Last Updated: April 26, 20:24
Friday, April 26, 2024
ކުޅިވަރު

ހާޓްއެޓޭކަށް ފަހު ކަސިއަސް ކުޅުން ހުއްޓާލަނީ

މެޑްރިޑް- 17 މޭއި 2019: ޕޯޓޯގެ ފަރިތަކުރުންތަކުގައި ހުއްޓާ ހާޓްއެޓޭކެއް ޖެހި ފަރުވާ ދިނުމަށްފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ސްޕެއިންގެ ތަޖުރިބާކާރު ކީޕަރ އިކާ ކަސިއަސް ފުޓްބޯޅައިން ރިޓަޔާ ކުރަން ނިންމައިފިއެވެ.

ޕޯޗުގަލްގެ އެފްސީ ޕޯޓޯއަށް ކުޅެމުން އަންނަ ކަސިއަސް ފުޓްބޯޅައިން ރަސްމީކޮށް ރިޓަޔަ ކުރަން ނިންމާފައިވަނީ މިފަހަރުގެ ސީޒަނަށްފަހު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިމަހުގެ 1 ވަނަ ދުވަހު ޕޯޓޯގެ ފަރިތަކުރުން ތަކުގައި ހުއްޓާ ހާޓްއެޓޭކް ޖެހުމާއި ގުޅިގެން އިމަޖެންސީގައި އޭނާއަށް ފަރުވާދިނުމަށްފަހު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. ކަސިއަސް ވަނީ އޭނާއަށް ޕޯޓޯގެ މެޑިކަލް ޓީމުން ދިން އަވަސް ފަރުވާއަށް ޝުކުރު އަދާކޮށްފައެވެ.

ކަސިޔަސްގެ ހިތަށް ކުރިމަތިވި މައްސަލައާ ގުޅިގެން މި ސީޒަނުގައި އޭނާ ދެން ކުޅުމަކީ ދުރު ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ކަސިޔަސް އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނޭ ކާމިޔާބު ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ ގައުމީ ޓީމާއި އަދި ކްލަބު ލެވެލްގައި ކާމިޔާބު ކުރެވެން ހުރި ހުރިހާ ތަށްޓެއް ކާމިޔާބުކޮށްފައެވެ.

އެގޮތުން ކަސިޔަސް ވަނީ ސްޕެއިންގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕާއ ޔޫރޯ ފުޓްބޯޅަ މުބާރާތް އަދި ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގު ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.

ކެރިއަރުގައި މިހާތަނަށް 1000 އަށްވުރެ ގިނަ މެޗު ކުޅެފައިވާ ކަސިޔަސް އަކީ ސްޕެއިންގެ ގައުމީ ޓީމަށް ވެސް އެންމެ ގިނަ މެޗު (167) ކުޅެދިން ކުޅުންތެރިޔާ ވެސް މެއެވެ