - ހަވީރު އޮންލައިން

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ 52 ވަނަ އުފަންދުވަސް މިއަދު ފާހަގަކުރަމުން ދާއިރު، އެމަނިކުފާނަށް ސަޕޯޓަރުންނާއި ސަރުކާރުގެ އިސް ވެރިން އަންނަނީ އުފަންދުވަހުގެ ތަހުނިޔާ ރައްދު ކުރަމުންނެވެ. މިފަހަރު ނަޝީދަށް އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އެންމެ ތަފާތު ހަދިޔާއެއް އަރުއްވާ ބޭފުޅަކަށް ވެފައިވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މިހާރުގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދެވެ.

އަލީ ވަހީދު، ރައީސް ނަޝީދުގެ އުފަންދުވަހުގެ ހަދިޔާއަކަށް އަރުވަން ގަސްދު ކުރައްވާފައިވަނީ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ނަޝީދު އަރުވާލެވުނު ރ. އަނގޮޅިތީމު ރަނގަޅު ފަތުރުވެރި މަންޒިލަކަށް ހެދުމެވެ. އަލީ ވަހީދު މިކަން އިއުލާން ކުރެއްވީ ނަޝީދަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ކުރި ޓުވީޓަކުންނެވެ.

އުފަންދުވަހުގެ ތަހުނިޔާ ފޮނުވަމުން އަލީ ވަހީދު ވިދާޅުވީ ނަޝީދަކީ ދިވެހި ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގެ މަންޑޭލާ ކަމަށެވެ. ނަޝީދަކީ ކުރިންވެސް ދެކުނު އޭޝިޔާގެ މަންޑޭލާގެ ގޮތުގައި މަޝްހޫރުވެފައިވާ ލީޑަރެކެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ރާއްޖެއަށް ޑިމޮކްރެޓިކް ނިޒާމެއް ގެނައުމަށް ކުރެއްވި މަސައްކަތުގައި އެކި ފަހަރު މަތިން ޖަލަށް ލެވި އަރުވާލެވުމަށް ފަހު ނަޝީދު ވަނީ ރާއްޖޭގައި ބޭއްވުނު ފުރަތަމަ ގިނަ ޕާޓީ ބައިވެރިވި ރިޔާސީ އިންތިޚާބު 2008 ވަނަ އަހަރު ކާމިޔާބު ކުރައްވާފައެވެ.

ނަމަވެސް ދައުރު ހަމަނުކުރެވި އިސްތިއުފާ ދެއްވުމަށް ފަހު ގިނަ ދުވަސްތަކެއް ރާއްޖެއިން ބޭރުގައި ހޭދަކުރެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މައްޗަނގޮޅި މެދު ދާއިރާއަށް ވާދަކުރައްވައި މަޖިލިސް ގޮނޑި ނަޝީދު ވަނީ ކާމިޔާބު ކުރައްވާފައެވެ.