Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ހިތަދޫ ކުނި ކޮށީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

އައްޑޫ ކުނިކޮށީގައި ރޯވެފައިވާ އަލިފާންގަޑު ނިއްވުމުގެ މަސައްކަތް ފަޔާ އެންޑު ރެސްކިއުގެ މުވައްޒަފުން ކުރަނީ،

ހިތަދޫ ރުއްޖެހެރަ ސަރަހައްދުގައި ހަދާފައިވާ ކުނި ކޮށީގައި މިއަދު ހެނދުނު ރޯވި އަލިފާންގަޑު ނިއްވާލައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ހިތަދޫ ކުނި ކޮށީގައި ރޯވި އަލިފާންގަޑު އެމްއެންޑީއެފް ސަދަން އޭރިއާ ސިފައިންނާއި، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ނިކުމެ ނިއްވާލައިވާކަމަށެވެ. މި ހާދިސާގައި އެެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ވެމްކޯއިން ބަލަހައްޓަމުން އަންނަ ކުނިކޮށީގައި ރޯވެފައިވާކަން އެތަނުގެ ސެކިއުރިޓީންނަށް އެނގުނީ މިއަދު ހެނދުނު 6:20 ހާއިރުއެވެ. އެވަގުތުން ފެށިގެން ފަޔާް އެންޑު ރެސްކިއުގެ އަލިފާން ނިއްވާ މުވައްޒަފުންނާއި ވެމްކޯގެ މުވައްޒަފުން ނިކުމެ އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ވެމްކޯގެ ސަދަން ރީޖަނަލް މެނޭޖަރ ޝާފިއު ޖަމީލް ވިދާޅުވީ ކުނިކޮށީގައި ރޯވީކަމެއް ނުވަތަ ބަޔަކު ގަސްދުގައި ރޯކޮށްލީކަމެއް އަދި ޔަގީން ނުކާކަމަށެވެ.

ކުނި ކޮއްޓަކީ ވަށައިގެން ދާ ޖަހައި ބަންދުކޮށްފައިވާ ތަނެކެވެ. ނަމަވެސް މި ތަނުގެ ވަށައިގެން ޖަހާފައިވާ ފެންސްގެ ބޮޑު ބައެއް މިހާރު ވަނީ ހަލާކުވެފައެވެ.

ވެމްކޯ އާއި ކުނިކޮށި ހަވާލުކޮށްފައިވަނީ 2017 އެޕްރީލް 1 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެ ފަހުން މިއީ ކުނި ކޮށީގައި ރޯވި ދެެވަނަ ފަހަރެވެ. މީގެ ކުރިން ކުނިކޮށީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ބޯކޮށް ދުން އެރުމުގެ ސަބަބުން ލިންކު ރޯޑުން ދަތުރުކުރުމަށް ހުރަސްއެޅި އައްޑޫގެ އާއްމު ދަތުރުފަތުރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ.